ދައުވާ އަނބުރާ ގެންދާ ސަބަބެއްކަމަށް އެ ކުންފުނިން ބުނީ އެމްޑީޕީން ދައްކަންޖެހޭ ފައިސާ ދެއްކުމާ ގުޅޭ ގޮތުން މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އެ ޕާޓީއާއެކު ސެޓްލްމެންޓު އެއްބަސްވުމެއް ހަދާފައިވުމެވެ.
އިދިކޮޅު އެމްޑީޕީން ފާއިތުވި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގައުމީ އެއާލައިން މޯލްޑިވިއަންގައި ކުރި ދަތުރުތަކަށް ދައްކަންޖެހި ނުދައްކަައި ހުރި 5.6 މިލިއަން ރުފިޔާ ދެއްކުމަށް އެ ކުންފުންޏާއެކު އެމްޑީޕީން އެއްބަސްވުމެއް ހަދައިފި އެވެ.
އެ އެއްބަސްވުން ހެދިކަން ހާމަވީ އެ ފައިސާ އެއްފަހަރާ ނަގައިދިނުމަށާައި އެ ފަައިސާ ނުދެއްކުމުގެ ސަބަބުން މޯލްޑިވިއަންއަށް ލިބުނު ގެއްލުމުގެ ބަދަލުގައި އަދުލުވެރި ބަދަލެއް ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް އެ ކުންފުނިން ހުށަހެޅި މައްސަލާގައި އެ ކޯޓުން ކުރި ހުކުމުންނެވެ.
އެމްޑީޕީން ކްރެޑިޓް އުސޫލުން މޯލްޑިވިއަންގެ ޝެޑިއުލް ފުލައިޓުތަކުން ނަގާފައިވާ ޓިކެޓުތަކާއި ޗާޓަރު ކުރި ފުލައިޓުތަކާއެކު ޖުމްލަ 5،629،861 (ފަސް މިލިއަން ހަ ލައްކަ ނަވާވީސްހާސް އަށްސަތޭކަ ފަސްދޮޅަސް އެއް) ރުފިޔާ އެ ކުންފުންޏަށް ދައްކަންޖެހިފައި އޮތެވެ.
މޯލްޑިވިއަންއިންވަނީ އެ ދައުވާ އަނބުރާ ގެންދިއުމަށް ހުށަހަޅާފަ އެވެ. ދައުވާ އަނބުރާ ގެންދާ ސަބަބެއްކަމަށް އެ ކުންފުނިން ބުނީ އެމްޑީޕީން ދައްކަންޖެހޭ ފައިސާ ދެއްކުމާ ގުޅޭ ގޮތުން މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އެ ޕާޓީއާއެކު ސެޓްލްމެންޓު އެއްބަސްވުމެއް ހަދާފައިވުމެވެ.
އަދި އެ އެއްބަސްވުމުގެ ދަށުން ފުރަތަމަ ދައްކާ އިންސްޓޯލެމެންޓުގެ ގޮތުގައި އެމްޑީޕީން އެއް މިލިއަން ރުފިޔާ މިހާރު މޯލްޑިވިއަންއަށް ދައްކާފައިވާކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ދައުވާ އަނބުރާ ގެންދަން އެންދިއުމާއެކު މޯލްޑިވިއަންއިން އެދިފައިވަނީ އެ މައްސަލަ އަނބުރާ ގެންދިޔަ ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެމްޑީޕީން ފައިސާ ނުދައްކާ ހާލަތުގައި އަލުން އެ ފައިސާ ހޯދުމަށް ދައުވާކުރުމުގެ ހައްގު އޮންނާނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
މައްސަލަ ބެއްލެވި ގާޒީ އާދަމް ޒާލިފު ހުކުމް ކުރައްވާފައިވަނީ މޯލްޑިވިއަނުން އެދުނު ގޮތަށް ދައުވާ ފޯމު ބާތިލުކޮށް އަނބުރާ ގެންދިއުމަށް ފުރުސަތު ދިނުމާއެކު، އެއްބަސްވުމާ އެމްޑީޕީން ހިލާފުވެއްޖެނަމަ އަލުން ދައުވާކުރެވޭނެ ކަމަށެވެ.