އޯގަސްޓު މަހުގެ ނިޔަލަށް ވިއުގަ އަޅައި ނިމުނުއިރު އެ ވިއުގައިގެ ތެރެއިން މަގުބައްތިތަކަށް ކަރަންޓު ދިނުމަށް އެޅި ކޭބަލްތައް މިހާރު ގެއްލިފައިވާ ކަމަށް ފަޒުލް ވިދާޅުވި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފުލެޓުތައް ކަައިރީ މަގުބައްތި ހަރުކުރުމަށް ވަޅުލާފައިވާ ކޭބަލްތައް ވަގަށް ނަގައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ފަޒުލް ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގެ ތަރައްގީގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރަމުންދ ކަމަށެވެ. އަދި ނުކުރެވި ބައެއް މަސައްކަތް ހުންނާނެކަން ގަބޫލުކުރަންވާނެ ކަމަށެވެ.
ފަޒުލް އިތުރަށް ވިދާޅުވީ ދެވަނަ ފިޔަވަހީގައި ހުރި ވިނަރެސް ފުލެޓުތައް ހުންނަ ސަރަހައްދުގައި މަގުބައްތި ހަރުކޮށް ރޭގަނޑަށް އެ ސަރަހައްދު އަލިކުރުމަށް ބޭނުންވާ ސާމާނު ގެނައުމަށް މިހާރު އެޗްޑީސީން އޯޑަރު ދީފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި މަގުބައްތި ހަރުކުރަން ބޭނުންވާ ކަރަންޓު ވިއުގަ ގާއިމުކޮށް ނިންމައިލެވުނީ ފާއިތުވި އޯގަސްޓު މަހުގެ ނިޔަލަށް ކަމުގައި ފަޒުލް ވިދާޅުވި އެވެ. އޯގަސްޓު މަހުގެ ނިޔަލަށް ވިއުގަ އަޅައި ނިމުނުއިރު އެ ވިއުގައިގެ ތެރެއިން މަގުބައްތިތަކަށް ކަރަންޓު ދިނުމަށް އެޅި ކޭބަލްތައް މިހާރު ގެއްލިފައިވާ ކަމަށް ފަޒުލް ވިދާޅުވި އެވެ.
ވިނަރެސް ފުލެޓުތަކަކީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފަށައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ނިންމައި، ރައްޔިތުންނަށް ދޫކުރި ފުލެޓުތަކެކެވެ. ފުލެޓުތައް ދޫކުރިއިރު އެ ސަރަހައްދުގައި ގާައިމުކުރަންޖެހޭ ބައެއް ހިދުމަތްތައް ގާއިމުކޮށްފައިނުވެ އެވެ.
އެގޮތުން މަގުބައްތި ހަރުކުރަން ބޭނުންވާ ކަރަންޓު ވިއުގައިގެ އިތުރުން އެ ޓަވަރުތަކުން ވިޔަފާރީގެ ބޭނުމަށް ދޫކުރި ޔުނިޓުތަކަށް ބޭނުންވާ ކަރަންޓާއި ފެން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިނުވެ އެވެ. އެ އިންތިޒާމުތައް ހަމަޖެއްސީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެޗްޑީސީންނެވެ.