"ނަމަވެސް މި ސަރުކާރުން ވެސް އެކަމާމެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވަނީސް، އިނގިރޭސިވިލާތުގެ ސަރުކާރުން ޗާގޯސް، މޮރިޝަސްއާ ހަވާލުކުރުމަށް ނިންމިކަން މިހާރު އެވަނީ އިއުލާނުކޮށްފައި،"
ޗާގޯސްގެ ރަށްތަކުގެ ސިޔާދަތާ ގުޅޭ ގޮތުން ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުންދިއަ ސިޔާސަތު ނިމިދިޔަ ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށް ބުނެ، ރާއްޖެއަށާއި ދިވެހީންނަށް ލިބުނު ގެއްލުމާމެދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް މިހާތަނަށް ފިޔަވަޅެއް އަޅުއްވާފައިނުވާތީ ދަ ޑިމޮކްރެޓްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޑިމޮކްރެޓްސް އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޗާގޯސްގެ ރަށްތަކުގެ ސިޔާދަތާ ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުމުގައި، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ގަބޫލުކޮށް، ރާއްޖޭގެ ފަރާތުން ދައުވާކުރުމުގެ ހައްގު ނިމިދިޔަ ސަރުކާރުން ސިއްރު ސިޓީއަކުން ދޫކޮށްލައި އަދި އދ ގައި އެގޮތަށް ވޯޓު ދިނުމަކީ އެޕާޓީން މީގެކުރިން ވެސް ކަންބޮޑުވުން ފާޅުކޮށް، ކުށްވެރިކޮށްފައިވާ ކަމެއް ކަމަށެވެ.
އޭގެ ފަހުން ރައީސް މުއިއްޒުގެ ސަރުކާރުން، ރާއްޖޭގެ އެ ނިންމުން އަލުން މުރާޖާ ކުރާނެ ކަމަށާއި، ޗާގޯސްގެ ރަަށްތަކުގެ ސިޔާދަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އަލުން ހޯދާނެ ދެއްވާނެ ކަމަށް ރިޔާސީ ވައުދެއްގެ ގޮތުގައި ވިދާޅުވެފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"ނަމަވެސް މި ސަރުކާރުން ވެސް އެކަމާމެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވަނީސް، އިނގިރޭސިވިލާތުގެ ސަރުކާރުން ޗާގޯސް، މޮރިޝަސްއާ ހަވާލުކުރުމަށް ނިންމިކަން މިހާރު އެވަނީ އިއުލާނުކޮށްފައި. މިއީ ދައުވާކުރުމުގެ ހައްގު ރާއްޖެއިން ދޫކޮށްލެއްވުމުގެ ސަބަބުން ނުވަތަ އެ ހައްގު އަލުން ހޯދައިދިނުމަށް މަސައްކަތްނުކުރެއްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތައް ލިބިގެންދާ ގެއްލުމެއްކަމަށް މި ޕާޓީން ދެކެން،" ބަޔާނުގައިވެ އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީގެ މައްސަލަ އޮތީ ބޮޑުވެފަ އެވެ. އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ އީއީޒެޑުން 44،000 އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ގެއްލިފައިވާ ކަަމަށް އޭރުގެ އިދިކޮޅު ޕާޓީތަކާއި ކުރީގެ ބައެއް ބަންޑާރަ ނާއިބުން ގެންދެވީ ވިދާޅުވަމުންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނާ ބޭފުޅުންގެ ނަަޒަރުގައި އެ ނިންމުން އައުމުގައި ރައީސްގެ ސިޓީގެ ދައުރު ވަރަށް މުހިންމެވެ.