މަސްގަނޑު ނުފެނި ކަށިގަނޑެއް ފެނުނީ ކީއްވެ؟

އެންމެ ބޮޑު ސުވާލަކީ އަޒްހާންގެ ހަށިގަނޑު ފެނުނުތަނުން ހުސް ކަށިތަކެއް ފެންނަން ޖެހުނީ ކީއްވެ ހެއްޔެވެ؟ އެއީ އަޒްހާން ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވުމުން ވީ ގޮތް ހެއްޔެވެ؟ އަޒްހާން ހޯދަން އެންމެ އެދެވޭ މަސައްކަތެއް ކުރެވުނު ހެއްޔެވެ؟ ފުލުހުންނަށް ލިބުނު މައުލޫމާތާއި ވީޑީއޯތަކުގެ އަލީގައި އެންމެ އެދެވޭ ސާޗް އޮޕަރޭޝަނެއް ފުލުސް އިދާރާއަށް ހިންގުނު ހެއްޔެވެ؟ އެކަން މީހުން ގަބޫލެއް ނުކުރެ އެވެ.

މުހައްމަދު އަޒްހާންގެ ޖަނާޒާ: ދެ ހަފުތާ ފަހުން ފެނުނުއިރު އޮތީ ހުސް ކަށިގަނޑެއް: މި މައްސަލާފައި ފުލުހުންގެ ފަރުވާ ކުޑަކަން ބޮޑު -- ހުއްްދަ ހޯދައިގެން ބޭނުންކޮށްފައިވާ "ދައުރު" ނޫހުގެ ފޮޓޯއެއް

މުހައްމަދު އަޒްހާން 27، ގެއްލުމުގެ ކުރީން ހަބަރެއް ވެފައި ވަނީ ސެޕްޓެމްބަރު 17 އިގަ އެވެ. އޭނާގެ ހަބަރެއް ނުވެގެން ފުލުހުންގެ ސަމާލުކަމަށް ބޮނޑިކަނދޮޅުގޭ، އާއިލާއިން ގެންދިޔައީ އޭގެ ދެ ދުވަސް ފަހުން ސެޕްޓެމްބަރު 19 ގައެވެ. އަޒްހާން ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުން ބުނީ ޖެހިގެން އަައި 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭގެ ފަސް ދުވަސް ފަހުން އަޒްހާން ހޯދަން އެހައި ތަނަށް ކުރި މަސައްކަތުގެ ތަފްސީލު ފުލުހުން ދިނެވެ.

ފުލުހުން ބުނި ގޮތުގައި ސެޕްޓެމްބަރު 18 ވަނަ ދުވަހު ހުޅުމާލޭގެ ހިޔާއަވަށުގެ 13 ވަނަ ޓަވަރު ކައިރިން ކާރަކަށް އަޒްހާން އަރައެވެ. އެތަން ފެނެ އެވެ. އެއީ ހުޅުމާލޭގައި އޭނާހުރި ގެސްޓްހައުސްއިންް ކާރެއްގައި ހިޔާގެ 13 ވަނަ ޓަވަރަށް ދިޔަ ދިއުމެކެވެ. ގަޑިއެއްހާއިރު ފަހުން ޓަވަރުން އަޒްހާން ފައިބަ އެވެ. އެއީ ފަތިހު 4:53 ގައެވެ. ޓަވަރު ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އަރައިގެން އަނެއްކާ ދަނީ ކުރީން ހުރި ގެސްޓްހައުސް ކައިރިއަށެވެ. އެއީ ރެޑްބުލް ދަނޑު ސަރަހައްދެވެ.

ފުލުހުންނަށް އެ މައުލޫމާތުތައް ހޯދިފައި ވަނީ އެކި ސަރަހައްދުތަކުގެ ސީސީ ޓީވީ ކެމެރާގެ ފްޓޭޖްތައް ބަލައިގެނެވެ. އޭގެ ފަހުން ވެސް ފުލުހުންނަށް އަޒްހާން ފެންނަ އިތުރު ވީޑިއޯއެއް ލިބުނެވެ. އެ ވީޑިއޯގައި ފެންނަނީ ހުޅުމާލެއަށް އަރާ ސަރަހައްދުގެ މޫދާ ދިމާއިން އަރައިގެން އަންނަ ތަނެވެ. އެއީ 18 ވަނަ ދުވަހުގެ ހެނދުނެވެ.

އަޒްހާން ހޯދުމުގެ މަސައްކަތް ކުރަމުންް ދަނިކޮށް ހުޅުމާލެ ވޯޓާ ތީމް ޕާކު ހަދަމުންދާ ސަރަހައްދުން ކުނިވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނުނެވެ. އެއީ އަޒްހާން ގެއްލުނުތާ 15 ދުވަސް ފަހެވެ. ވީޑިއޯ ފްޓޭޖްތަކުން އޭނާގެ ހަރަކާތެއް ފެނުނުތާ 14 ދުވަސް ފަހެވެ. އޭރުވެސް އެއީ އަޒްހާންގެ ހަށިގަނޑު ކަމަށް އޮތީ ބެލެވިފަ އެވެ. ނަމަވެސް ހަށިގަނޑު ކުނިވެ ހަލާކު ބޮޑު ކަމުން އެއީ އަޒްހާންގެ ހަށިގަނޑުކަން ކަށަވަރު ކުުރެވޭ ގޮތެއް ނުވިއެވެ. އެކަން ކުރީ އިންޑިއާގައި ޕޯސްޓްމޯޓަމެއްް ހަދައިގެނެވެ.

އަޒްހާން: ފެނުނީ ކުނިވެފައި އޮތް ހަށިގަނޑެއް

ޕޯސްޓްމޯޓް ހެދުމުން އެއީ އަޒްހާންގެ ހަށިގަނޑުކަން ކަށަވަރު ކުރެވުނެވެ. އެހައި ހަމައަށް ފުލުހުން ބުނި ގޮތުގައި ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފަ އެވެ. ގައިގެ މަސްތަކުން ބައެއް ވަނީ ވިރި، ގިރިގެން ފައިބާފަ އެވެ.

އިއްޔެ އޮތް ނޫސްވެރީންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ އަޒްހާންގެ ހަށިގަނޑު ފެނުނުއިރު އޮތް އަސްލު ހާލަތު ކިޔައިދީފަ އެވެ. ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވި ގޮތުގައި ފުލުހުންނަށް އަޒްހާންގެ ހަށިގަނޑު ފެނުނުއިރު އޮތީ ހުސް ކަށިގަނޑެކެވެ.

"ހަށިގަނޑު ފެނުނު ތަނުގައި އޮތީ ކަށިތަކެއް. އެ ކަށިތައް ނަގައިގެން އަޅުގަނޑުމެން އިންޑިއާއަށް ޕޯސްޓްމޯޓަމަށް ފޮނުވީ ވެސް،"

ސުވާލަކީ އަޒްހާންގެ ހަށިގަނޑު ފެނުނުތަނުން ހުސް ކަށިތަކެއް ފެންނަން ޖެހުނީ ކީއްވެ ހެއްޔެވެ؟ އެއީ އަޒްހާންގެ ކަށިގަނޑެއް ފެނުނީ އޭނގެ މަސްގަނޑު ހޯދަން އެކަށީގެންވާ މަސައްކަތެއް ނުކުރެވި ދިއުމުންނެވެ. އަޒްހާން ހޯދުމަށް އެންމެ އެދެވޭ މަސައްކަތެއް ކުރެވެ އެވެ. ފުލުހުންނަށް ލިބުނު މައުލޫމާތާއި ވިޑީއޯތަކުގެ އަލީގައި އެންމެ އެދެވޭ ސާޗް އޮޕަރޭޝަނެއް ނުހިންގަ އެވެ. އެ މަަަސައްކަތް އެންމެ އެދެވޭ ގޮތުގައި ކުރެވުނު ނަމަ އަޒްހާންގެ ހަށިގަނޑާއި މަސްގަނޑު ކަށިގަނޑަކަށް ވުމުގެ ކުރީން ފެނުނީހެވެ. ކިތަންމެ ވަރަކަށް ފުލުސް އިދާރާއިން ވާހަކަ ބަދަލު ކުރިޔަށް ހަގީގަތަކީ ކަށިގަނޑެއް ލިބުނީ ހޯދަން އެކަށީގެންވާ މަސައްކަތެއް ނުކޮށް އޮތުމުންނެވެ.

