ދޮގާއި މަކަރުގެ މައްޗަށް ހާރިޖީ ސިޔާސަތު ނުހިންގޭނެކަން ސަރުކާރަށް އެނގިއްޖެ: ޝާހިދު

"ފެންނަަމުން މިދަނީ ބައިނަލްއަގުވާމީ ގުޅުންތަކަކީ އޮޅުވައިލުމާއި ދޮގުގެ މައްޗަށް ހިންގިދާނެ ކަމެއް ނޫންކަން މިއަދުގެ ސަރުކާރަށް ވިސްނޭ މަންޒަރު،" ޝާހިދު ވިދާޅުވި އެވެ.

އިންޑިޔާަގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ޝާހިދު، ފޮޓޯ: އެކްސް

އިންޑިޔާއާއެކު މި ސަރުކާރުން މިހާރު ގެންގުޅޭ ގާތް ގުޅުމުގެ ސަބަބުން ދޮގާއި އޮޅުވައިލުމުގެ މައްޗަށް ހާރިޖީ ސިޔާސަތު ބައްޓަންނުކުރެވޭނެކަން މި ސަރުކާރަށް އެނގިއްޖެކަން ސާބިތުވެ ފެންނަމުންދާކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ހާރިޖީވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

ޝާހިދު މިފަދައިން ވިދާޅުވީ އިންޑިޔާއާއެކު ގުޅުން ބަދަހިކުރެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އެ ގައުމަށް މިހާރު ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. 

ޝާހިދުވަނީ ދިވެހި ރައްޔިތުންގެ ސާބިތު އަދި ބަދަލުނުވާ އެކުވެރިއެއްގެ ގޮތުގައި އިންޑިޔާ ދެމިއޮންނާތީ އެކަމަށްޓަކައި އެގައުމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ޝާހިދު ފާހަގަކުރެެއްވި ގޮތުގައި ރައީސް މުއިއްޒުގެ ދަތުރުފުޅުގައި އިފްތިތާހު ކުރެވުނު ކަންކަމާއި އައު ކުރެވުނު އެއްބަސްވުންތަކަކީ އެމްޑީޕީގެ ވެރިކަމުގައި ފެށި ކަންކަމެވެ. 

އެގޮތުން ޝާހިދު ވިދާޅުވި ރުޕޭ ކާޑުގެ ހިދުމަތުގެ މަސައްކަތާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ މަސައްކަތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށުނު ކަންކަން ކަމަށެވެ. 

އަދި އައުކުރި އެންޓި ކޮމިޝަންތަކުގެ އެމްއޯޔޫއާއި ޝަރުއީ ދާއިރާގެ މުވައްޒަފުން ތަމްރީނުކުރުމުގެ އެއްބަސްވުމާއި ކުޅިވަރާއި ޒުވާނުންގެ ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެމްއޯޔޫއަކީ އެއިރުގެ ސަރުކާރުން ގާއިމުކުރި އެއްބަސްވުންތައްކަން ފާހަގަކުރައްވައި އެ ކަންކަން ދެމިގެންދިއުމަކީ ހިތްވަރު ލިބޭ ކަމެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވި އެވެ. 

ޝާހިދު އިތުރަށް ވިދާޅުވީ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ދެކޮޅުހެއްދެވި އިންޑިޔާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމުގެ ވިސްނުމަށް ފަހިކޮށް ރިއާޔަތްކުރަން ނިންމުމަކީވެސް އުފާވެރި ކަމެއް ކަމަށެވެ. 

އަދި ކުރިން މި ސަރުކާރުގެ ވެރިން ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކުރެއްވި އުތުރު ތިލަފަޅުގެ މަސައްކަތް ކުރިންވެސް އެއްބަސްވި ގޮތަށް ކުރިއަށްގެންދަން ސަރުކާރުން ނިންމާފައި އޮތުމަކީވެސް އުފަލެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. 

"ފެންނަަމުން މިދަނީ ބައިނަލްއަގުވާމީ ގުޅުންތަކަކީ އޮޅުވައިލުމާއި ދޮގުގެ މައްޗަށް ހިންގިދާނެ ކަމެއް ނޫންކަން މިއަދުގެ ސަރުކާރަށް ވިސްނޭ މަންޒަރު،" މިހާރު ފެންނަމުންދަނީ މިހާރުގެ ސަރުކާރުގައި ޑިޕްލޮމަސީގެ ތަޖުރިބާ މަދުކަމާއި އެކަންކަން ފަހުމުވާ މިންވަަރުގެ ކުޑަކަން ކަމުގައި ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވެފައިވެ އެވެ. 

އަދި ރާއްޖެއާ އެންމެ ގާތް އަވައްޓެރިއަކީ، އެކުވެރިއަކީ އަދި ބައިވެރިޔަކީ އިންޑިޔާކަމަށް ސިފަކުރައްވައި ޝާހިދު ވިދާޅުވީ އުންމީދުކުރަނީ އިންޑިޔާ ރާއްޖެ ގުޅުން މިހާރު ކުރިއަށްދާ މިސްރާބުގައި ދެމިގެންދާނެ ކަމަށް ކަމުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.