"މުނީރާ... ހިތްވަރު ކުރޭ! ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ.."
- އެޕިސޯޑް 17 –
މީކާލް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދަނީ ގިލަންވެރި ކަމެވެ. ފުލުހުން ކުރާ އެއްވެސް ސުވާލަކަށް މީކާލް ޖަވާބެއް ނުދެއެވެ. ޖަވާބު ދޭން އަނގަ ހުޅުވާލާނެ ހިތްވަރެއް ވެސް މީކާލްގެ ކިބައިގައި ނެތެވެ. އޭނާ ވަނީ ގޮތް ހުސްވެފައެވެ. ހަދާނެ ނުހަދާނެ ގޮތެއް އޭނާ އަކަށް ނޭނގެއެވެ.
ނަމަވެސް މީކާލްގެ ޚިޔާލު ތަކުގައި ވަރަށް ގިނަ އެތައް ކަމެއް އާލާ ވަމުން ދިޔައެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ފުލުހުންނަށް ކިޔައިދޭން މީކާލް އަދި ބޭނުމެއް ނުވެއެވެ.
***
ލައިލާ ހޯދުމުގެ މަސައްކަތް މުޅި ރަށުގެ ރައްޔިތުން ކުރަމުން ގެންދިޔައެވެ. ލައިލާ ފެނޭތޯ ރަށުގެެ ވަށައިގެން ހުރި ކަނޑު ފަޅުތައް ބެލުމުގައި ފުލުހުންނާއި ސިފައިންނާ އެއްވަރަށް ރަށުގެ އެކި އުމުރު ފުރާގެ މީހުން ހަރަކާތްތެރި ވަމުން ދިޔައެވެ.
"ލައިލާގެ ޚަބަރެއް ނެތް.. އަދިވެސް މި ބަލަނީ ފެނޭތޯ.."
މިއީ ފުލުހުންނާ ސިފައިންގެ ޖަވާބެވެ. އެ ޖަވާބުން މުޅި ނިލަންދޫ ވަނީ ރޮއްވާލާފައެވެ. ކޮންމެ މީހެއް ވެސް ހުރީ ލައިލާ ހެޔޮ ޙާލުގައި ފެންނާނެ ކަމުގެ އުއްމީދުގައެވެ.
ރަށުގެ ތެރޭގައި ލައިލާގެ ވާހަކަ އެކި ގޮތްގޮތަށް މީހުން ދައްކަމުން ދިޔައެވެ. ގިނަ ބަޔަކު ލައިލާގެ ގެއްލުމާއި މީކާލްއާ ގުޅުވަމުން ވާހަކަދައްކަމުން ދާއިރު، އެކަމާ ދެކޮޅު ހަދާ މީހުން ވެސް ރަށު ތެރޭގައި މަދެއް ނޫނެވެ.
މީކާލް އަކީ ކިތަންމެ ލާނެތް ކޮށް އުޅުނަސް، އޭނާ ލައިލާއަށް އެއްވެސް ގެއްލުމެއް ނުދޭނޭ ބުނާ މީހުން ވެސް ރަށު ތެރޭގައި މަދެއް ނޫނެވެ. ފުލުހުންނާއި ސިފައިން ލައިލާ ދިރިއުޅޭ ގެ ވެސް ބަަލައި ފާސްކޮށްފިއެވެ. އެއްވެސް ހެއްކެތް ނެތެވެ.
***
ދުވަސްތަައް އޭގެ އެންމެ ބާރު މިނުގައި ހޭދަ ވަމުން ގޮސް، ދެ ހަފްތާ ފާއިތު ވެގެން ގޮސްފިއެވެ. އަދި ވެސް ނިލަންދޫ ވަނީ ހިމޭން ވެފައެވެ. ވީނުވީ އެއް ނޭނގި ލައިލާ ގެއްލުމާ އެކުގައި މުޅި ރަށުގެ ތެރޭގައި އެއްވެސް ދިރުމެއް ނެތް ކަހަލައެވެ.
މުނީރާ ކަމަކީ އަބަދު ރުއިމެވެ. ހޮސްޕިޓަލުން ގެއަށް ދޫކޮށްލިއެއް ކަމަކު، އޭނާ ކަނީ ވެސް ހަމައެކަނި ދިރި ހުރުވޭ ވަރަށެވެ. އެއްވެސް ތަޒާ ކަމެއް އެ މޫނު މަތީގައި ނެތެވެ.
"މުނީރާ... ހިތްވަރު ކުރޭ! ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ.."
މުނީރާ ރޯންތަން ބަލަން އިނުމަކީ ކާސިމްއަށް އެއްވެސް ޙާލެއްގައި ފަސޭހަ ކަމެއް ނޫނެވެ.
