މިއަދު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮކްޓޯބަރު މަހުގައި ސުކޫކަށް ދައްކަންޖެހޭ ފައިސާ މި މަހުގެ ހަތްވަނަ ދުވަހުގެ ކުރިން ސަރުކާރުން ދައްކަައި ހަލާސްކޮށްފައިވާ ކަމަށެވެ.
ފާއިތުވި ސަރުކާރުން 2021 ވަނަ އަހަރު ތެރޭގައި އިޝޫކުރި ސުކޫކުގެ ކޫޕަން ޕޭމެންޓުގެ ގޮތުގައި މި އަހަރު ދައްކަންޖެހޭ ހުރިހާ ފައިސާއެއް ސަރުކާރުން ދައްކައި ހަލާސްކޮށްފި އެވެ.
ކޮންމެ އަހަރަކުވެސް ދެ ފަހަރަކު ސުކޫކުގެ ކޫޕަން ޕޭމެންޓުގެ ގޮތުގައި ސަރުކާރުން ފައިސާ ދައްކަންޖެހެ އެވެ. މި އަހަރު ކޫޕަން ފައިސާގެ ފުރަތަމަ ބައި ދެއްކީ މާޗު މަހުގަ އެވެ. އެފަހަރު 25 މިލިއަން ޑޮލަރު ކޫޕަން ޕޭމެންޓުގެ ގޮތުގައި ސަރުކާރުންވަނީ ދައްކާފަ އެވެ.
މި އަހަރުގެ ދެވަނަ ޕޭމެންޓު ހަދަންޖެހެނީ ހިނގަމުންދާ އޮކްޓޯބަރު މަހުގަ އެވެ. މިއަދު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮކްޓޯބަރު މަހުގައި ސުކޫކަށް ދައްކަންޖެހޭ ފައިސާ މި މަހުގެ ހަތްވަނަ ދުވަހުގެ ކުރިން ސަރުކާރުން ދައްކަައި ހަލާސްކޮށްފައިވާ ކަމަށެވެ.
އެއާއެކު ސަރުކާރުން މި އަހަރު ސުކޫކުގެ ކޫޕަން ޕޭމެންޓުގެ ގޮތުގައި އަދާކުރަންޖެހޭ 50 މިލިއަން ޑޮލަރު އަދާކުރެވުނީ އެވެ. އަންނަ އަހަރުވެސް ސުކޫކުގެ ކޫޕަން ޕޭމެންޓުގެ ގޮތުގައި އެ އަދަދަށް ފައިސާ ދައްކަންޖެހެ އެވެ. ޖެހިގެން އަންނަ އަހަރު ކޫޕަން ޕޭމެންޓުގެ ގޮތުގައި 25 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ.
ސަރުކާރުން ބުނީ ދަރަނި އަދާކުރުމަކީ ސަރުކާރުން އިސްކަންދޭނެ ކަމެއް ކަމަށެވެ. އަދި ވަގުތަށް ސުކޫކުގެ ކޫޕަން ޕޭމެންޓު އަދާކޮށް ހަލާސްކުރުމަކީ އިންވެސްޓަރުންނާއި ދަރަންޏަށް ފައިސާ ދީފައިވާ ފަރާތްތަކަށް އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށް ސަރުކާރުން އިލްތިޒާމުވާ މިންވަރު ފެންނަ ކަމެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ފާހަގަކުރި އެވެ.
މި ސުކޫކު މެޗުއާވެ އެއްކޮށް ފައިސާ އަނބުރާ ދައްކަންޖެހެނީ 2026 ވަނަ އަހަރު އެވެ. ކުރީ ސަރުކާރުން މި ސުކޫކު އިޝޫކުރި 500 މިލިއަން ޑޮލަރު ހޯދުމަށެވެ. އެއިން އެއްބައި ބޭނުންކުރީ ކުރިން އިޝޫކުރި ސަނީ ސައިޑް ބޮންޑަކަށް ދައްކަންޖެހޭ ފައިސާ އަނބުރާ އަދާކުރުމަށެވެ.
އަބޫދާބީގެ ސްޓޮކް މާކެޓުގައި ލިސްޓުކޮށްފައިވާ ސުކޫކުގެ އަގު، ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމާ ގުޅިގެން ދަށަށް ދިޔަ އެވެ. ނަމަވެސް ފަހުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގެ ހާލަތު ރަނގަޅުވުމާއެކު ސުކޫކުގެ އަގު އަލުން އުފުލުނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުުރުފުޅުގެ ތެރެއިން ބައެއް ކަހަލަ މާލީ އެހީތެރިކަން ހަމަޖެހިގެން ދިއުމުން ސުކޫކުގެ އަގު އިތުރަށް އުފުލި ސުކޫކު އަދާކުރުމުގެ ގާބިލުކަމާމެދު އުފެދިފައިވާ ޝައްކުތައް ފިލައިގެންދާނެ ކަމުގައި ބެލެވެ އެވެ.