ސަރުކާރުން މާލީ އިސްލާހުތައް ތަންފީޒުކުރުމަށް އެންމެ ބޮޑު އިސްކަމެއްދޭއިރު ގައުމުގެ އިގުތިސާދު ފުޅާކުރުމަށް ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކުރަމުންދާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވި އެވެ.
މި ސަރުކާރުން މިވަގުތު އެންމެ އިސްކަންދޭ އަމާޒަކީ މާލީ އިސްލާހުތައް ތަންފީޒުކުރުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބެންގަލޫރަށް ކުރެއްވި ޒިޔާރަތުގައި އެ ސިޓީގައި ބޭއްވި ބިޒްނަސް ފޯރަމުގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް މުހިއްމު ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާ ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަންނަނީ ހަރަދު ކުޑަކޮށް، ހަރަދުކުރުމުގައި ޒިންމާދާރުކަން އިތުރުކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ.
ސަރުކާރުން އަޅަން ގަސްތުކޮށްފައިވާ ފިޔަވަަޅުތަކުގެ ތެރެއިން ޒަމީރު ފާހަގަކުރެއްވީ އެންމެ ހައްގުވާ ފަރާތްތަކަށް އެކަނި ސަބްސިޑީ ލިބޭ ގޮތަށް ސަބްސިޑީގެ ނިޒާމު އިސްލާހު ކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކޮށް އިސްރާފު މަދުކުރުމާއި، އާސަންދައިގެ ދަށުން ބޭހަށް ކުރާ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުން ފަދަ ކަންކަމެވެ.
ޒަަމީރު ވިދާޅުވީ ސަރުކާރުން މިހާރު ފަށާފައިވާ މާލީ އިސްލާހީ މަސައްކަތްތަކުގެ ތެރެއިން ދައުލަތުގެ ކުންފުނިތަކުގެ ހިންގުން އިސްލާހު ކުރެވި، ޕަބްލިކް ސެކްޓާ އިންވެސްޓުމެންޓު ޕްރޮގުރާމު (ޕީއެސްއައިޕީ)ގެ ދަށުން ހިންގާ މަޝްރޫއުތައް ހަމައެއްގެ ތެރެއިން އުސޫލަކަށް ހިންގަން ފެށޭނެ ކަމަށެވެ.
އިގުތިސާދީ ހަރަކާތްތައް އިތުރުކުރުމުގެ ގޮތުން ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ އެކަމަށްޓަކައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަމުންދާނެ ކަމަށެވެ.
އަދި ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިގުތިސާދީ ކުރިއެރުން 5.8 އިންސައްތާގައި ހިފަހެއްޓުންކަން ފާހަގަކުރައްވައި މާލީ ވަޒީރު ވިދާޅުވީ އެ އަމާޒު ހާސިލުކުރުމަށް ގިނަ ދާއިރާތަކެއް އިތުރަށް ކުރިއަރުވައި ފުޅާކުރަންޖެހޭ ކަމަށެވެ.
އެގޮތުން މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، އައު އުފެއްދުންތައް ބާޒާރަށް ނެރެ މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާވެސް މިހާރަށްވުރެ ފުޅާކޮށް ސިންދަފާތުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ޒަމީރު ވިދާޅުވި އެވެ.
ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތްކަން ފާހަގަކުރައްވަމުން އެ މަސައްކަތް ނިމުމުން އެއާޕޯޓުން އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތްދެވޭނެ ކަމުގައި ވިދާޅުވި އެވެ.