ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓުކުރަން ރާއްޖޭގައި ގިނަ ފުރުސަތުތަކެއް އެބަހުރި: ރައީސް

ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމްގެ ތަފާތު އެކި ބާވަތްތަކުގެ މަޝްރޫއުތަކަށް އިންވެސްޓުކޮށްގެން މަންފާ ހޯދުމުގެ ފަހި ފުުރުސަތުތައް އޮތީ ހުޅުވައިލެވިފަ އެވެ.

މުމްބާއީގައި އޮތް ބިޒްނަސް ފޯރަމުގައި ރައީސް ވާހަކަދައްކަަވަނީ، ފޮޓޯ: ރައީސް އޮފީސް

ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓުކުރުމަށް ގިނަ ފުރުސަތުތަކެއް އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އިންޑިޔާގެ ވިޔަފާރިއާއި އިގުތިސާދުގެ މައި މަރުކަޒުކަމަށްވާ މުމްބާއީއަށް ކުރައްވަމުންދާ ޒިޔާރަތުގެ ތެރެއިން ރޭ އެ ސިޓީގައި ބޭއްވި ރާއްޖެ-އިންޑިޔާ ވިޔަފާރީ ފޯރަމުގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނުގެ މި ޒިޔާރަތަކީ އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރައްވާ ޒިޔާރަތެކެވެ. 

ރޭ ބޭއްވި ބިޒްނަސް ފޯރަމުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއިން ފާއިތުވި ހަތަރު އަހަރު ޖެހިޖެހިގެން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ މަގާމު ދިފާއުކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މަތީ ފަންތީގެ ރިސޯޓު ހޮޓާތަކާއި، މެހެމާންދާރީގެ ސަބަބުންނެވެ. 

އަދި ރާއްޖެއިން ފަތުރުވެރިކަމުގެ ދާއިރާގައި ހޯދި ކުރިއެރުމުގައި އިންޑިއާގެ އެހީތެރިކަމާއި މަދަދު ލިބުނުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި އަހަރުގެ މިހާތަނަށްވެސް ލައްކައަކާ ގާަތްކުރާ އަދަދަކަށް އިންޑިޔާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިންޑިޔާގެ ދަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އިތުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ. 

ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އިންޑިޔާގެ ފަތުރުވެރިން ތަޖުރިބާކުރަން ބޭނުންވާ ތަފާތު ތަޖުރިބާތައް ރާއްޖެއިން ލިބޭނެ ކަމަށެވެ. އެގޮތުން އިކޯޓޫރިޒަމާއި، ވެލެނެސް ޓޫރިޒަމްގެ އިތުރަށް އެހެނިހެން ބާވަތްތަކުގެ ޓޫރިޒަމްގެ ތަޖުރިބާތައް ރާއްޖެއިން ލިބޭނެކަން ފާހަގަކުރައްވި އެވެ. 

އިންވެސްޓަރުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ފާހަގަކުރެއްވީ ލަގްޒަރީ ރިސޯޓުތަކާއި، އިންޓެގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓުތައް ފަދަ މަޝްރޫއުތަކުގައި އިންވެސްޓުކުރުމުގެ ފުރުސަތުތައް ރާއްޖޭގައި އެބައޮތް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި އިންވެސްޓުކުރުމަކީ މަންފާ ލިބޭނެ ކަމެއްކަން ފާހަގަކުރެއްވި އެވެ. 

ރައީސްވަނީ އިންޑިޔާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓުކުރުމަށް ދައުވަތު ދެއްވާފަ އެވެ. ފަތުރުވެރިކަަމުގެ ބޭރުން އިގުތިސާދު ސިންދަފާތުކުރުމުގެ މަސައްކަތުގެ ތެރެއިން އުފެދޭ އިތުރު ފުރުސަތުތަކަށް އިންވެސްޓުކުރުމުގެ ބޭނުންތެރިކަން ރައީސް ފާހަގަކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.