އޭސީސީން ބުނީ އެ މައްސަލާގައި އެ ދެ މީހުން އަމަލުކޮށްފައިވަނީ އެ ބިން ގަތް ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ކަމަށެވެ.
މާލެއިން ބިމެއް ވިއްކި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓްރީގެ ތިން އިސްވެރިއެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބިފައިވާ ބައެއް ވިއްކުމުގައި، މަގާގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާތީ، 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ އޭރުގެ ދެ ވެރިއެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަަށެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނާއިބް ނާއިފު ޝައުކަތާއި އެ މިނިސްޓްރީގެ ކޯޑިނޭޓާ ހަސަން ވަހީދުގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދިފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި އެ ގޯތިން ދައުލަތަށް ލިބުނު ބިމާ އިންވެގެން އޮތް ބިމުގެ ވެރިފަރާތުން އެ ބިން ގަތުމަށް އެދުނު ނަމަވެސް، އެ ބިން ވިއްކާފައިވަނީ އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށެވެ. އެ ނިންމުން އެ ގޮތަށް ނިންމާފައިވަނީ، އޭރު ޢަމަލުކުރަމުންދިޔަ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު" އާއި ހިލާފަށް، އިންވެގެން އޮތް ގޯތީގެ ވެރިފަރާތުން އަދި އެހެން ފަރާތަކުން އެބިން ގަންނަން އެދިފައިވަނިކޮން، އެ އެސޫލު އިސްލާހު ކުރަމުންދާ ކަމަށް ބުނެ، އެ ބިން ވިއްކުން މަޑުޖައްސާލައި، އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށް ކަމަަށް އޭސީސީން ބުންޏެވެ.
މީގެ އިތުރުން އެ އުސޫލުގައި، ބިން ވިއްކުމުގެ ކުރިން ގޯތީގެ ބެހެނިވެރިންނާއި ވާރިސުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކު ރަންޖެހޭ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ބިން ގަތުމަށް ހުށަހެޅި ދެފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ނުވާކަން ތަހުގީގަށް ހޯދާފައިވާ ހެކިތަކުން އެނގޭ ކަމަަށާ އަދި އެކަން ކޮށްފައިވަނީ ބިން ވިއްކި ފަރާތަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ބޭނުމުގައި ކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ އެ މައްސަލާގައި އެ ދެ މީހުން އަމަލުކޮށްފައިވަނީ އެ ބިން ގަތް ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަމާއި، އެ އަމަލުތަކުގެ ސަބަބުން އެފަރާތަށް ނާޖާއިޒު މަންފާއެއް ހޯދާދެވިފައިވާކަން ތަހުގީގަަށް ހޯދި ހެކި ގަރީނާއިން އެނގޭ ކަމަށެވެ.
ނާއިފަކީ ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފްގެ އިސްކޮށް ހަރަކާތްތެރިވާ މީހެކެވެ.