ބޭންކުތަކުން ދޫކުރި ލޯނުތައް | ފަރުދުންގެ އަމިއްލަ ބޭނުންތަކަށް ދޫކުރި ލޯނު އިތުރުވެއްޖެ

ފަރުދުންގެ އަމިއްލަ ބޭންކުތަކަށް ދޫކުރި ލޯނުގެ އަދަދު އޯގަސްޓު މަހުގައި 29 އިންސައްތަ އިތުރުވެފައިވާއިރު، އެ ބާވަތުގެ ލޯނުތައް އިތުރުވުމަކީ އުފެއްދުންތެރި ކަންކަމަށް ބޭންކުތަކުން ލޯނު ދޫކުރުން މަދުވާ ސަބަބެއްކަމަށް އައު ގަވަނަރު ވިދާޅުވި

މޯލްޑިވްސް އިސްލާމިކް ބޭންކް -- ދަމިރާ

އޯގަސްޓު މަހުގައި ޕާސަނަލް ލޯނުތައް ބޭންކުތަކާއި މާލީ އިދާރާތަކުން ދޫކުރި މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފާހަގަކޮށްފި އެވެ. 

އެ އޮތޯރިޓީން މަހަކު އެއްފަހަރު ނެރޭ އިކޮނޮމިކް އަޕްޑޭޓުގައި ބުނެފައިވާ ގޮތުން ވިޔަފާރި ބޭންކުތަކުން ދޫކުރި ލޯނުގެ އަދަދު 11 އިންސައްތައަށް ޖުލައި މަހުގައި ހުރި 12 އިންސައްތައިން ދަށްވެފައިވެ އެވެ. 

އެހެންނަމަވެސް އެމްއެމްއޭއިން ފާހަގަކޮށްފައިވަނީ ވިޔަފާރި ބޭނުންތައް ފިޔަވައި ޓޫރިޒަމާއި ކޮންސްޓްރަކްޝަނައި ރިއަލް އެސްޓޭޓް އަދި ޕާސަނަލް ލޯނުތައް ދޫކުރި މިންވަރު އޯގަސްޓު މަހުވަނީ އިތުރުވެފަ އެވެ. 

އެންމެ ބޮޑަށް އިތުރުވީ ޕާސަނަލް ލޯނު ދޫކުރި މިންވަރެވެ. އެގޮތުން އޯގަސްޓު މަހުގައި ފަރުދުންގެ އަމިއްލަ ބޭނުންތަކަށް ދޫކުރި ލޯނުގެ އަދަދުވަނީ 29 އިންސައްތަ އިތުރުވެފަ އެވެ. ދެން އެންމެ ބޮޑަށް އިތުރުވީ ކޮނސްޓްރަކްޝަން ދާއިރާއަށް ދޫކުރި ލޯނުތަކެވެ. 

ބޭންކުތަކުން ދޫކުރި ލޯނުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކުރި ލޯނުތަކެވެ. އަހަރުން އަހަރަށް ބަލާއިރު ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކުރި ލޯނުތައްވަނީ %8 އިތުރުވެފަ އެވެ. 

އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި ޕާސަނަލް ލޯނުތައް އިތުރުވީ މައިގަނޑު ގޮތެއްގައި ކްރެޑިޓް ލައިންތައް ކަމުގައިވާ ކްރެޑިޓް ކާޑާއި އާންމު ބޭނުންތަކަށް މުދާ ގަތުމަށް ދޫކުރާ ކްރެޑިޓު އިތުރުވުމުގެ ސަބަބުންނެވެ. ނަމަވެސް އޯގަސްޓު މަހު ދަރިވަރުންނަށް ދޫކުރި ލޯނުތައްވަނީ މަދުވެފަ އެވެ. 

ޓޫރިޒަމް ދާއިރާއަށް ދޫކުރި ލޯނުގެ އަދަދު އަހަރުން އަހަރަށް އިތުރުވެފައިވަނީ ރިސޯޓުތައް އާބާތުރަ ފިލުވައި މަރާމާތުކުރުމަށް ދޫކުރި ލޯނާއި، އައު ރިސޯޓުތައް ތަރައްގީކުރުމަށް ދޫކުރި ލޯނުތަކާއި ވޯކިން ކެޕިޓަލުގެ ގޮތުގައި ދޫކުރި ލޯނުތައް އިތުރުވުމުގެ ސަބަަބުންނެވެ. 

ފަރުދުންގެ އަމިއްލަ ބޭނުމަށް ބޭންކުތަކުން ދޫކުރާ ލޯނުތައް އިތުރުވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފާހަގަކުރައްވާފައިވެ އެވެ. 

އެގޮތުން އޭނާ ވިދާޅުވީ މީގެ ހަތް ވަރަކަށް އަހަރު ކުރިން ފަރުދުންގެ އަމިއްލަ ބޭނުންތަަކަށް ބޭންކުތަކުން ދޫކުރާ ލޯނުތަކަކީ ބޭންކުތަކުގެ ލޯނުތަކުގެ ދެތިން ހަތަރު އިންސައްތަ ކަމަށެވެ. ނަމަވެސް ފާއިތުވި ހަތް ވަރަކަށް އަހަރު ތެރޭގައި އެ ނިސްބަތް 10 އިންސައްތައަށް އެ ލޯނުތައް އިތުރުވެފައިވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެ ބޭފުޅުންނަށް ލޯނު ލިބެންޖެހޭ މިންގަނޑުތައް ހަރުދަނާކުރަންޖެހޭ ކަމުގައި. މިސާލަކަށް މިހާރު ވެދާނެ އެ ބޭފުޅުންނަށް ވަރަށް ފަސޭހައިން ލޯނު ލިބޭތީވެ ނަގާފައި ހަރަދުކޮށްލަނީ. ކޮންޒަމްޕްޝަން ޕާޕޯސްއަށް އެހައި ބައިވަރު ލޯނުތައް ދިއުމަކީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް ކަންނޭނގޭ. ބޭންކުތަކުން ބޮޑަށް ލޯނު ދޭންޖެހެނީ ޕްރޮޑަކްޓިވް ކަންކަމަށް،" މުނައްވަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.