ފާއިތުވި ހަތަރު މަހު ބޭންކުތަކަށް ޑޮލަރު ޖަމާކުރި މިންވަރު ދަށަށް

މިދިޔަ ހަތަރު މަހު ބޭންކުތަކަށް ޑޮލަރު ޖަމާކުރި މިންވަރު މަދުވެފައިވާކަމަށާއި، ޖުލައި މަހުގައި ޑޮލަރު ޖަމާކުރި މިންވަރު 1.4 އިންސައްތައަށް ވެއްޓުނުކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ބޭންކުތަކަށް ރިސޯޓުތަކުން ވިއްކާ ޑޮލަރު މަދުވިއިރު އެމްއެމްއޭއިން ދޫކުރި ޑޮލަރު އިތުރުވި، ފޮޓޯ: މިހާރު

ފާއިތުވި ހަތަރު މަހު ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު ޖަމާކުރި މިންވަރު ދަށްވެފައިވާކަމަށް ވޯލްޑް ބޭންކުން ރިޕޯޓުކޮށްފި އެވެ. 

ވޯލްޑް ބޭންކުން އޮކްޓޯބަރު ދިހަވަނަ ދުވަހު އާންމުކުރި މޯލްޑިވްސް ޑިވެލޮޕްމެންޓު ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ބޭންކުތަކުގައި އެކަށީގެންވާ މިންވަރަށް ކެޕިޓަލް އެބަހުއްޓެވެ. އަދި 2022 ވަނަ އަހަރުން ފެށިގެން އަމިއްލަ ފަރާތްތަކަށް ބޭންކުތަކުން ދޫކުރާ ލޯނުގެ އަދަދު އިތުރުވަމުންދާކަން ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެ އެވެ. 

އެގޮތުން މި އަހރުގެ ޖުލައި މަހު ނިމުނު އަހަރާ އަޅާބަލާއިރު ލޯނު ދޫކުރި މިންވަރު 12 އިންސައްތަ އިތުރުުވެފައިވާކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބަޔާންކޮށްފަައިވެ އެވެ. އެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ބޭންކުތަކުން ލޯނު ދޫކުރާ މިންވަރު އެންމެ ބޮޑަށް އިތުރުވީ ފަރުދުންގެ ބޭނުންތަކަށް ދޫކުރާ ލޯނާއި ކޮންސްޓްރަކްޝަން ދާއިރާއަށް ދޫކުރި ލޯނުތަކެވެ. 

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ފަރުދުންގެ އަމިއްލަ ބޭނުންތަކަށް ދޫކުރާ ޕާސަނަލް ފައިނޭންސް ލޯނުތައް ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު 27 އިންސައްތަ އިތުރުވި އެވެ. އަދި ކޮންސްޓްރަކްޝަން ދާއިރާއަށް ދޫކުރި ލޯނުތައް އަހަރުން އަހަރަށް 25 އިންސައްތަ އިތުރުވެފައިވެ އެވެ. 

ނަމަވެސް ދިވެހި ރުފިޔާ އަދި ބޭރު ފައިސާ ބޭންކުތަކަށް ޖަމާކުރާ މިންވަރު ފާއިތުވި އަހަރަށްވުރެ މި އަހަރު އިތުރުވި މިންވަރު މަޑުޖެހިފައިވާކަން އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ފާއިތުވި އަހަަރު ދިވެހި ރުފިޔާ ޖަމާކުރި މިންވަރު 8 އިންސައްތައިން އިތުރުވި ނަމަވެސް މި އަހަރު ރުފިޔާ ޖަމާކުރި މިންވަރު އިތުރުވީ ހަތަރު އިންސައްތައިންނެވެ. 

ބޭރު ފައިސާ ބޭންކުތަކަށް ޖަމާކުރާ މިންވަރު ފާއިތުވި ހަތަރު މަހުވެސް ދަށްވެފައިވާކަން ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކުރި އެވެ. އެގޮތުން ބޭރު ފައިސާ ޖަމާކުރި މިންވަރު 1.4 އިންސައްތައަށް ޖުލައި މަހު ދަށްވިކަމުގައި އެ ބޭންކުން ބުނެ އެވެ. މިކަމުގެ ސަބަބުން ބޭރު ފައިސާގެ ލިކުއިޑިޓީ ނުވަތަ ބޭނުންކުރެވޭ ގޮތަށް ހުރި ބޭރު ފައިސާގެ އަދަދު މަދުވެފައިވާކަން އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. 

ބޭންކުތަކަށް ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމުގެ ގޮތުން ޓޫރިޒަަމް ދާއިރާއަށް ބޭރު ފައިސާއިން ލިބޭ މުޅި އާމްދަނީ ރާއްޖޭގެ ބޭންކަކަށް ޖަަމާކުރުން ލާޒިމުކޮށް އެމްއެމްއޭއިން ގަވާއިދެއް އެކުލަވައިލާފައިވެ އެވެ. އަދި ބޭންކުތަކުން ބޭރު ފައިސާއިން ދޭ ހިދުމަތްތައް ފުޅާކުރުމަށް ބޭންކުތަކަށް ބޭނުންކުރެވޭ ގޮތަށް ލިބޭ ބޭރު ފައިސާ އިތުރުކުރުމަށް ޓޫރިޒަަމް ސިނާއަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން މިންވަރެއް ބޭންކުތަކަށް މާރުކުރުންވެސް ލާޒިމުކޮށްފައިވެ އެވެ. 

އެގޮތުން ރިސޯޓުތަކާއި ހޮޓާތަކާއި ޔޮޓު ސަފާރީތައް ފަދަ އެސްޓަބްލިޝްމެންޓުތަކުން އެތަންތަނުން ހިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ބޭންކަކަށް މާރުކުރަންޖެހޭ އެމްއެމްއޭއިން ހަމަޖައްސާފައިވެ އެވެ. އަދި ގެސްޓުހައުސްތަކުން ފަތުރުވެރިއެއްގެ ބޮލަކަށް 25 ޑޮލަރު މާރުކުރުން ލާޒިމުކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.