ހަތަރު އަހަރުން ސަބްސިޑީ ހަރަދަށް 10 ބިލިއަން؛ އެންމެ ބޮޑީ ތެލުގެ ސަބްސިޑީ

ސަބްސިޑީއަށް ދައުލަތުން ކުރަމުންދާ ހަރަދުތައް އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ.

ސަބްސިޑީގެ ހަރަދުތައް އަހަރުން އަހަރަށް ދަނީ އިތުރުވަމުން

ފާއިތުވެގެން ދިޔަ ތިން އަހަރާއި މި އަހަރުގެ މިހާތަނަށް ސަބްސިޑީއަށް ޖުމްލަ 10.3 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ތެލުގެ ސަބްސިޑީއަށްކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ހާމަވެއްޖެ އެވެ. 

"މިރާ"އިން އެދިގެން ހޯދި ހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރުން ފެށިގެން ސަބްސިޑީގެ ހަރަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. 2021 ވަނަ އަހަރު 1.4 ބިލިއަން ރުފިޔާ ސަބްސިޑީއަށް ހޭދަކުރިއިރު އޭގެ ފަހުން ކޮންމެ އަހަރަކުވެސް ސަބްސިޑީއަށް ކުރާ ހަރަދު ތިން ބިލިއަނުން މައްޗަށް އަރަ އެވެ. 

އެގޮތުން 2022 ވަނަ އަހަރު 3.4 ބިލިއަން ރުފިޔާ އަދި 2023 ގައި 3.06 ބިލިއަން ރުފިޔާ ސަބްސިޑީތަކަށް ހަރަދުވި އެވެ. މި އަހަރުގެ މިހާތަނށް ސަބްސިޑީތަކަށް ހަރަދުވެފައިވަނީ 2.3 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މުޅި ޖުމްލަ 10.3 ބިލިއަން ރުފިޔާ ފާއިތުވި މުއްދަތުގައި ސަބްސިޑީތަކަށް ހަރަދުވެފައިވެ އެވެ. 

ސަބްސިޑީއަށް ކުރަމުން ހަރަދުތައް އިތުރުވި ގޮތް ފެންނަ ޗާޓެއް

އެ މުއްދަތުގައި ސަބްސިޑީއަށް ހިނގާފައިވާ ހަރަދުގެ ދެބައިކުޅަ އެއްބައަށްވުރެ އިތުރު މިންވަރެއް ހަރަދުވެފައިވަނީ ތެލުގެ ސަބްސިޑީއަށެވެ. އެގޮތުން އެ މުއްދަތުގައި ތެލުގެ ސަބްސިޑީއަށް 5.9 ބިލިއަން ރުފިޔާ ހަރަދުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ. 

2021 ވަނަ އަހަރު ތެލުގެ ސަބްސިޑީއަށް 460 މިލިއަން ރުފިޔާ ހަރަދުވިއިރު، 2022 ގައ އެ އަދަދު 2.3 ބިލިއަނަށް އެރި އެވެ. އަދި ޖެހިގެންއައި 2023 ގައި އެ އަދަދު 1.6 ބިލިއަނަށް އެރި އެވެ. މި އަހަރުގެ މިހާތަނަށް 1.5 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ހަރަދުވެފައިވެ އެވެ. 

ތެލުގެ ސަބްސިޑީ ހަރަދު އިތުރުވި ގޮތް ފެންނަ ޗާޓެއް

އޭގެ އިތުރަށް ކަރަންޓު ސަބްސިޑީއަށް ކުރާ ހަރަދުވެސް އަހަރުން އަހަރަށް އިތުރުވެފައިވެ އެވެ. އެގޮތުން 2021 ގައި 735 މިލިއަން ރުފިޔާ ކަރަންޓު ސަބްސިޑީއަށް ހަރަދުވިއިރު ޖެހިގެން އައި 2022 ގައި އެ އަދަދު 855.8 މިލިއަން ރުފިޔާއަށް އިތުރުވި އެވެ. އަދި 2023 ގައި އެ އަދަދު 1.1 ބިލިއަން ރުފިޔާއަށް އިތުރުވި އެވެ. މި އަހަރުގެ މިހާތަނަށް ކަރަންޓު ސަބްސިޑީއަށް 593 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ. 

ރާއްޖޭގައި ސަަބްސިޑީ ދެމުންދަނީ އިންޑައިރެކްޓް ސަބްސިޑީގެ އުސޫލުން މުދަލާއި ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި ފައިސާ ދީގެންނެވެ. ނަތީޖާއެއްގެ ގޮތުން ސަބްސިޑީ ހައްގުނޫން އެތައް ބަޔަކަށްވެސް ސަބްސިޑީ އަންނަނީ ލިބެމުންނެވެ. އަދި އެކަމުގެ ސަބަބުން ސަބްސިޑީއަށް ކުރަންޖެހޭ ހަރަދުތައް އިންތިހާއަށް ބޮޑުވަމުންދެ އެވެ. 

2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ސަބްސިޑީ ހަރަދުތައްވަނީ 113 އިންސައްތައިން އިތުރުވެފަ އެވެ. ސަބްސިޑީ ހަރަދުތައް ކުޑަކުރުމަށް މިހާރު އޮތް އިންޑައިރެކްޓް ސަބްސިޑީ ނިޒާމު ޓާގެޓް ސަބްސިޑީ ނިޒާމަކަށް ބަދަލުކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އަންނީ ރާއްޖެއަށް ލަފާދެމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.