ރައީސް ބޭރު ގައުމުތަކަށް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައިވެސް އެ ގައުމެއްގައި އުޅޭ ދިވެހިންނާ ބައްދަލުކުރައްވައި އެމީހުންނަށް ކުރިމަތިވެފައިވާ ކަންބޮޑުވުންތައް އޮޅުންފިލުއްވަ އެވެ.
އިންޑިޔާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބެންގަލޫރަށް ވަޑައިގެން ރޭ އެ ސިޓީގައި ދިރިއުޅޭ ދިވެހިންނާ އެމަނިކުފާނު ބައްދަލުކުރައްވައި، އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފި އެވެ.
ބެންގަލޫރުގައި ތިބޭ ދިވެހިންނާ ރައީސް ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަކީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި އެންމެ ބޮޑަށް އިސްކަންދޭ ކަންތައް ކަމުގައި ފާހަގަކުރެއްވި އެވެ. އެގޮތުން އެމީހުންނަށް ފަސޭހަކޮށްދިނުމަށް ސަރުކާރަށް ކޮށްދެވެން ހުރި ކަންކަން ސަރުކާރުން ކޮށްދިނުމާއެކު، އެހެން ގައުމުތަކުގެ ސަރުކާރުތަކާ ވާހަކަދައްކަައިގެން ހޯދައިދެވެން ހުރި ލުއިތައްވެސް ހޯދައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
މީގެ ކުރިންވެސް އެކި ގައުމުތަކަށް ކުރައްވާ ދަތުުރުފުޅުތަކުގައި އެމަނިކުފާނު ވަޑައިގަންނަވާ ގައުމެއްގައި އުޅޭ ދިވެހިންނާ ބައްދަލުކުރައްވައި އެމީހުންނާއެކު ރައީސް ވަގުތު ހޭދަކުރައްވަ އެވެ. އަދި އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެމީހުންނަށް ބޭނުންޖެހިފައި ހުރި ކަންކަން ދެނެވަޑައިގަތުމަށް މަސައްކަތް ކުރައްވަ އެވެ.
އެ އުސޫލުގެ ދަށުން ރޭގައި ބެންގަލޯރުގައި ތިބި ދިވެހިންނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތު ނިންމަވައިލެއްވުމަށްފަހު އެ ބައްދަލުވުމަށް ދިޔަ ދިވެހިންނާ ވަކިވަކިން ރައީސް ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމުގައި ރައީސް ބައްދަލުކުރެއްވި މީހުންގެ ތެރޭގައި ބެންގަލޫރުގައި ވަޒަންވެރިގެން ދިރިއުޅޭ ދިވެހިންނާއި، ކިޔަވާ ކުދިންނާއި، ގާނޫނީ އެކި ކަހަލަ ދަތިތައް ކުރިމަތިވެފައިވާ މީހުން ހިމެނެ އެވެ.
ރަސްމިއްޔާތު ނިންމަވައިލެއްވުމަށްފަހު ދެ ގަޑިއިރެއްހައި ވަގުތު ރައީސްވަނީ އެތަނުގައި ތިބި މީހުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމުގައި ހޭދަކުރައްވާފަ އެވެ. އަދި އެމީހުންގެ ކަންބޮޑުވުންތައް ރައީސާއެކު ވަޑައިގެންނެވި ސެކްރެޓޭރިއޭޓުގެ ބޭފުޅުންވނީ ނޯޓު ކުރައްވާފަ އެވެ.
ބޭރު ގައުމުތަކަށް ރައީސް ކުރައްވާ ޒިޔާރަތްތަކުގައި އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާ ސަބަބެއްކަމަށް ރައީސް ވިދާޅުވެފައިވަނީ ދިވެހިންނަށް އިސްކަންދިނުމުގެ ހާރިޖީ ސިޔާސަތުގެ ތެރެއިން އެމީހުންގެ ދަތިތަކާއި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމެވެ.