ހޯރަފުށީ ކައިރިގައި މިހާރު އޮތް ބޯޓަކީ ދުބާއީއިން ޗައިނާއަށް ދަތުރުކުރާ ބޯޓެވެ. މި ބޯޓަށް ދޭ ހިދުމަތުން ލިބޭ އާމްދަނީގެ ބައެއް ހިއްސާކުރާނީ ޕްރައިވެޓް ސެކްޓާ އެވެ.
ރާއްޖޭގައި މެރިޓައިމް އިގްތިސޯދެއް ބިނާކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން އެމްޕީއެލް އިން ފުރަތަމަ މެރިޓައިމް ހިދުމަތް ފެށީ މެދުއިރުމަތިން ޗައިނާ އަށް ދަތުރުކުރާ ބޯޓަކަށެވެ.
ދަ މިރާ އަށް އެމްޕީއެލްގެ ސީއީއޯ / މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު ވިދާޅުވި ގޮތުގައި އުލިގަމުގައި މިހާރު ބަނދަރުކޮށްފައިވާ ބޯޓަށް ބޭނުންވާ މެރިޓައިމް ހިދުމަތްދޭން އެ ކުންފުނިން ވަނީ މަސައްކަތް ފަށާފަ އެވެ. މި މަސައްކަތުގެ ދަށުން އެ ބޯޓުން އެދިފައިވަނީ ފެން ސަޕްލައި ކުރުމާއި ކްރޫއިން ޗޭންޖު ކުރުން އަދި ކާބޯތަކެތި ސަޕްލައި ކުރުމާއި ސްޕެއާ ހޯދަން ކަމަށް ސީއީއޯ ވިދާޅުވި އެވެ.
"މި ބޯޓަށް ނުވަ ކްރޫއިން ޗޭންޖް ކުރާނެ. އެ ކްރޫއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ނަގައިގެން ހޯރަފުށީ އެއާޕޯޓަށް ގެނެސް އައިއެސްޕީއެސް ގޭޓް [މެރިޓައިމް ހިދުމަތްދޭ ގޭޓް] އިން ބޯޓަށް އަރުވައިދޭނެ. އަދި ބޭރަށް ފުރަންދާ ކްރޫއިން އެއާޕޯޓުން ގެންގޮސްދިނުމުގެ ހިދުމަތް ވެސް ދޭނެ. މިކަންކަން ކުރާނީ ޕްރައިވެޓް ސެކްޓާ އިން،" ވަޖީހު ވިދާޅުވި އެވެ.
ކްރޫ ޗޭންޖިންއަކީ ކޮބާ ؟ - ކްރޫޗޭންޖް ކުރުމަކީ މެރިޓައިމް ސިނާއަތުގައި ބޮޑު އާމްދަނީއެއް ލިބޭ އެއް ދާއިރާ އެވެ. މިއީ ބަނދަރަށް ބޯޓު އައުމާއެކު އޭގައި ތިބޭ ކްރޫއިން ބޭރަށް ފޮނުވުމާއި އާ ކްރޫއިން ބޯޓަށް އެރުވުމުގެ ހިދުމަތެވެ. ކޮވިޑް-19 އާ ގުޅިގެން ދުނިޔެ ބަންދުކޮށްފައި އޮތް ދުވަސްވަރު ރާއްޖޭގައި ދިން ކްރޫ ޗޭންޖް ކުރުމުގެ ހިދުމަތުން ސަރުކާރަށް މަހަކު 140 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ވަޖީހު ވިދާޅުވި ގޮތުގައި މީގެ ހުރިހާ ހިދުމަތްތަކަށް ވެސް ފައިސާ ދައްކާނީ ޑޮލަރުން ކަމަށާ މިކަމުގެ ސަބަބުން އަމިއްލަ ވިޔަފާރިވެރިންނަށް ލިބޭ ޑޮލަރު ވެސް އިތުރުވާނެ ކަމަށެވެ.
"މި ބޯޓަށް ވެސް ކާބޯތަކެތި ސަޕްލައި ކުރާނެ. މިކަން ކުރާނީ އެ ސަރަހައްދުގެ ފަރާތްތަކުން. ބައެއް ސްޕެއާވެސް ސަޕްލައި ކުރާނެ. މިކަންވެސް ކުރާނީ ޕްރައިވެޓް ސެކްޓާއިން. އެހެންވެ މިއީ ޕްރައިވެޓް ސެކްޓަރަށް ލިބޭނެ މަންފާއެއް. މި ހިދުމަތް ފެށުމާއެކު އިތުރު ޑިމާންޑު ވެސް ދަނީ އިތުރުވަމުން،" ވަޖީހު ވިދާޅުވި އެވެ.
އެމްޕީއެލް އިން ވަނީ މެރިޓައިމްއާ ގުޅުންހުރި 14 ހިދުމަތެއް ދޭން ފަށާފަ އެވެ. މިހާރު ހޯރަފުށީ ކައިރީގައި ބަނދަރުކޮށްފައިވާ އެމްޓީ ޖިންގީ ތެޔޮ ޓޭންކަރު ދަތުރު ކުރަނީ ދުބާއީގެ އަލްހަމްރިއްޔާ ޕޯޓުން ޗައިނާގެ ޑޮންގުން ޗައިނާ ޕޯޓަށެވެ.