ފާއިތުވި އަހަރުތަކުގައި ޕާކިސްތާނުގައި ހިންގާ ތަރައްގީގެ އެކި މަޝްރޫއުތަކުގައި މަސައްކަތްކުރާ ޗައިނާ މީހުންނަށް އަމާޒުކޮށް ތަފާތު ހަމަލާތައް ދެމުން ގޮސްފައިވާ ބޮލަޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ)އިން އިއްޔެގެ ހަމަލާގެ ޒިންމާ އުފުލާފައިވޭ
ޕާކިސްތާނުގެ ކަރާޗީގެ ޖިނާހު އިންޓަނޭޝަނަަލް އެއާޕޯޓު ކައިރީ ގޮވި ގޮވުމެއްގައި ޗައިނާގެ ދެ މީހަކު މަރުވެއްޖެ އެވެ.
ޕާކިސްތާނުގައި ހުންނަ ޗައިނާ އެމްބަސީން ބުނީ ޓެރަރިސްޓު އެ ހަމަލާގައި ޕާކިސްތާނު ބައެއް މީހުންވެސް މަރުވެފައިވާ ކަމަށެވެ. ނަމަވެސް މަރުވި މީހުންގެ ޖުމްލަ އަދަދު މިހާތަނަށް ކަށަވަރުނުވާކަމަށް ބައިނަލްއަގުވާމީ މީޑިޔާއިން ރިޕޯޓުކުރެ އެވެ.
މި ހަމަލާއަކީ ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގައި ހިންގަމުންދާ ހަކަތައިގެ މަޝްރޫއެއްގައި މަސައްކަތްކުރާ ޗައިނާގެ އިންޖިނިއަރުންތަކަކަށް އަމާޒުކޮށް ދިން ހަމަލާއެއްކަމަށް އެ އެމްބަސީން ބުނެފައިވެ އެވެ.
ފާއިތުވި އަހަރުތަކުގައި ޕާކިސްތާނުގައި ހިންގާ ތަރައްގީގެ އެކި މަޝްރޫއުތަކުގައި މަސައްކަތްކުރާ ޗައިނާ މީހުންނަށް އަމާޒުކޮށް ތަފާތު ހަމަލާތައް ދެމުން ގޮސްފައިވާ ބޮލަޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ)އިން އިއްޔެގެ ހަމަލާގެ ޒިންމާ އުފުލާފައިވެ އެވެ.
އެ ޖަމާއަތުން ހޯމަދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކަރާޗީ އެއާޕޯޓަށް އައި ޗައިނާގެ އިންޖިނިއަރުންނއި އިންވެސްޓަރުން ހިމެނޭ މަތީ ފަންތީގެ ވަފުދަކަށް އަމާޒުކޮށް ހަމލާއެއް ދިން ކަމަށެވެ. އެ ހަމަލާދިނީ ގޮވާތަކެތި ހަރުކޮށްފައިވާ ވެހިކަލުތަކެއް ބޭނުންކޮށްގެން ކަމަށްވެސް ބީއެލްއޭއިން ބުންޏެވެ.
ޗައިނާ އެމްބަސީން ބުނި ގޮތުގައި މި ހަމަލާ އަމާޒުކުރި އިންޖިނިއަރުންނަކީ ޗައިނާއިން ފަންޑުކޮށްގެން ހިންގާ ގާސިމް ޕަވަ ޖެނެރޭޝަން ކޯ ލިމިޓެޑްގެ މުވައްޒަފުންތަކެކެވެ. އެ ކުންފުންޏަކީ ކަރާޗީ ކައިރީ އޮންނަ ގާސިމް ބަނދަރުގައި ބޯޓު ދެލިން ހަކަތަ އުފައްދާ ދެ އިންޖީނުގެ އެޅުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.
މި ޕޯޓަކީ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ ބައެކެވެ. އެ ކޮރިޑޯގެ ތެރެއިން ޗައިނާއިން އަންނަނީ ގުދުރަތީ ވަސީލަތްތަކުގެ ގޮތުން މުއްސަނދި ބަލޮޗިސްތާނުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.
ބޭރުގެ އިންވެސްޓަރުން ބަލޮޗިސްތާނުގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެ ސަރަހައްދުގެ ގުދުރަތީ ވަސީލަތްތައް ނަގަމުންދާއިރު، އެކަށީގެންވާ މަންފާއެއް އެ ސަރަހައްދުގެ އަސްލު އަހުލުވެރިންނަށް ނުލިބޭކަމަށް ބަލޮޗިސްތާނުގައި މިނިވަން ދައުލަތެއް ގާއިމުކުރަން މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެ އެވެ.
އަދި ފާއިތުވި އަހަރުތަކުގައި އެ ޖަމާއަތްތަކުން އެ ސަރަހައްދުގައި ދެމުންދާ ގިނަ ހަމަލާތަކުގެ އަމާޒުފަތްގަނޑަކަށް ޗައިނާ މީހުން ވެފައިވެ އެވެ.