މާލީ އިސްލާހުތައް ފަސްކޮށްފިނަމަ ރާއްޖޭގެ އިގުތިސާދަށް ކުރިން ކުރިމަތިވެފައިނުވާ ފަދަ ލޮޅުމެއް ކުރިމަތިވެދާނެކަމުގެ އިންޒާރު ވޯލްޑް ބޭންކުން ދީފި އެވެ.
އެ ބޭންކުން މިފަދައިން އިންޒާރުކުރީ މިއަދު އެ ބޭންކުން ނެރުނު "މޯލްޑިވްސް އިކޮނޮމިކް އަޕްޑޭޓް" ރިޕޯޓުގަ އެވެ. ބޭރުގެ ދަރަންޏާއި ދައުލަތުގެ ހަރަދުބަރަދުގެ ދާއިރާއިން ރާއްޖެއަށް ކުރިމަތިވެފައިވާ ހިރާސްތަކާއެކު، ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހޭދަ އިތުރުވެފައިވުމަކީ ރާއްޖޭގެ އިގުތިސާދީ މުސްތަގުބަލު ބަނަވެދާނެ ބޮޑެތި ސަބަބުތަކެއް ކަމުގައި ވޯލްޑް ބޭންކުން ފާހަގަކުރި އެވެ.
ބޮޑު އަގުގައި ދަރަންޏަށް ފައިސާ ނަގާއިރު ގެންނަން ނިންމާފައިވާ މާލީ އިސްލާހުތައް ތަންފީޒުނުކުރެވޭނަމަ ދަރަނީގެ ނުވަތަ މާލީ ދެމެހެއްޓެނެވިކަމަށް ލޮޅުން އެރުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށް ވޯލްޑް ބޭންކުން ބުނެފައިވަނީ މިހާރުވެސް ރާއްޖެ އޮތީ ދަރަނި އަދާކުރަން ދަތިވާ ހާލަތެއްގައި ކަމަށެވެ.
އެގޮތުން ބޭރު ފައިސާއިން ދައުލަތަށް ލިބޭ އާމްދަނީން މިންވަރެއް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ސަރުކާރުން ޖަމާކުރަމުން ދިޔަ ނަމަވެސް އޯގަސްޓު މަހުގެ ނިޔަލަށް އެ ފަންޑުގައި ހުރި 65 މިލިއަން ޑޮލަރަކީ މެދު ރާސްތާގައި ރާއްޖެއިން އަދާކުރަންޖެހޭ ބޭރުގެ ދަރަންޏާ އަޅާބަލާއިރު ވަރަށް ކުޑަ އަދަދެއްކަން އެ ރިޕޯޓުގައި ފާހަގަކުރި އެވެ.
2026 ވަނަ އަހަރު ރާއްޖެއިން އެއް ބިލިއަން ޑޮލަރު ދަރަނި އަދާކުރުމަށް ހަރަދުކުރަންޖެހެ އެވެ. އަދި 2025 ގައި 500 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ދަރަނި އަދާކުރަން ހަރަދުކުރަންޖެހޭނެ އެވެ.
އިތުރަށް ވޯލްޑް ބޭންކުން ފާހަގަކުރި ގޮތުގައި އެސްޑީއެފްގައި މެދުރާސްތާގައި އަދާކުރަންޖެހޭ ދަރަންޏާ އަޅާބަލާއިރު ފައިސާ ހުރި މިންވަރު މަދުވުމުންނާއި، ބޭރުގެ ދަރަނީގެ ބޮޑުމިނާއި ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް ހީނަރުވެފައިވާ މިންވަރަށް ބަލާއިރު ކުރު މުއްދަތުގައި (އެއް އަހަރު ތެރޭ) އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށް އެސްޑީއެފް ބޭނުންކުރުމަށް އޮންނަ ފިއްތުން ބޮޑުވާނެ ކަމަށެވެ.
ދުނިޔޭގެ އިގުތިސާދީ ހާލަތަށް ބަލާއިރު ޗައިނާ ފަދަ ބޮޑެތި އިގުތިސާދުތައް މަޑުޖެހެމުންދާ ދިއުމާއި މެދުއިރުމަތީގައި ހިނގާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގަށް އަވަސް އަވަހަށް އަންނަމުންދާ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖެއަށް ފޯރާނެ ކަމުގައި އެ ބޭންކުން ދެކެ އެވެ. ހާއްސަކޮށް ރާއްޖެއަށް ފަތުރުވެރިން އަންނަ މައިގަނޑު މާކެޓުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ އަދި ޔޫރަޕުގެ އިގުތިސާދު މަޑުޖެހޭނަމަ އެކަމުން ރާއްޖޭގެ އިގުތިސާދަށް އަސަރުކުރާނެކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.
