ޖުމްލަ އެކްސްޕޯޓު ދަށަށް | ރީއެކްސްޕޯޓަށް 22 އިންސައްތައިގެ ކުރިއެރުމެއް

ރީއެކްސްޕޯޓު އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ހިސާބުތަކުން ދައްކަނީ ރާއްޖެއިން ވިއްކާ ޖެޓް ފިއުލްގެ އާމްދަނީ 18.3 އިންސައްތަ އިތުރުވުމެވެ.

މުދާ އެތެރެ ކުރި ނަމަވެސް އިމްޕޯޓް ޑިއުޓީއަށް ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ނުދައްކާ ފަރާތްތައް އުޅޭ

މަރުކަޒީ ބޭންކު އެމްއެމްއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ އަށް މަހު ދިވެހިރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ އަގު ނިމުނު އަހަަރުގެ އެ މުއްދަތުގައި އެކްސްޕޯޓުކުރި މުދަލުގެ އަގަށްވުރެ ދަށްވެފައިވެ އެވެ. 

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި 2023 ވަނަ އަހަރުގެ ފުރަތަމަ އަށް މަހުގައި 280.1 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓުކޮށްފައިވެ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ އަށް މަހު އެކްސްޕޯޓުކުރި މިންވަރުވަނީ 266.5 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. 

ރާާއްޖޭގެ ޖުމްލަ އެކްސްޕޯޓު ފާއިތުވި އަހަރާ އަޅާބަލާއިރު 13.6 މިލިއަން ޑޮލަރު ދަށްވި އެވެ.

އެކްސްޕޯޓުކުރި މިންވަރު ދަށްވުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ދާހިލީ އުފެއްދުންތައް އެކްސްޕޯޓުކުރި މިންވަރު ނުވަތަ ޑޮމެސްޓިކް އެކްސްޕޯޓު ދަށްވުމެވެ. 2023 ވަނަ އަހަރު ރާއްޖޭގެ އެތެރޭގެ އުފެއްދުންތަކުގެ އެކްސްޕޯޓު އުޅެނީ 116.3 މިލިއަން ޑޮލަރުގަ އެވެ. މި އަހަަރު އެ އަދަދުވަނީ 66.7 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. 

އެތެރޭގެ އެކްސްޕޯޓު ދަށްވިއިރު ރީ-އެކްސްޕޯޓު ނުވަތަ ރާއްޖެއިން ބޭރުން މުދާ ގެނައުމަށްފަހު އަލުން ރާއްޖެއިން އެކްސްޕޯޓުކުރި މިންވަރު ފާއިތުވި އަހަރަށްވުރެ އިތުރުވެފައިވެ އެވެ. އެގޮތުން ފާއިތުވި އަހަރު ރާއްޖެއިން ރީއެކްސްޕޯޓު ކުރި މުދަލުގެ އަގަކީ 163.8 މިލިއަން ޑޮލަރެވެ. މި އަހަރު 199.8 މިލިއަން ޑޮލަރުގެ މުދާ ރީއެކްސްޕޯޓު ކުރި އެވެ. 

މި އަހަރު ރާއްޖެއިން ރީއެކްސްޕޯޓުކުރި މުދަލުގެ އަގު ނިމުނު އަހަރަށްވުރެ 36 މިލިއަން ޑޮލަރު އިތުރު

ރާއްޖޭގެ ރީއެކްސްޕޯޓަށް ލިބުނު ކުރިއެރުވުމުގެ އެންމެ ބޮޑު ހިއްސާއެއްވަނީ ޖެޓްފިއުލް ރާއްޖެއިން އެކްސްޕޯޓުކުރި މިންވަަރު އިތުރުވުމެވެ. އެގޮތުން ނިމުނު އަހރު ޖެޓް ފިއުލް އެކްސްޕޯޓުކުރި މިންވަރަށްވުރެ 18.3 އިންސައްތަ އިތުރަށް ޖެޓްފިއުލް އެކްސްޕޯޓުކުރިކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ. 

ފާއިތުވި އަހަރު އެކްސްޕޯޓުކުރީ 124.2 މިލިއަން ޑޮލަރުގެ ޖެޓް ފިއުލެވެ. މި އަހަރު 146.9 މިލިއަން ޑޮލަރުގެ ޖެޓް ފިއުލް އެކްސްޕޯޓުކުރިކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. 

އެކްސްޕޯޓު ދަށްވިއިރު ޖުމްލަ އެކްސްޕޯޓުވަނީ ނިމުނު އަހަރާ އަޅާބލާއިރު 2.5 އިންސައްތަ އިތުރުވެ 2.3 ބިލިއަން ޑޮލަރަށް އަރާފަ އެވެ. އެއިން ބޮޑު ބައަކީ ޕްރައިވެޓް ސެކްޓާގެ އިމްޕޯޓެވެ. ޕްރައިވެޓް ސެކްޓާއިންވަނީ 1.7 ބިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.