"މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ވެރިއަކު ކެމްޕެއިން ވައުދަކާ މިހާ ފާޅުގައި ހިލާފުވި ފުރަތަމަ ފަހަރު،" އުމަރު ވިދާޅުވި އެވެ.
ފަހުގެ ތާރީހެއްގައި ކެމްޕެއިން ވައުދަކާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވި ފުރަތަމަ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ އިންޑިއާއާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ހިންގުމަށް ފަހު ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު، ރަސްމީ ދަތުރުފުޅެއް ގައި އިންޑިއާއަށް ވަޑައިގަތުމާއި ދިމާކޮށެވެ. ރައީސްގެ ދަތުރުފުޅުގައި މިއަދު ވަނީ ބޮޑުވަޒީރު މޯދީއާ ބައްދަލު ކުރައްވާފަ އެވެ. އަދި ކުރީ ސަރުކާރުން އިންޑިއާއާއެކު އެތައް އެއްބަސްވުމެއް ހަދާފައިވާ ކަމަށް ތުހުމަތުކޮށް އެކަމަށް ފާޑުކިއުމަށް ފަހު މި ދަތުރުފުޅުގެ ތެރެއިން ގިނަ އެއްބަސްވުންތަކެއް ވަނީ ގާއިމު ކޮށްފަ އެވެ.
މީގެ އިތުރުން އައްޑޫ ގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރުން ފަދަ ކަންކަމުގައި މަޝްވަރާ ވެސް ކޮށްފައިވެ އެވެ.
ރައީސް މުއިއްޒުއާއި ބޮޑުވަޒީރު މޯދީ ސަލާމް ކުރައްވާ މަންޒަރު ފެންނަ ފޮޓޯއަކާ އެކު އުމަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ވެރިކަމާއި ޕީއެންސީގެ ވެރިކަމުގައި އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އިންޑިއާގެ ގޮނޑި ކޮއްކޮ ސަރުކާރަކަށް މި ސަރުކާރު ވެސް ބަދަލުވެ ބުނި ހުރިހާ ކަމަކަށް އެއްބަސްވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ވެރިއަކު ކެމްޕެއިން ވައުދަކާ މިހާ ފާޅުގައި ހިލާފުވި ފުރަތަމަ ފަހަރު،" އުމަރު ވިދާޅުވި އެވެ.
އަދި ވިދާޅުވީ މި ސަރުކާރަށް ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާގެ މީހުން ފޮނުވާނުލެވުނުތާ ކުރީ ސަރުކާރުތަކުން އެއްބަސް ވެފައި ނެތް ކަންކަމަށް އެއްބަސްވެ އަމާން ވެސް ދީފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާނެ ކަމަށް ތަކުރާރުކޮށް ވައުދުވެވަޑައިގަންނަވަމުންނެވެ. ކެމްޕެއިންގެ ހުރިހާ ރެލީއެއްގައި އެ ވައުދުފުޅު ތަކުރާރު ކުރެއްވި އެވެ. އަދި އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ގާއިމު ކުރީ ރައީސް ސޯލިހްގެ ސަރުކާރުން ކަމަށް ވިދާޅުވެ އެތައް ތުހުމަތެއް ކުރެއްވި އެވެ.
ވެރިކަމުގެ އެންމެ ކުރީކޮޅު އެ ވައުދުފުޅު ފުރިހަމަ ކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި މިހާރު އިންޑިއާގެ ޑޯނިއާ ބޯޓާއި ހެކްލޮޕްޓަރުތަކުގެ އޮޕަރޭޝަން ގައި ތިބީ އިންޑިއާގެ ސިވިލިއަނުން ކަަމަށް ބުނެ އެވެ. ނަމަވެސް ގިނަ ދިވެހީން އެ ވާހަކަތައް ގަބޫލެއް ނުކުރެ އެވެ. ގަބޫލު ކުރެވޭނެ ފަދަ އިތުބާރު ހުރި މައުލޫމާތެއް ސަރުކާރަށް ހާމަ ކުރާކަށް ނުވެސް ކެރުނެވެ.
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ވިދާޅުވަނީ ރާއްޖެއިން އިންޑިއާގެ އަސްކަރިއްޔާ ނުބޭލުނު ކަމަށެވެ. އަދި ކުރީން ވެވަޑައިގެންނެވި ވައުދުފުޅާ މުޅީން ހިލާފުވެ ކުރީން ފާޑު ވިދާޅުވި ހުރިހާ ކަމެއް މި ސަރުކާރުން ކުރަމުން ގެންދާ ކަމަށެވެ.