މަސް ކުންފުނިތަކަށް މަސް ކިރުވާފައިވާ މިންވަރު އަދި ރާއްޖެއިން މަހުގެ ބާވަތްތައް ބޭރުކުރި މިންވަރުވެސް ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު ވަރަށް ބޮޑަށް ދަށްވެފައިވާކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ފެނެ އެވެ.
މި އަހަރު މސް ކިރުވި މިންވަރު ފާއިތުވި އަހަރާ އަޅާބަލާއިރު %42 ދަށްވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭއިން ކޮންމެ މަހަކު އެއްފަހަރު އާންމުކުރާ އިގުތިސާދީ ތަފާސްހިސާބުތަކަަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ އޯގަސްޓު މަހުގެ ނިޔަލަށް ކިރުވާފައިވަނީ 36،710 މެޓްރިކްޓަނުގެ މަހެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި 63،588 މެޓްރިކްޓަނުގެ މަސް ކިރުވާފައިވެ އެވެ. އެހެންކަަމުން މަސްކިރުވި މިންވަރުވަނީ 42.3 އިންސައްތަ ދަށްވެފަ އެވެ.
ނިމުނު އަހަަރަށްވުރެ ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލި ކިރުވި މިންވަރުވެސް ދަށްވެފައިވާކަން އެމްއެމްއޭގެ ހިސާބުތަކުން ފެނެ އެވެ. އެގޮތުން ކަޅުބިލަމސް ކިރުވި މިންވަރު %46.6 އަދި ރީނދޫ އުރަހަ ކަންނެލި ކިރުވި މިންވަރު %16.6 ދަށްވެފައިވާކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ.
އެގޮތުން ނިމުނު އަހަރުގެ އޯގަސްޓުގެ ނިޔަލަށް 54،334 މެޓްރިކްޓަނުގެ ކަޅުބިލަމަސް ކިރުވާފައިވެ އެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ކިރުވާފައިވަނީ 29،013 މެޓްރިކްޓަނުގެ ކަޅުބިލަމަހެވެ. އަދި ނިމުނު އަހަރު 9،098 މެޓްރިކްޓަނުގެ ރީނދޫ އުރަހަ ކަންނެލި ކިރުވާފައިވެ އެވެ. ނަމަވެސް މި އަހަރު ކިރުވާފައިވަނީ 7،586 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެއްޔެވެ.
މަސް ކުންފުނިތަކަށް މަސް ކިރުވާފައިވާ މިންވަރުގެ އިތުރަށް މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރުކުރި މިންވަރުވެސްވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން ނިމުނު އަހަރުގެ ޖަނަވަރީން އޯގަސްޓުގެ ނިޔަލަށް ޖުމްލަ 56،678 މެޓްރިކް ޓަނުގެ މަހާއި މަހުގެ އުފެއްދުންތައް ބޭރުކުރިއިރު މި އަހަރު އެ އަދަދުވަނީ %46.6 ދަށްވެ 30،241 މެޓްރިކްޓަނަށް ވެއްޓިފަ އެވެ.
ގަނޑުކޮށްގެން ނުވަތަ ތާޒާކޮށް ކަންނެއްޔާއި ކަޅުބިލަމަސް ބޭރުކުރި މިންވަރުވަނީ %45 ދަށްވެފަ އެވެ. ނިމުނު އަހަރު 45،612.9 މެޓްރިކްޓަނުގެ ކަނޑުމަސް ބޭރުކުރިއިރު މި އަހަރު ބޭރުކޮށްފައިވަނީ 25،088.1 މެޓްރިކް ޓަނުގެ ކަނޑު މަހެވެ.