އެޑިއުކޭޝަން މިނިސްޓްރީގެ އައު ވެބްސައިޓުގައި ރާއްޖޭގެ ކޮންމެ ސުކޫލަކަށް ހާއްސަ ވެބްޕޭޖެއް ހިމަނާފައިވާއިރު، އެ ދާއިރާގެ ތަފާސްހިސާބުތައް އަދާހަމަކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ.
ރާއްޖޭގައި ހިންގާ ހުރިހާ ސުކޫލުތަކެއްގެ މައުލޫމާތު އެއްތަނަކުން ފެންނާނެ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓު އައުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ވެބްސައިޓަކީ 2012 ވަނަ އަހަރު ހެދި ވެބްސައިޓެކެވެ. 12 އަހަރު ފަހުން މިއަދު ވެބްސައިޓު އައުކޮށްފައިވާއިރު ކުރިން ވެބްސައިޓުން ނުލިބޭ ވަރަށް ގިނަ މައުލޫމާތު އައު ވެބްސައިޓުން ފެންނާނެ އެވެ.
މިއަދު އިފުތިތާހުކުރި އައު ވެބްސައިޓާ ގުޅޭ ގޮތުން މިއަދު އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވީ މި ވެބްސައިޓުގައި ރާއްޖޭގެ ތައުލީމީ ދާއިރާގެ ތާރީހުގެ އެކި މައުލޫމާތުތައް ފެންނަން ހުންނާނެ ކަމަށެވެ.
އޭގެ އިތުރަށް ކޮންމެ ސުކޫލަކަށް ވަކި ހާއްސަ ވެބްޕޭޖެއްވެސް ވެބްސައިޓުގައި ހުންނާނެ އެވެ. ފާއިތުވި 100 އަހަރު ތެރޭ ރާއްޖޭގައި ބިނާކޮށް ހިންގި ހުރިހާ ސުކޫލެއްގެ މައުލޫމާތު އެ ވެބްސައިޓުގެ ޒަރީއާއިން ފެންނާނެ އެވެ.
އޭގެ އިތުރަށް ތައުލީމީ ދާއިރާގެ މުހިއްމު ގިނަ ތަފާސްހިސާބުތަކެއް އެތަނަކުން ފެންނާނެ އިންތިޒާމުވެސް އެ ވެބްސައިޓުގައި ހަމަޖައްސާފައިވެ އެވެ.
އެ ވެބްސައިޓުން މިހާރު ފެންނަ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި 217 ސުކޫލެއްގައި 80،930 ދަރިވަރުންނަށް ކިޔަވައިދިނުމަށް 10،094 ޓީޗަރުން ހަރަކާތްތެރިވަމުން ދެ އެވެ.
އެ ވެބްސައިޓުގައި ޓީޗަރުންނަށް ހާއްސަ ސެކްޝަނެއްވެސް ހިމަނާފައިވެ އެވެ. އަދި ޓީޗަރުންގެ ތެރެއިން ނަފްސާނީ އެހީތެރިކަން ބޭނުންވާ ޓީޗަރުންނަށް 1484 ހޮޓްލައިން މެދުވެރިކޮށް އެހީތެރިކަން ލިބޭނެކަން އެ ސެކްޝަނުގައި ފާހަގަކޮށްފައިވެ އެވެ.