ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރައްވާފައިނުވާކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ޒައްރެއްގެ މިންވަރުގެ ބުރޫއަރާނެ ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނުކުރައްވާކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ރައީސް އިންޑިޔާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި އެ ގައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި ބައްޓަންކުރާނެ ގޮތާ ގުޅޭ ތަސައްވުރު އެކުލެވޭ "ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ" ކަރުދާހުގައި ހިމެނޭ ބައެއް ކަންކަމަކީ ކުރީގައި މި ސަރުކާރުގެ ވެރިން ގައުމުގެ ސިޔާދަތަށް ނުރައްކާވާނެ ކަންކަމަށް ސިފަކުރި ކަންކަން ކަމުގައި ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އެކަމާ ގުޅިގެން ރައީސްވެސް ވިދާޅުވެފައިވަނީ އެ ލިޔުމުގައި ހުންނާނީ ދިފާއީ އަދި ސަލާމަަތީ ދާއިރާއިން ދިވެހިރާއްޖޭގެ ގާބިލުކަން އިތުރުކުރުމުގެ ވާހަކ ކަމަށާއި، އެއްވެސް މިންވަރަކަށް އެހެން ގައުމެއްގެ އަތްމައްޗަށް ސަލާމަތީ ކަންކަން ކުރުން ދޫކޮށްލުމުގެ ވާހަކައެއް އެ ލިޔުމުގައި ނޯންނާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޣައްސާން ވިދާޅުވީ މި ދަތުރުފުޅުގައި އަދި އެނޫންވެސް ދަތުރުފުޅެއްގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް އުނިކަން ލިބިދާނެފަދަ އެއްވެސް އަމަލެއް ރައީސް މުއިއްޒު ހިންގަވާފައި ނޯންނާނެ ކަމަށެވެ.
"ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ޒައްރެއްގެ މިންވަރަށް ބުރޫއަރާނެ ކަމެއް މި ދަތުރުފުޅުގައި އަދި އެހެން ދަތުރުފުޅެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރައްވާފައި ނެތް. އެއްވެސް އެއްބަަސްވުމެއްގެ ދަށުން ދިވެހިންގެ ސިޔާދަތީ ބާރު ގެއްލޭ ފަދަ އެއްވެސް ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮށްފައެއް ނެތް،" ޣައްސާން ވިދާޅުވި އެވެ.
ޣައްސާން އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ދިފާއުކޮށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރާނީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކަމަށެވެ. އަދި އެކަން ކުރާނީ ދިވެހިރައްޔިތުން ބޭނުންވާ ގޮތަށް ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަކީ ދިވެހިރާއްޖެގެ ސިޔާދަތާއި އިސްތިގުލާލާއި މިނިވަންކަން ދިފާއުކުރުމުގައި ދިވެހިންގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތެވެ. ރައީސްގެ އިންޑިޔާ ދަތުރުފުޅުގައި ހެދުނު ހުރިހާ އެއްބަސްވުމެއްގައިވެސް ހިމެނޭނީ ރާއްޖެއިން އެދިއްޖެ ހާލަަތެއްގައި އެދުނު މިންވަރަކަށް ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމުގައި އެހީތެރިވުންކަމަަށްވެސް ވަޒީރު ވިދާޅުވި އެވެ.
"މިދަތުރުފުޅުގައި ވެވުނު އެއްބަސްވުންތަކުގައިވެސް އޮތީ ދިވެހިރާއްޖެއިން އެދޭ ހާލަތެއްގައި އެދޭ ގޮތެއްގައި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރާ ވާހަކަ. އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ޒިންމާތައް އެހެން އެއްވެސް ގައުމަކާ ހަވާލުކުރާ ކަހަލަ ވާހަކައެއް ނުދެކެވޭ،"