ސާބިތުވި ދައުވާގެ ނަންބަރުތައް | މަރުގެ ދައުވާ %17.2، ޑްރަގް ޓެރެފިކިންގެ %15.8

މަރުގެ މައްސަލަތަކާއި ޑްރަގް ޓްރެފިކިން މައްސަލަތަކުގައި ދައުލަތުން ފާއިތުވި ދިހަ އަހަރު ތެރޭ ހުށަހެޅި މައްސަލަތަކުގެ ބޮޑު އިންސައްތައެއް ނުނިމި އަދިވެސް ކޯޓުތަކުގައި ކުރިއަށްދާކަން ޕީޖީ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ކްރިމިނަލް ކޯޓްގެ ނަންބޯޑް

ފާއިތުވި ދިހަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މަރުގެ މައްސަލަތަކުގައި އުފުލި ދައުވާތަކުގެ ތެރެއިން ސާބިތުވީ 17.2 އިންސައްތަ މައްސަލަ ކަމާއި، ޑްރަގް ޓެރެފިކިން މައްސަލަތަކުގެ ތެރެއިން ސާބިތުވީ 15.8 އިންސައްތަ މައްސަލަކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

"މިރާ"އިން އެދިގެން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހިއްސާކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 2013 ވަނަ އަހަރުން ފެށިގެން 30 ސެޕްޓެންބަރު 2024 އާ ހަމައަށް ޖުމްލަ 110 މަރުގެ މައްސަލައެއްގައި އެ އޮފީހުން ދައުވާކޮށްފައިވެ އެވެ. 

އެ މުއްދަތުގައި ހުށަހެޅުނު މަރުގެ މައްސަލަތަކުގެ ތެރެއިން މިހާރު ކޯޓުގައި ހިނގަމުންދަނީ 43 މައްސަލަ އެކެވެ. 19 މައްސަލައެއް ސާބިތުވާކަމަށް ނިންމާފައިވާއިރު، 25 މައްސަލައެއް ސާބިތުނުވާކަމަށް ކޯޓުތަކުން ނިންމާފައިވެ އެވެ. އެކި ސަބަބުތަކާހުރެ ބާތިލުކޮށްފައިވަނީ 7 މައްސަލައެކެވެ. 

މަރުގެ މައްސަލަތަކުގެ އިތުރަށް މާރާމާރީގެ 1،403 މައްސަލައެއްގައި ޕީޖީ އޮފީހުން އެ މުއްދަތުގައި ދައުވާކޮށްފައިވެ އެވެ. އެ މައްސަލަތަަކުގެ ތެރެއިން 243 މައްސަލައެއް މިހާރު ކޯޓުތަކުގައި ހިނގަމުންދާއިރު، ސާބިތުވެފައިވަނީ 372 މައްސަލަ އެވެ. ސާބިތުނުވާކަމަށް ނިންމާފައިވަނީ 295 މައްސަލައެއްގަ އެވެ. އެކި ސަބަބުތަކާހުރެ ބާތިލުކުރީ 19 މައްސަލަ އެވެ. 

މި މުއްދަތުގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަަތަކުގައި 2،646 ދައުވާއެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކޯޓުތަކަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 901 މައްސަލައެއް ކޯޓުގައި މިހާރުވެސް ދަނީ ހިނގަމުންނެވެ. 

ކޯޓުތަކަށް މި މުއްދަތުގައި ޕީޖީން ހުށަހެޅި ޑްރަގް ޓްރެފިކްކުރުމުގެ މައްސަލަތަކާ ގުޅޭ ދައުވާތަކުގެ ތެރެއިން ސާބިތުވީ 419 މައްސަލައެކެވެ. 487 މައްސަލައެއްގަައި ކޯޓުތަކުން ނިންމާފައިވަނީ ދައުވާ ސާބިތުނުވާ ކަމަށެވެ. 48 މައްސަލައެއް ބާތިލުކޮށްފައިވެ އެވެ. 

މި ހިސާބުތަކަށް ބަލާއިރު މަރުގެ މައްސަލަތަކުގައި އުފުލި ދައުވާތަކުގެ ތެރެއިން މިހާތަނަށް ސާބިތުވާކަމަށް ކަނޑައަޅާފައިވަބީ 17.2 އިންސައްތަ މައްސަލަ އެވެ. އަދި މާރާމާރީގެ މައްސަލަތަކުގައި ސާބިތުވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ 26.5 އިންސައްތަ މައްސަލަ އެވެ. އަދި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަަތަކުގައި އުފުލި ދައުވާތަކުގެ ތެރެއިން ސާބިތުވީ 15.8 އިންސައްތަ ދައުވާ އެވެ. 

އަދި މި މުއްދަތުގެ ތެރޭގައި އުފުލި ޑްރަގް ޓްރެފިކިން ދައުވާތަކުގެ 34.05 އިންސައްތަ މައްސަލަ އަދިވެސް ކޯޓުތަކުގައި ކުރިއަށްދަނީ އެވެ. މަރުގެ މައްސަލަތަކުގެ ތެރެއިން 39 އިންސައްތަ މައްސަލަ ކޯޓުތަކުގައި ނުނިމި ހިނގަމުން ދެ އެވެ. އޭގެ އިތުރަށް މާރާމާރީގެ މައްސަލަަތަކުގެ 17.3 އިންސައްތަ މައްސަލަ އަދިވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ. 

ސާބިތުނުވާ މައްސަލަތަކުގެ ތެރެއިން ވަރަށް ގިނަ މައްސަލަތައް ޕީޖީ އޮފީހުން މަތީ ކޯޓުތަކުގައި އިސްތިއުނާފު ކުރެ އެވެ. އަދި އެ މަރުހަލާގައި އެއިން ވަރަށް ގިނަ މައްސަލަތައް ދައުލަތަށް ކާމިޔާބުވެފައިވެސް އެބަހުއްޓެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.