މި އަހަރުގެ ޖަނަވަރީން ސެޕްޓެންބަރު މަހުގެ ނިޔަލަށް ޓޫރިޒަމް ސިނާއަތުން އެކަނި ދައުލަތަށް 621.35 މިލިއަން ޑޮލަރު (9.5 ބިލިއަން) ރުފިޔާގެ އާމްދަނީއެއް ލިބުނުކަމަށް މީރާގެ ހިސާބުތަކުން ދައްކަަ އެވެ.
ޓޫރިޒަމް ސިނާއަތުން ވިޔަފާރީގެ އާމްދަނީގެ ޓެކުހާއި، އެއާޕޯޓު ޑިވެލޮޕްމެންޓު ފީ ނުހިމަނައި، ދައުލަތަށް 600 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.
އާމްދަނީގެ ޓެކުހުގައި އަދި އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި ލިބޭ އާމްދަނީގެ ތެރެއިން ސީދާ ފަތުުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީއަކީ ކޮބައިކަން މީރާގެ ހިސާބުތަކުން ސާފުނުވެ އެވެ. ނަމަވެސް ސީދާ ޓޫރިޒަމާ ގުޅުންހުރި އެކި ދާއިރާތަކުން ދައުލަތަށް ލިބުނު އާމްދަނީ މީރާގެ ހިސާބުތަކުން ދައްކާ ގޮތުގައި 621 މިލިއަން ޑޮލަރު ނުވަތަ 9.5 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރަ އެވެ.
އެގޮތުން ޓޫރިޒަމް ދާއިރާއިން ނަގާ މައިގަނޑު ދެ ޓެކްސް ކަމުގައިވާ ގްރީން ޓެކުހާއި ޓީޖީއެސްޓީގެ ގޮތުގައި އަށް ބިލިއަނެއްހައި ރުފިޔާ ލިބިފައިވެ އެވެ. އެގޮތުން ގްރީން ޓެކްސްގެ ގޮތުގައި 52.7 މިލިއަން ޑޮލަރު (808.2 މިލިއަން ރުފިޔާ) ދައުލަތަށް ލިބުނެވެ.
ޓީޖީއެސްޓީގެ ގޮތުގައި ސެޕްޓެންބަރު މަހުގެ ނިޔަލަށް 469.05 މިލިއަން ޑޮލަރު (7.1 ބިލިއަން ރުފިޔާ) ލިބުނުކަމަށް މީރާގެ ހިސާބުތަކުން ދައްކަ އެވެ. އަދި ޓޫރިޒަމް ބޭނުންތަކަށް ދޫކުރި ބިންތަކުގެ އިކުއިޒިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި 6.3 މިލިއަން ޑޮލަރު (97.5 މިލިއަން ރުފިޔާ) ދައުލަތަށް ލިބިފައިވެ އެވެ.
އޭގެ އިތުރަށް ޓޫރިޒަަމްގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި އެ މުއްދަތުގައި 92.3 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) ދައުލަތަށް ލިބުނެވެ. އަދި ޓޫރިޒަމް އެޑްމިނިސްޓްރޭޝަން ފީގެ ގޮތުގައި އިތުރު އެއް މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
މި ހިސާބުތަކަށް ބަލާއިރު ޖަނަވަރީ މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތަށް ސީދާ ޓޫރިޒަމް ސިނާާއަތުން 621.35 މިލިއަން ޑޮލަރު (9.5 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބިފައިވެ އެވެ.