"އަހަރެން ވަރުބަލި ވެއްޖެ ކާސިމް... ކާސިމްގެ ސަބަބުން އަހަރެން މި ބަރުދާސްތު ކުރަނީ ހާދަ ބޮޑު ހިތްދަތި ކަމެކޭ.. އަހަރެން ބޭނުން އަހަރެންގެ ދަރިފުޅު.. ކާސިމް ބުނީ، ލައިލާ ހުންނާނީ މިގޭގަ އޭ.. އެހެން މީހުންނަށް ލައިލާ ހަމައެކަނި ނުފެންނާނީއޭ.. އެކަމު ލައިލާގެ ޚަބަރެއް އަހަރެމެންނަށް ވެސް ނުވޭ.. ކީއްވެތަ ކާސިމް ދޮގު ހެދީ؟"
މުނީރާ އޭނާގެ ޝަކުވާތައް ކާސިމްގެ ކުރިމަތީގައި ބަންޑުން ޖަހާލިއެވެ. ލައިލާ ގެއްލުން ކަމަށް ކާސިމް ރޭވި ރޭވުމަށްފަހު މިހާރު އެ ގޭ ތެރެއިން އެއްވެސް ވަރަކަށް ލައިލާގެ ޚަބަރެއް ނުވެއެވެ. އެކަމާ މުނީރާ ވަނީ ހިތްފަޅައިގެން ދާވަރު ވެފައެވެ.
"މުނީރާ... އަހަރެން އެހެން ބުނީ އެއީ އެކަން އަހަރެންނަށް އެނގިފަ އޮތް ގޮތަކީ ވެސް... ލައިލާ ފެންނަން ނެތަސް، އަހަރެން ލައިލާ ސަލާމަތް ކުރާނަން.. އެކަމަށް އިތުބާރު ކުރޭ!"
ކާސިމްގެ ވާހަކަތައް ޤަބޫލު ކުރަން މުނީރާ އަކަށް ފަސޭހަ އެއް ނުވިއެވެ.
"އަހަރެން ކިހިނެއް ތި ވާހަކަތައް ޤަބޫލު ކުރާނީ؟ ބުނެބަލަ! އަހަރެން ގާތުގަ ކާސިމް ދޮގު ހަދާ ހެން އަހަރެންނަށް ހީވަނީ... ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ.. ބިރުވެރި ކަންކަމާ ކުރިމަތި ލާން ޖެހުނަސް، އަހަރެން ބޭނުން އަހަރެންގެ ދަރިފުޅު ފެންނަ ހިސާބުގެ ހުންނަން... އަހަރެން ބޭނުން ލައިލާ.."
މުނީރާ ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ. ކާސިމް ގޮސް މުނީރާގެ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަ ދިނެވެ. އަދި މުނީރާއަށް ހިތްވަރު ދެވޭތޯ ކާސިމް މަސައްކަތް ކޮށްލިއެވެ.
***
މީކާލް އޮތީ އޭނާގެ ގޭގައެވެ. ފުލުހުންގެ ބެލުމުގެ ދަށުން މީކާލް ގެއަށް ދޫކޮށްލީ ޝަރުތު ތަކަކާއި އެކުގައެވެ. މީކާލްގެ ވިސްނުމާއި ފިކުރުގައި ވަނީ ލައިލާ އާއި އޭނާގެ މައިންބަފައިންނެވެ.
"ލައިލާ ގެއްލުވާލީ ކާސިމް އާއި މުނީރާ.. އެ ދެމީހުން ގުޅިގެން.. އަހަރެންނާ ކައިވެނި ކުރަން އެއްބަސް ވުމާ އެކު، ލައިލާ ގެއްލުން... މީ ބޮޑު ރޭވުމެއް... ބޮޑު ރޭވުމެއް... ކާސިމް އަހަރެމެންގެ ކައިވެންޏަށް އެއްބަސްވި އިރު އަހަރެން ދުށިން މުނީރާގެ މޫނު ކުނިވެފަ ހުރި ފާޑު... އެހެންވީމަ، މިކަމުގެ އަޑީގަ ހުންނާނީ އެދެމީހުން.. އަދި ހަމަ ވަގުތުން ކާސިމް މަސައްކަތް ކުރީ އަހަރެންގެ ބޮލަށް ހުރިހާ ކަމެއް ކަނޑާލަން.. އެކަމެއް ނުވާނެ... އަހަރެންގެ ލައިލާ އަހަރެން ދޫކޮށް ނުދާނެ... އެޔަށްވުރެ ބޮޑަށް ލައިލާ އަހަރެން ދެކެ ލޯބިވާނެ.. ލައިލާ ކޮންމެ ޙާލެއްގަ ވެސް އަހަރެންގެ ލޯތްބަށްޓަކާ ކެތްކުރާނެ.. އަހަންނަށް އެ ޔަޤީން.. ކަށަވަރު.. އަހަރެން ލައިލާ ހޯދާނަން..."
އެނދުގައި އޮށޯވެގެން އޮތް މީކާލް އޭނާގެ އަމިއްލަ ނަފުސާ ވާހަކަދައްކާލަމުން ކޮޅަށް ތެދުވިއެވެ. އާ އަޒުމަކާ، ހިތްވަރަކާ އެކުގައެވެ. ލައިލާ އެނބުރި އަންނާނޭ ބުނާ ފަދަ ބީދައަކުންނެވެ. (ނުނިމޭ)