ބަރުދަން ލުއިކުރާ ބޭސް އަގުހެޔޮކޮށް އުފެއްދުމަށް އިންޑިޔާގެ ބޭސް ކުންފުނިތައް ތައްޔާރުވަނީ

ޑެންމާކު ކުންފުނިން އުފައްދާފައިވާ ބަރުދަން ލުއިކުރާ މަގުބޫލު ބޭސްތަކުގެ ތެރޭގައި ހިމެނޭ އޮޒެމްޕިކްއާއި ވެގޮވީގެ އެންމެ މުހިއްމު މާއްދާކަމަށްވާ ސެމަގްލުޓައިޑްގެ ޕެޓެންޓުތައް އެކި ގައުމުތަކުގއި 2026 ވަނަ އަހަރާ ހަމައަށް ހަމަވާނެ އެވެ.

ބަރުދަން ލުއިކުރުމަށް އެންމެ މަގުބޫލު އޮޒެމްޕެކްގެ އެންމެ މުހިއްމު މާއްދާގެ ޕެޓެންޓުތައް އެފުރިކާއާއި އޭޝިޔާ އަދި އެމެރިކާގެ ގައުމުތަކުގައި 2026 އާ ހަމައަށް ހަމަވާނެ، ފޮޓޯ: ބްލޫމްބާގް

އިންޑިޔާގެ ބާރުގަދަ ކޮޕީކެޓް ބޭސް އުފައްދާ ކުންފުނިތަކުން ބަރުދަން ލުއިކުރާ ބޭސްތައް އަގުހެޔޮކޮށް ބާޒާރަށް ނެރުމަށް ތައްޔާރުވާން ފަށައިފި އެވެ. އަދި އެއާއެކު ބޭހުގެ އަގުގެ ހަނގުރާމައެއް ފެށި ގިނަ ބަޔަކަށް މި ބޭސްތައް ބޭނުންކުރުމުގެ ފުރުސަތު ކުރިއަށް އޮތް ތަނުގައި ފަހިވާނެކަމަށް މާހިރުން ދެކެވަޑައިގަންނަވަ އެވެ. 

ޑެންމާކުގެ ބޭސް ކުންފުނި ނޮވޯ ނޯޑިސްކުގެ ސަކްސެންޑާ ނަމަކަށް ކިޔާ ބަރުދަން ލުއިކުރާ ބޭހުގެ ޖެނެރިކް ބާވަތް އިނގިރޭސިވިލާތުގައި ވިއްކުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ލިބޭ ކުންފުންޏަކީ ބެންގަލޫރުގައި މަރުކަޒުވެފައިވާ ބައޯކޮން އެވެ. އެ ކުންފުނިން އަންނަ ނޮވެންބަރު މަހު އިނގިރޭސި ބާޒާރުގައި އެ ބޭސް ވިއްކާނެ އެވެ. 

ސަކްސެންޑާއަކީ ޖީއެލްޕީ ބޭސް ގިންތީގެ ބޭހެކެވެ. އެ ބޭހަަކީ ނޮވޯ ނޯޑިސްކުގެ މަގުބޫ ޑައެބެޓިކްސް އަދި ބަރުދަން އިތުރުވުމަށް ފަރުވާކުރާ އޮޒެމްޕިކް ޑްރަގަށްވުރެ ދުވަސްވީ ބޭހެކެވެ. 

ފައިނޭންޝަލް ޓައިމްސްއަށް ދެއްވި ބަސްދީގަތުމެއްގައި ބައޯކޮންގެ ސީއީއޯ ސިދާތު މިޓާލްވަނީ އޭނާގެ ކުންފުނިން ސަކްސެންޑާ ވިއްކާނެ އަގު ހާމަނުކުރައްވަައި އެއް އަހަރު ތެރޭގައި އޭނާގެ ކުންފުނިން 18 މިލިއަން ޕައުންޑުގެ ސަކްސެންޑާ އިނގިރޭސި ބާޒާރުގައި ވިއްކާނެ ކަމަށް ވިދާޅުވެފަ އެވެ. އަންނަ މަހު އިނގިރޭސިވިލާތުގައި އެ ބޭހުގެ ޕެޓެންޓުގެ މުއްދަތު ހަމަވުމާއެކު ބައޯކޮންއަށް އެ ބޭސް އެ ގައުމުގައި ވިއްކަން ފެށޭނެ އެވެ. 

