އެމްޑީޕީގެ މެންބަރުންނަށް ސިޓީ ކައުންސިލުން ވަޒީފާ ދީފައިވާކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވުމާ ގުޅިގެން އެ ވާހަކަ އެޑިޓުރުމަށްފަހު ސޯޝަލް މީޑިޔާގައި އާޒިމްގެ ވާހަކަފުޅުގެ ވީޑިޔޯ ޝާއިއުކުރަން ފައްޔާޒު އިރުޝާދު ދެއްވި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ މީހުންނަށް ސިޓީ ކައުންސިލުން ބޮޑު މުސާރާގައި ވަޒީފާތައް ދެމުން އަންނަކަން ވަންހަނާކުރައްވަން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު މަސައްކަތް ކުރައްވައިފި އެވެ.
ކުޅުދުއްފުށީ ސިޓީގައި އެމްޑީޕީން ކުރިއަށްގެންދާ "ލާމަރުކަޒީ ގުޅުން" މަހާސިންތާގަައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްވަނީ ސަރުކާރުން ކައުންސިލަށް އެއްބާރުލުންދީ، ކައުންސިލުގެ ކަންކަމުގައި އޭނާ އެދިވަޑައިގަންނަވާ ހުރިހާ ކަމެއް ސަރުކާރުން ހަމަޖައްސައިދެމުންދާ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން ސިޓީ ކައުންސިލަށް 15 ކޮންސަލްޓެންޓުން ބޭނުންވެގެން އެކަންވެސް ސަރުކާރުގެ އެއްބާރުލުމާއެކު ހަމަޖައްސާފައިވާކަމަށާއި، އެ 15 ކޮންސަލްޓެންޓުންގެ ތެރެއިން އެއް ބޭފުޅަކު ފިޔަވައި ހުރިހަ ބޭފުޅުންނަކީ އެމްޑީޕީގެ މެންބަރުންކަމަށްވެސް އާޒިމް ވިދާޅުވި އެވެ.
"ކައުންސިލު ތެރޭގެ ހުރިހާ ކަމެއްވެސް އަޅުގަނޑު ބުނާ ކަމެއްވެއްޖެއްޔާ ހަމަަ ކޮށްދޭ. އަޅުގަނޑު ކޮންސަލްޓެންޓުން ނަގަން ބޭނުންވީމާ ހަމަ 15 ކޮންސަލްޓެންޓުން ނަގައިގެން [ކުރިއަށް މިގެންދަނީ]. ހަމަަަ އަޅުގަނޑުމެން ޕާޓީގެ މެންބަރުން އެތިބީ އެންމެ މީހަަކު ފިޔަވައި،" ފައްޔާޒު ވިދާޅުވި އެވެ.
މޭޔަރުގެ އެވާހަކަފުޅަށްފަހު ފައްޔާޒުވަނީ މޭޔަރުގެ ވާހަކަފުޅު ސޯޝަލް މީޑިޔާއަށް ޕޯސްޓުކުރާއިރު އެމްޑީޕީގެ މެންބަރުން ސިޓީ ކައުންސިލުގެ ކޮންސަލްޓެންޓުންގެ ގޮތުގައި ނަގާފައި ތިބި ވާހަކަ އުނިކުރުމަށްފަހު ވީޑިޔޯ ޕޯސްޓުކުރުމަށް ސިޓީ ކައުންސިލުގެ މީޑިޔާ ކަންކަމުގައި އުޅުއްވާ ބޭފުޅަކަށް އިރުޝާދު ދެއްވާފަ އެވެ.
"ޝަތޫ ތި ޓުވީޓުކުރައްވަންޏާ އެޑިޓުކޮށްލައްވައްޗޭ އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންނަށް ކޮންސަލްޓެންޓުކަން ދީފައި އޮތް ތަންކޮޅު،" ފައްޔާޒު ވިދާޅުވި އެވެ.
މިކަމާ ނުރުހުންވެ ގިނަ ބަޔަކު އަންނަަނީ އެމްޑީޕީއަކީ ކަންކަމުގެ ހަގީގަތް އޮޅުވައިލާ ޕާޓީއެއްކަން ސާބިތުވެއްޖެކަމަށް ބުނެ ފައްޔާޒަށާއި އެ ޕާޓީއަށް ވަރަަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި އެ ޕާޓީން ކަންކަން ކުރާ ގޮތަށް ފައްޔާޒު އަމަަލުކުރެއްވި ގޮތުން ވަރަށް ބޮޑަށް ސާފުވާކަމަށްވެސް އާންމުން އަންނަނީ ބުނަމުންނެވެ.