އެ ލިޔުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި އަދި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވެ އެވެ.
އިންޑިޔާއާއެކު ހެދި އެއްވެސް އެއްބަސްވުމެއްގައި ނުވަތަ މަޝްވަރާކުރި އެއްވެސް ކަމެއްގައި ރާއްޖެއިން ކަންކަން ކުރުމުގެ ބަދަލުގައި އެހެން ބަޔަކު ލައްވައި ކަންކަން ކުރުވަން އެއްބަސްވެ މަޝްވަރާކޮށްފައިނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިންޑިޔާއަށް މިހާރު ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ މިރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން މުސްތަގުބަލުގައި ބަދަހިކުރުމަށް އެކުގައި މަސައްކަތްކުރާނެ ދާއިރާތައް ކަނޑައަޅާފައި އޮތް ލިޔުން ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ"އަކީ އެންމެނަށް ފެންނާނެހެން އޮތް ލިޔުމެއް ކަމަށެވެ.
އެ ލިޔުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި އަދި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވެ އެވެ.
"ފެންނަން އޮތް، އަކުރުން ފިއްޔަށް ލިޔެފައި އޮތް އެެއްޗެއް. އޭގައި ދިފާއީ ގޮތުން، ޑިފެންސްގެ ދާއިރާ އިން ލިޔެފައި ހުރި ކޮންމެ ޖުމްލައަކީ އެމްއެެންޑީއެފުން ބައްލަވައި ޑިފެންސް މިނިސްޓްރީން އެޕްރޫވް ކޮށްފައި އޮތް އެއްޗެއް. އޭގައި އޮންނާނީ އަޅުގަނޑުމެންގެ ސިޔާސަތާ އެއްގޮތަށް ހުރިހާ ކަމެއް. ކުރީގައި ވީ ހެން އޭގައި ނުހުންނާނެ ކަންކަމެއް،" އެ ލިޔުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވި އެވެ.
އިތުރަށް ރައީސް ވިދާޅުވީ ދިފާއީ ދާއިރާއިން އިންޑިޔާއާއެކު މަޝްވަރާކުރެވުނީ މުސްތަގުބަލުގައި ރާއްޖޭގެ ގާބިލުކަން އިތުރުކުރުމާ ގުޅޭ ގޮތުން ކަމަށެވެ. އަދި ދިފާއީ ހުރިހާ މަސައްކަތެއްވެސް ކުރާނީ ދިވެހިރާއްޖެއިން އަމިއްލައަށް ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
"އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީ ބިލްޑް ކުރާ ވާހަކަ އޮންނާނީ. އެހެން ބައެއްގެ އަތްމައްޗަށް ކަންކަން ދޫކޮށްލައިގެން އަޅުގަނޑުމެން ކަންކަން ކުރާ ވާހަކައެއް ނޯންނާނެ. އަޅުގަނޑުމެންގެ ގައުމުގައި ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން އަމިއްލައަށް ކުރުމުގެ ކެޕޭސިޓީ، އަޅުގަނޑުމެންގެ ފުދުންތެރިކަން އިތުރު ކޮށްގެން ކުރާ ވާހަކަ އޮންނާނީ،"
ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރަނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ. އެކުލަވައިލި ވިޝަަން ޑޮކިއުމެންޓަކީ އާންމުކޮށް ފެންނަން އޮތް ލިޔުމެއްކަން ފާހަގަކުރައްވަމުން ރައީސްވަނީ ހުރިހާ ރައްޔިތުންވެސް އެ ލިޔުން ކިޔުމަށް އެދިވަޑައިގެންފަ އެވެ.
އިތުރަށް ރައީސް ވިދާޅުވީ އެ ލިޔުން ސާފުކޮށް ފެންނަން އޮތުމުން އެކަމުގެ ހަގީގަަތް ހުރިހާ ރައްޔިތުންނަށްވެސް ސާފުވާނެ ކަމަަށެވެ.
"އަޅުގަނޑު އެދެނީ ހުރިހާ ލޮބުވެތި ރައްޔިތުން ވެސް މި ކަންކަމުގައި ހަގީގަތް ބައްލަވައިގެން އަޅުގަނޑުމެންގެ މި ދެފުށް ފެންނަ ދެގޮތެއް ނުވެ އަބަދުވެސް އެންމެ ފުރަތަމަ އިއުލާންކުރި ގޮތަށް މިއަދާ ހަމައަށް މި އައި ހާރިޖީ ސިޔާސަތުގައި މި ހުރި ކަންކަން އަމިއްލަފުޅަށް ދެނެވަޑައިގަތުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.