"މި ޕްރޮގްރާމަށް ބަލާލާއިރު ލިބިފައިވާ ދަރިވަރުންގެ ތެރެއިން އެކަށީގެންވާ އަދަދެއް ޕްރައިމަރީ ޓީޗަރުންނަށް ހާއްސަ ކުރެވިއްޖެނަމަ ގަބޫލުކުރަނީ ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ލިބިގެންދާނެ ކަމަށް،"
ސަރުކާރު ސްކޫލުތަކުގައި ގާތްގަނޑަކަށް 10،000 އެއްހާ ޓީޗަރުން މަސައްކަތް ކުރަމުންދާއިރު، ސްކޫލުތަކަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭ ޓީޗަރުން މަދުވުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހާރު ދަނީ ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގަމުންނެވެ. މި ޕްރޮގްރާމުގައި ގާތްގަނޑަކަށް 130 އެއްހާ ދަރިވަރުން ދަނީ ތަމްރީނު ހޯދަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ދިވެހި އިސްލާމް އަދި ކޭމްބްރިޖްގެ އެކިއެކި މާއްދާތައް ކިޔަވައިދޭ ޓީޗަރުން ވެސް ވަރަށް މަދު ކަމަށެވެ.
"މި ޕްރޮގްރާމަށް ބަލާލާއިރު ލިބިފައިވާ ދަރިވަރުންގެ ތެރެއިން އެކަށީގެންވާ އަދަދެއް ޕްރައިމަރީ ޓީޗަރުންނަށް ހާއްސަ ކުރެވިއްޖެނަމަ ގަބޫލުކުރަނީ ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ލިބިގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް މިނިސްޓްރީން މިހާރު ކުރަމުންދާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން އެތަނުގެ މެންޑޭޓެއް ކަމުގައިވާ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓްގެ ކަންތައްތައް ހަރުދަނާކޮށް، މުދައްރިސުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިގޮތަށް ފުރުސަތުތަކެއް ހޯދައިދެވިއްޖެ ކަމުގައިވަނީނަމަ ހިދުމަތުގަ ތިބި ޓީޗަރުންނަށް އެބޭފުޅުން ބޭނުންވާ އެކިއެކި ހުނަރުތައް ލިބިގެންދާނެ. ރަށުގަ ތިއްބަވައިގެން، ސުކޫލަށް ވަޑައިގަންނަވަމުން އަދި އެހެން ތަނަކަށް ދަތުރުނުކޮށް ރަށުގަ ތިއްބަވައިގެން އެކަން ކުރުމުގެ މާހައުލެއް ގާއިމް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.