ފުލުހުންގެ ނޫސްވެރީންގެ ބައްދަލްވުން: އަޒްހާންގެ ހަށިގަނޑު ފެނުނުތާ އޮތީ ހުސް ކަށިތަކެއް ކަމަށް ވިދާޅުވި -- މުހައްމަދު ޒައިން | މި

އަޒުހާންގެ "ކަށިގަނޑު" ފެނުނީ މި މަހުގެ ދެވަނަ ދުވަހު އެވެ. ފެނުނުއިރު ވެސް އޭނާ ހޯދަން ފަރުވާ ކުޑަކޮށްލުމުގެ ތުހުމަތުތައް ފުލުހަށް އޮތެވެ. ފުލުހުންްގެ ސާޗް އޮޕަރޭޝަނާއި ދޭތެރޭ އެތައް ބަޔަކު ސުވާލު އުފެއްދި އެވެ. އެނާ ފެނުނީ ހުޅުމާލެ ވޯޓާ ތީމް ޕާކު ހަދަމުންދާ ސަރަހައްދުން ކަމަށްވީއިރު އެ ސަރަހައްދު ބަލާ ނުލެވި އެހާ ގިނަ ދުވަސް ހޭދަވީ ކީއްވެތޯ ފުލުހާއި އެތައް ބަޔަކު ސުވާލު ކުރި އެވެ.

އެ ސުވާލުތަކާއި ތުހުމަތު ފުލުހަށް ކުރަން ޖެހެ އެވެ. އެއީ އެ ސަރަހައްދު ފުލުހުން ބެލީ އަޒްހާންގެ ހަށިގަނޑު ފެނުނު ދުވަސް ކަމަށްވާ އޮކްޓޫބަރު ދެވަނަ ދުވަހު އެވެ. އެ ސަރަހައްދު ބަލަން ފެށިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި "ކަށިގަނޑު" ވަނީ ފެނިފަ އެވެ. އަނެއްކޮޅުން އެ ސަރަހައްދުން އޭރު ނުބައި ވަހެއް ދުވާތާ ދެ ދުވަހެއް ވެފައި ވެއެވެ. އަޒްހާންގެ ހަށިގަނޑު ފެނުނު ދުވަހު އެ ސަރަހައްދުން ކުނި ވަސް މީހުނަށް ދުވި އެވެ.

ފުލުހުން އޭރު ވެސް ބުނި ގޮތުގައި އެ ސަރަހައްދު ބަލަން ފެށީ ވަސް ދުވާތީއެއް ނޫނެވެ. އެކަން ކުރީ ތަހުގީގަށް ފަހުން ލިބުނު ވީޑިއޯއަކާ ގުޅިގެންނެވެ. އެއީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ އެންމެ ހެނދުނު ވަގުތު އަޒްހާން މޫދުން އަރައިގެން އަންނަ މަަންޒަރު އެ ވީޑިއޯއިން ފެންނާތީ އެވެ. ވޯޓާ ތީމް ޕާކު ހަދަމުންދާ ސަރަހައްދުން ނުކުމެގެން އޭނާ ދާތަނެއް އެ ސަރަހައްދު ވަށައިގެންވާ އެހެން އެއްވެސް ކެމެރާއަކުން ނުފެނެ އެވެ. އެހެންވީމަ އޭނާ ވާނީ އެ ސަރަހައްދުގައިކަން ޔަގީން ކުރެވުނީ އެވެ. މިހުރިހާ ވާހަކައަކުން އެނގެނީ ފުލުހުންގެ ފަރުވާ ކުޑަ ކަމެވެ.

ފުލުހުންގެ އިއްޔެގެ ނޫސްވެރީންގެ ބައްދަލްވުން: ފުލުހުންގެ ސާޗް އޮޕަރޭޝަނާމެދު ސުވާލުތައް އެބަހުރި -- މުހައްމަދު ޒައިން | މި

އެ ވީޑިއޯ ލިބުނު ތާރީހެއް ފުލުހުން ނުބުނެ އެވެ؛ ނަމަވެސް އެ ސަރަހައްދުގައި އަޒްހާން އުޅެނިކޮށް ފެންނަ ސީސީޓީވީ ފްޓޭޖްތަކެއް އޭނާ ގެއްލިގެން ރިޕޯޓް ކުރިތާ ދެ ދުވަސް ފަހުން ފުލުހުންނަށް ލިބެ އެވެ.