ކުރިއަށް އޮތް އަހަަރުތަކުގައިވެސް ދައުލަތުގެ ޖުމްލަ ދަރަނި (ސަރުކާރުގެ ސީދާ ދަރަންޏާއި ގެރެންޓީ ދީފައިވާ ދަރަނި) ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 118 އިންސައްތާގައި ހުންނާނެކަމަށް ލަފާކޮށް، ވޯލްޑް ބޭންކުން ބުނެފައިވަނީ ދައުލަތުގެ ދަރަނި އެހާ ބޮޑުވުމައި ދަރަނި ރީފައިނޭންސްކުރުމުގެ ހަރަދުތައް ބޮޑުވުމުން ބޭރާއި އެތެރޭގެ ލޮޅުންތަކަށް ރާއްޖެ ހުޅުވި ފައްކާވެފައިވާ ކަމަށެވެ.
އިގުތިސާދު ފުޅާވުމުގެ ފުރުސަަތު އޮތް ނަމަވެސް ހަރުދަނާ ގޮތެއްގައި ދަރަނި މެނޭޖުކުރުމަކީ މާލީ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަށް އެންމެ ބޮޑު އިސްކަމެއް ދޭންވީ އެއްކަންތައް ކަމުގައި ރިޕޯޓުގައި ފާހަގަކުރި އެވެ. އެގޮތުން އިގުތިސާދީ ކުރިއެރުން ހަރުދަނާކުރާ އިންވެސްޓުމެންޓުތަކުގެ ހަރަދު ކުޑަކުރަންޖެހޭކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
ދަރަންޏާއި ހަރަދުބަރަދުގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަކީ މާލީ އަދި ބޭރުގެ ދަރަނީގެ ތިލަފަތްހަމަނުވުމުގެ މައްސަލަ ހައްލުކުރުމަށް ޒަރޫރީ ކަންތައްތަކެއްގެ ގޮތުގައި ފާހަގަކޮށް ވޯލްޑް ބޭންކުން ބުނެފައިވަނީ އެކަން ހާސިލުކުރުމަށް މިހާރުން މިހާރަށް ފެބްރުއަރީގައި ސަރުކާރުން އިއުލާނުކުރި މާލީ އިސްލާހުތައް ތަންފީޒުކުރަންޖެހޭ ކަމަށެވެ.
އެ މާލީ އިސްލާހުތަކުގެ ތެރޭގައި އެންމެނަށް ދެމުން އައި ސަބްސިޑީ ހައްގުވެރިންނަށް އެކަނި ލިބޭނެފަދަ ކޭޝް ޓްރާންސްފާ މެކޭނިޒަމް ގާއިމުކުރުމާއި، ސިއްހީ ހިދުމަތުގެ ކަވަރޭޖް ދެމުން އަންނަ ގޮތަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ވަކި ހަމަތަކެއް ހިފަހައްޓައި ކެޕިޓަލް ހަރަދު އުސޫލެއްގެ ތެރެއިން ކުރުން ހިމެނެ އެވެ.
ވޯލްޑް ބޭންކުން އިތުރަށް ފާހަގަކުރި ގޮތުގައި މާލީ އިސްލާހުތައް ގެންނައިރު އެ އިސްލާހުތަކުން ނުރަނގަޅު އަސަރުކުރާނެ މީހުން ދެނެގަނެ އެ އަސަރުތައް ކުޑަކުރަން ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެކެވެ. އަދި އާންމުންނަށް އިސްލާހުތަކާ ގުޅޭ މައުލޫމާތު އެކަށީގެންވާ ވަގުތުގައި ރަނގަޅަށް ފޯރުކޮށްދިނުމަކީވެސް ޒަރޫރީ ކަމެއްގެ ގޮތުގައި އެ ބޭންކުން ދެކެ އެވެ.
"އިތުރަށް މާލީ އިސްލާހުތައް ފަސްކޮށްފިނަމަ އިންވެސްޓަރުންގެ އިތުބާރު އިހުނަށްވުރެ ހީނަރުވެ، ކުރިން ކުރިމަތިވެފައި ނެތް މިންވަރުގެ އިގުތިސާދީ ލޮޅުމެއް ރާއްޖެއަށް ކުރިމަތިވެދާނެ،" ރިޕޯޓުގައި ބުނެފައިވެ އެވެ.