މިއީ ޝަހުދާގެ ފުރަތަމަ ޑައިރެކްޝަން ނަމަވެސް ޑާކްރެއިންގެ ފައުންޑާ މުހައްމަދު އަލީ (މޮގާ) ދޭ ޔަގީން ކަމަކީ ޑާކްރެއިން ފުރިހަމަ ކޮލެޓީ ފިލްމުގައި ހިމެނޭނެ ކަމެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ -- ޑާކްރެއިން އެެންޓަމައިންޓްގެ އާ ފިލްމް "ބިބީ" މާދަމާ ރޭ ޕްރިމިއާ ކުރާނެ އެވެ.
އަހަރުގެ ބޮޑު ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާ "ބިބީ" އަކީ ހޮރޯ-ކޮމެޑީ އެކެވެ. ފިލްމު މާދަމާ ރޭ އޮލިމްޕަހު ގައި ޕްރިމިއާ ކުރާނެ އެވެ. އަދި މާދަމާ ރެ އިން ފެށިގެން ކުރިއަށް އޮތް މަހެއްހާ ދުވަހަށް ފިލްމު އޮލިމްޕަހު ގައި ދައްކާނެ އެވެ.
ޑާކްރެއިންގެ ކޮންމެ ފިލްމަކަށް ވެސް އާންމުން ވަރަށް ބޮޑަށް އިންތިޒާރު ކުރެ އެވެ. ސަބަބަކީ އެ ސްޓޫޑިއޯގެ ފިލްމުތައް ފުރިހަމަ ވުމެވެ. ރީތި ވުމެވެ.
ފިލްމު ޕްރިމިއާ ކުރުމުގެ ވަގުތު ކުޑަތަންވަމުންދާއިރު ފިލްމުގެ ފަސްޓްލޫކުން ފެނިގެން ދިޔައީ ބިރުވެރި ކަމެވެ. އޭގެ ފަހަތުގައި ފޮރުވިފައިވާ ހެއްވާ/ މަޖާ ކަންތައްތަކަކީ ކޮބައިކަން ބަލައިލަން ޖެހުނީ އިންތިޒާރު ކުރާށެވެ. ދެން ފެނުނީ އޮފިޝަލް ޕޯސްޓަރެވެ. ފިލްމަށް އިތުރަށް ޝައުގުވެރި ކުރުވި އެވެ. ފިލްމުގެ ކެރެކްޓާތައް ފެންނަނީ ވަރަށް ތަފާތު ކޮށެވެ. ބިރުގަންނަވާލާނެ ކަން ގައިމެވެ. ހެއްވާ ލާނެ ކަން ވެސް ކަށަވަރެވެ. ތަފާތު ސްކްރީންޕްލޭ އަކަށް ވާނެ ކަމީ ވެސް ޔަގީން ކަމެކެވެ.
ޑާކްރެއިން އޭގެ ފަހުން ވަނީ "ބިބީ" ގެ ކާސްޓުންގެ ޕޯސްޓަރުތަކެއް އާންމުކޮށްފަ އެވެ. އެ ޕޯސްޓަރުތަކާ އެކު ވެސް ފިލްމަށް އޮތް ޝައުގުވެރިކަން ވީ ބޮޑެވެ. ކޮންމެ ޕޯސްޓަރެއް ގައި ތަފާތު ދެ ލުކެއް ފެނެ އެވެ.
ޒުވާން ރޭޑިއޯ / ޓީވީ ހުށައެޅުންތެރިޔާ އަދި ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭ އަކަށް މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ ވެސް އޭނާ އެވެ. މިއީ ޝަހުދާގެ ފުރަތަމަ ފީޗާ ފިލްމެވެ.
ފިލްމުގެ ލީޑް ތަރީންނަކީ ޝަރަފު އަބްދުﷲ އާއި މަރިޔަމް މަޖުދާ އެވެ. މީގެ އިތުރުން ޝީލާ ނަޖީބާއި އަހްމަދު ސައީދު އާއި ފުބޫ ފަދަ ތަރީން ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ. ހާއްސަ ރޯލަކުން އިސްމާއީލް ވަޖީހު ވެސް ފެންނާނެ އެވެ.
ޑާކްރެއިން އަކީ އާ ތަރީންނާއި މި ދާއިރާއަށް އާ މީހުން ނެރުމަށް ބޮޑު އިސްކަމެއް ދޭ ސްޓޫޑިއޯ އެކެވެ. މިއީ ޝަހުދާގެ ފުރަތަމަ ޑައިރެކްޝަން ނަމަވެސް ޑާކްރެއިންގެ ފައުންޑާ މުހައްމަދު އަލީ (މޮގާ) ދޭ ޔަގީން ކަމަކީ ޑާކްރެއިން ފުރިހަމަ ކޮލެޓީ ފިލްމުގައި ހިމެނޭނެ ކަމެވެ. ބެލުންތެރީން ޑިސެޕޮއިންޓް ނުކުރާނެ ކަމެވެ.