އަޒްހާން ހޯދަން ފުލުހުން ގިނަ މަސައްކަތްތަކެއް ކުރިއޭ ވެސް ބުނަމާ ހެއްޔެވެ؟ އެއީ މުޅި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ވީޑިއޯތައް ބަލާ އެނަލައިސް ކޮށްފައިވާ ކަމަށް ބުނާތީ އެވެ. އެ މަސައްކަތުން އަޒްހާންގެ އެންމެ ފަހުގެ ހަރަކާތްތައް ވަނީ ދެނެގަނެވިފަ އެވެ. އެއީ އަޒްހާންގެ ހަށިގަނޑު ފެނުނު ސަރަހައްދާއި ދާދި ގާތުގެ މަންޒަރުތަކެކެވެ.

އަޒްހާން ހޯދުމުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވުނުތޯ ފުލުހާއި ސުވާލު ކުރެވޭ ސަބަބަކީ ވެސް އެއީ އެވެ. މިދިޔަ މަހުގެ 18 ވަނަަ ދުވަހު އެ ވީޑިއޯތައް ފުލުހަށް ލިބުމުން ރެޑްބުލް ދަނޑު ހިމެނޭ ސަރަހައްދު ފުލުހުން ބެލި އެވެ. ޖެހިގެން އޮތް ވޯޓާ ތީމް ޕާކު ހަދާ ސަރަހައްދެއް ނުބަލަ އެވެ.

އެއީވެސް އަޒްހާން ވަދެފާނެ ތަނެއް ކަމަށް ބަލައި އެ ދުވަހު އެ ސަރަހައްދު ބެލިނަމަ ފެންނާނީ ކުނިވެ ހުސް ކަށިގަނޑަކަށް ވެފައި އޮތް އަޒްހާންގެ ހަށިގަނޑެއް ނޫނެވެ. އަނެއްކޮޅުން އަޒްހާނާއެކު އެންމެ ފަހުން ވަގުތު ހޭދަކުރި ދެ މީހުންގެ މައުުލޫމާތު ފުލުހަށް ވެސް އޮންނާނީ ތަހުގީގުގެ އެންމެ ކުރީކޮޅުގައި ލިބިފަ އެެވެ. އެއީ އޭނާ ރައްޓެހި ވެގެން އުޅުނު ކަމަށް ބުނާ ޒުވާނާ އާއި އަޒްހާން އެންމެ ފަހުން ދިޔަ ހިޔާ އެޕާޓްމަންޓްގައި އުޅޭ އޭނާގެ ރަހުމަތްތެރިޔާ އެވެ. ޔަގީނުންވެސް އަޒްހާން ރައްޓެހިވެގެން އުޅުނު އަންހެންކުއްޖާގެ ކިބައިން ގިނަ ކަންކަން ފުލުސް ތަހުގީގަށް ލިބިފައިވާނެ އެވެ.

އޭނާ ވަނީ ބައެއް ނޫސްތަކަށް އެ ވާހަކަ ހިއްސާވެސް ކޮށްފަ އެވެ. އެ ވާހަކަތަކުން ވެސް އަޒްހާން ފެނުން އެންމެ ގާތީ އެ ސަރަހައްދުން ކަމަށް ބެލޭނެ ޖާގަ ލިބެ އެވެ. މިހެން ހުރި އެތައް ކަމަކާއެކު އަޒްހާންގެ ކޭހަކީ ފުލުހަށް އޮތް ފިލާވަޅެކެވެ.

ކޮމެންޓް

1
450
ބެއްޔާބެ
1 year ago

އަޒުހާނުގެ ހަށިގަނޑު ފެނުނީ ވޯޓާ ޕާކް ހަދާ ސަރަހައްދަކުން ނޫން. އެމްޑަބްލިޔުސްއެސްސީގެ އުތުރުން ރެޑްބުލް ޕާކް ކުރިމަތިން ނިރޮޅުމަގުގެ އަނެއް ފަޅިން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.