އިތުރަށް ސަކްސެންޑާ ވިދާޅުވެފައިވަނީ މި އަހަރުގެ ތެރޭގައި އީޔޫގައިވެސް ސަކްސެންޑާގެ ޖެނެރިކް ބާވަތް ވިއްކުމުގެ ހުއްދަ ލިބޭނެ ކަމަށެވެ. އަދި 2025 ގައި އެ ހުއްދަ އެމެރިކާއިން ދޭނެ ކަމަށްވެސް އޭނާ ލަފާކުރައްވަ އެވެ. 

ޑެންމާކު ކުންފުނިން އުފައްދާފައިވާ ބަރުދަން ލުއިކުރާ މަގުބޫލު ބޭސްތަކުގެ ތެރޭގައި ހިމެނޭ އޮޒެމްޕިކްއާއި ވެގޮވީގެ އެންމެ މުހިއްމު މާއްދާކަމަށްވާ ސެމަގްލުޓައިޑްގެ ޕެޓެންޓުތައް އެކި ގައުމުތަކުގއި 2026 ވަނަ އަހަރާއި 2030 ވަނަ އަހަރާ ދެމެދުގައި ހަމަވާނެ އެވެ. އެއާއެކު އެ މާއްދާ ބޭނުންކޮށްގެން ބޭސްތައް އުފެއްދުމުގެ ހުއްދަ އެހެން ކުންފުނިތަކަށް ލިބޭނެ އެވެ. 

ޕެޓެންޓުގެ މުއްދަތު ހަމަވެ އެހެން ކުންފުނިތަކަށް އެ ބޭހެއްގެ ޖެނެރިކް ބާވަތް އުފެއްދުމަށް މަގުފަހިވުމުން ބޭސް އުފެއްދި ކުންފުނިން އެބޭހެއްގެ މާކެޓު ކޮންޓުރޯލުކުރާ މިންވަރު 80 އިންސައްތަ ދަށްވެ އެވެ. އަދި އެ ބޭހެއްގެ އަގު %20 އާއި %30 އާ ދެމެދުގެ މިންވަރަކަށް ވެއްޓޭކަމަށް މާހިރުން ވިދާޅުވެ އެވެ. 

ނޮވޯޑިސްކްގެ ވެގޮވީއާއި ވާދަވެރި އެލައި ލިލީގެ މޮންޖާރޯ ބޭހަކީ ހަފުތާއަކު އެއްފަހަރު އިންޖެކްޓުކުރަންޖެހޭ ބޭހަކަށްވާއިރު ސަކްސެންޑާއަކީ ދުވާލަކު އެއްފަހަަރު އިންޖެކްޓުކުރަންޖެހޭ ބޭހެކެވެ. ފަހުގެ ބޭސްތައް ބާޒާރަށް ނުކުތުމާއެކު ސަކްސެންޑާ ވިކޭ މިންވަރުވަނީ 36 އިންސައްތަ ދަށްވެފަ އެވެ. 

ބެލެވޭ ގޮތުގައި ނޮވޯ ނޯޑިސްކުގެ ބޭސްތަކުގެ ހަރަކާތްތެރި މާއްދާކަމަށްވާ ސެމަގްލުޓައިޑްގެ ޕެޓެންޓުތަކުގެ މުއްދަތު ހަމަވުމާއެކު އެ ބޭހުގެ ޖެނެރިކް ބާވަތް އުފައްދައި ހެޔޮ އަގުގައި ބާޒާރަށް ނެރުމަށް އެންމެ ބޮޑަށް ތައްޔާރުވެފައިވަނީ އިންޑިޔާގެ ބޭސް ކުންފުނިތަކެވެ. އެއިރުން މިހާރު ވަރަށް ބޮޑު އަގުގައި ވިއްކާ އޮޒެމްޕިކްވެސް އެތައް ގުނައެއް ހެޔޮ އަގުގައި ލިބެން ފަށާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.