އަދި ކޮންމެ ދައުލަތަކުންވެސް ގައުމު ބިނާކުރުމަށާއި، ފަސްގަނޑު ބިނާކުރުމަށް މަސައްކަތްކުރާކަން ފާހަގަކުރައްވައި ނަސީރު ވިދާޅުވީ ގައުމު ބިނާކުރުމަކީ ދިވެހިން ބިނާކުރުން ކަމަށެވެ.
ދިވެހިން ކަންކަމާމެދު ދެކޭ ގޮތުގެ އަސާސަކީ އިސްލާމްދީން ކަމަށާއި، ޤައުމު ބިނާކުރުމަށް ކުރާ މަސައްކަތް ފެށެނީ އެ ދީނާ ހަމައިންކަމަށް ދިވެހި ބަހާއި ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ނަސީރު މިފަދައިން ވިދާޅުވީ ޕީއެސްއެމްއިން ގެނެސްދިން ރާއްޖެމިއަދު ޕްރޮގުރާމުގައި ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި ޖަލްސާގައި ގައުމާ މުހާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅާ ގުޅިގެން އިތުރަށް ތަފުސީލު ދެއްވަމުންނެވެ.
ނަސީރު ވިދާޅުވީ ގައުމަކީ ވަކި ސިފަތަކެއް ލިބިގެންވާ އިންސާނީ ޖަމާއަތަކަށް ކަމުގައިވާއިރު، ކޮންމެ ގައުމަކުންވެސް ހެވާއި ނުބައި ކަނޑައެޅުމަށް އަދި ދުނިޔެއާ މެދު ވިސްނައި ފިކުރުކުރުމަށް ތަރާަދެއް ގެންގުޅޭ ކަމަށެވެ. އެ ތަރާދަށް ކިޔަނީ ދީން ކަމަށެވެ. އަދި ދިވެހިންގެ ނިސްބަތުން އެ ތަރާދަކީ އިސްލާމްދީންކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ކޮންމެ ދައުލަތަކުންވެސް ގައުމު ބިނާކުރުމަށާއި، ފަސްގަނޑު ބިނާކުރުމަށް މަސައްކަތްކުރާކަން ފާހަގަކުރައްވައި ނަސީރު ވިދާޅުވީ ގައުމު ބިނާކުރުމަކީ ދިވެހިން ބިނާކުރުން ކަމަށެވެ. ރާއްޖެ ބިނާކުރުމަކީ އުމްރާނީ ގޮތުން ފަސްގަނޑު ބިނާކޮށް ގެންނަ ތަރައްގީ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން ފިކުރީ ގޮތުން ބިނާވުމަށް ކުރާ މަސައްކަތް ފެށޭނީ އަޅުގަނޑުމެން ދުނިޔެ ދެކޭ ގޮތުން. އެއީ މާތްވެގެންވ އިސްލާމްދީން،" ދިވެހި ގައުމު ބިނާކުރުމުގެ މަސައްކަތް ފެށޭ ހިސާބަކީ އިސްލާމްދީނުގެ މަތީގައި ދިވެހިން ބިނާކުރުންކަން ފާހަގަކުރައްވައި ނަސީރު ވިދާޅުވި އެވެ.
އިތުރަށް އޭނާ ވިދާޅުވީ ދިވެހިރާއްޖެ ދިފާއުކުރުމުގެ ގާބިލުކަން އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދޭންޖެހޭއިރު އެ ގާބިލުކަން ފެށެނީ އިސްލާމްދީނާ ހަމައިން ކަމަށެވެ. އެގޮތުން ދީން ބުނެދެނީ ހީވަގިކަމާއި، ގައުމަށް ވަފާތެރިވުމާއި، ގައުމުގެ ދިފާއުގައި ވިސްނުން ފަދަ ކަންކަން ކަމަށެވެ.