އެމްޑީޕީއަށް ނިސްބަތްވާ 15 ކޮންސަލްޓެންޓެއް ސިޓީ ކައުންސިލަށް ނަގާފައިވާަ ވާހަކަ މޭޔަރު ވިދާޅުވުމުން އެވާހަކަ ސޯޝަލް މީޑީޔާއަށް ތިލަވިޔަނުދޭން ފައްޔާޒު އުޅުއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އާނާއަށް އަމާޒުވެފައިވެ އެވެ.
މިއަދު އެމްޑީޕީން ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދިޔަ ލާމަރުކަޒީ ކޮންފަރެންސްގައި މާލެ ސިޓީގެ މޭޔަރު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ސިޓީ ކައުންސިލުގެ ކަންކަމަށް އެއްބާރުލުން ލިބޭކަމަށް ވިދާޅުވެ، ކައުންސިލުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 15 ކޮންސަލްޓެންޓުން ތިބިކަން ފާހަގަކުރެއްވުމުން އެ ވާހަކަފުޅު ސޯޝަލް މީޑިޔާއަށް ތިލަވިޔުނުދެއްވުމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާައިލު އުޅުއްވީ ފުނަދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު މަމްދޫހު ފާޑުވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ކޮންފަރެންސްގައި ވާަހަކަދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ ކައުންސިލުގެ ކަންކަމުގައި އޭނާއަށް ސަރުކާރުގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބެމުންދާ ކަމަށެވެ. އަދި އެދޭ ކޮންމެ ކަމެއްވެސް ކޮށްދެމުންދާކަަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ އޭނާ އެދިވަޑައިގަތުމުން ކައުންސިލަށް 15 ކޮންސަލްޓެންޓުން ނެގުމަށްވެސް ހުއްދަ ދީފައިވާ ކަމަށެވެ.
"ކައުންސިލު ތެރޭގެ ހުރިހާ ކަމެއްވެސް އަޅުގަނޑު ބުނާ ކަމެއްވެއްޖެއްޔާ ހަމަަ ކޮށްދޭ. އަޅުގަނޑު ކޮންސަލްޓެންޓުން ނަގަން ބޭނުންވީމާ ހަމަ 15 ކޮންސަލްޓެންޓުން ނަގައިގެން [ކުރިއަށް މިގެންދަނީ]. ހަމަަަ އަޅުގަނޑުމެން ޕާޓީގެ މެންބަރުން އެތިބީ،" ފައްޔާޒު ވިދާޅުވި އެވެ.
މޭޔަރުގެ އެވާހަކަފުޅަށްފަހު ފައްޔާޒުވަނީ މޭޔަރުގެ ވާހަކަފުޅު ސޯޝަލް މީޑިޔާއަށް ޕޯސްޓުކުރާއިރު އެމްޑީޕީގެ މެންބަރުން ސިޓީ ކައުންސިލުގެ ކޮންސަލްޓެންޓުންގެ ގޮތުގައި ނަގާފައި ތިބި ވާހަކަ އުނިކުރުމަށްފަހު ވީޑިޔޯ ޕޯސްޓުކުރުމަށް ސިޓީ ކައުންސިލުގެ މީޑިޔާ ކަންކަމުގައި އުޅުއްވާ ބޭފުޅަކަށް އިރުޝާދު ދެއްވާފަ އެވެ.
"ޝަތޫ ތި ޓުވީޓުކުރައްވަންޏާ އެޑިޓުކޮށްލައްވައްޗޭ އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންނަށް ކޮންސަލްޓެންޓުކަން ދީފައި އޮތް ތަންކޮޅު،" ފައްޔާޒު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަމްދޫހު ވިދާޅުވީ، މޭޔަރު ކަމުގައި ހުންނެވި ބޭފުޅެއްގެ ސިޔާސީ ކުލައަށް ނުބަލައި ސަރުކާރުން ދިވެހިންގެ ހައްގުގައި ބޮޑެތި އެހީތަކާއި ބޭނުންވާ ހުރިހާ އެއްބާރުލެއް ދެމުންދާ ކަމަށް އާޒިމް ވިދާޅުވުމުން އަދުގެ ސަރުކާރުން ސިޔާސީ ވިސްނުމުގެ ކުރިއަށް ގައުމީ ވިސްނުން އިސްކުރާކަަން ސާފުވާ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ އަދި ވީޑިޔޯގެ ބައެއް އުނިކޮށް ކަންކަން އޮޅުވައިލުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު އިރުޝާދު ދެއްވުމުން ކަންކަން ދިވެހިންނަށް އޮޅުވައިލުމަށް އެ ޕާޓީން މަސައްކަތްކުރާ ވަރު ސާފުވާ ކަމަށެވެ.
"ދިވެހިން މިއަދު މާބޮޑަށްވެސް ހޭލުންތެރި. އެމްޑީޕީން ކިތަންމެ ވަރަކަށް ކަަންކަން އޮޅުވައިލަން މަސައްކަތްކުރިޔަސް އެކަމެއް ނުވާނެ،" އެމްޑީޕީން ކަންކަމުގެ ހަގީގަތް އޮޅުވައިލަން އުޅުނަސް އެކަން ކާމިޔާބުވާ ވަރަށްވުރެ ދިވެހިން ހޭލުންތެރިކަން ފާހަގަކުރައްވަަމުން މަމްދޫހު ވިދާޅުވި އެވެ.