ޓޫރިޒަމްގެ ޑޮލަރު ބޭންކުތަކަށް މާރުކުރުމުން، ރައްޔިތުންގެ ބޭނުންތަކަށް ޑޮލަރު ދޫކުރަން ބޭންކުތަކަށް އެމްއެމްއޭއިން ދެމުންދާ ބޭރު ފައިސާގެ އަދަދު ދެގުނައަށް އިތުރުކުރެވޭނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
ބޭންކުތަކަށް ޓޫރިޒަމްގެ ބޭރު ފައިސާ އާމްދަނީ މިންވަރެއް މާރުކުރަން ފެށުމުން، ބޭންކުތައް މެދުވެރިކޮށް ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުމަށް ޑޮލަރު ދޫކުރުމަށް އެމްއެމްއޭއިން ދެމެންދާ ޑޮލަރުގެ އަދަދު ދެގުނައަށް އިތުރުކުރެވޭނެ ކަމުގައި މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ޕްރޮގުރާމެއްގައި، ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރުމަށާއި، އެ އާމްދަނީން ވަކި މިންވަރެއް ބޭންކުތަކށް މާރުކުރުން ލާޒިމުކުރުމަށް އެމްއެމްއޭއިން އެކުލަވައިލި އުސޫލާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ މިހާރު ބޭންކުތަކަށް ފަތުރުވެރިކަމުގެ ސިނާއަތުގެ އާމްދަނީން ވަންނަނީ ވަރަށް ކުޑަ މިންވަރެއް ކަމަށެވެ.
"ކޮވިޑަށްފަހު ފަތުރުވެރިކަމުގެ ދާއިރާއިން އަޅުގަނޑުމެންގެ ބޭންކިން ނިޒާމަށް ބޭރު ފައިސާ ވަންނަ މިންވަރު މިވަނީ ވަރަށް ބޮޑު ތަން މަދުވެފައި. 2019ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ގާތްގަނޑަކަަށް 3 ބިލިއަން ޑޮލަރު [ފަތުރުވެރިކަމަށް އާމްދަނީގެ ގޮތުގައި] ލިބުނުއިރު، އޭގެ 74 ޕަސެންޓް މިވަނީ މާލީ ނިޒާމަށް ވަދެފައި. މިހާރުގެ ހާލަތަށް ބަލާއިރު 4.5 ޑޮލަރު އިންޑަސްޓްރީގެ ސޭލްސްގެ ގޮތުގައި އުޅޭއިރު އެންމެ 52 އިންސައްތަ ބޭންކިން ނިޒާމަށް ވަނީ،" މުނައްވަރު ވިދާޅުވި އެވެ.
އިތުރަށް މުނައްވަރު ވިދާޅުވީ އެމްއެމްއޭގެ މަގުސަދަކީ ޓޫރިޒަމް ސިނާއަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ ތެރެއިން މާލީ ނިޒާމަށް ވަންނަ ފައިސާގެ އަދަދު 70 އިންސައްތައާއި 80 އިންސައްތައާ ދެމެދުގެ އަދަދަކަށް އިތުރުކުރުން ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާ ބޭންކުތަކަށް ވަނުމުން އެ ފައިސާ ދައުރުކުރަން ފަށާނެ ކަމުގައި ގަވަރުނަރު ވިދާޅުވި އެވެ.
"މަނިޓަރީ އުސޫލުގައި މިވާގޮތަކީ ބޭންކުތަކަށް ފައިސާވަނީމާ އެ ފައިސާ ދައުރުކުރަން ހަގީގަތުގައި މިފަށަަނީ. ދިވެހިރާއްޖޭގެ ބޭންކުތަކަށް [އެ ފައިސާ] ވަނީމާ ދިވެހިރާއްޖޭގެ ބޭންކިން ނިޒާމު ކުރިއަރައިގެން މިދަނީ.،" ގަވަރުނަރު ވިދާޅުވި އެވެ.
ހަތަރު ބިލިއަނަށްވުރެ ގިނަ ޑޮލަރު ރާއްޖޭގެ ފަތުރުވެރިކަމަށް އާަމްދަނީގެ ގޮތުގައި ލިބޭއިރު ބޭންކުތަކުގައި ޑިޕޮސިޓުގެ ގޮތުގައި ހުރީ 1.8 ބިލިއަން ޑޮލަރުކަން ފާހަގަކުރައްވައި ގަވަނަރު ވިދާޅުވީ ޑިޕޮސިޓުތައް މަދުވުމުގެ ސަބަބުން ޑޮލަރުން ބޭންކުތަކަށް ލޯނުވެސް ދޫނުކުރެވޭ ކަމަށެވެ. ނަމަވެސް ޑިޕޮސިޓުތައް އިތުރުވެއްޖެނަމަ ބޭންކުތަކަށް ޑޮލަރުން ލޯނު ދޫކުރެވޭނެ މިންވަރުވެސް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންވެސް ފާހަގަކުރައްވާ ބީއެމްއެލް ވިޔަސް އެހެން ބޭންކެއް ވިޔަސް ވަރަށް ދައްޗޭ ވޯކިން ކެޕިޓަލްގެ ގޮތުގަ ނަމަވެސް ޑޮލަރުން ލޯނު ހޯދަން. އެހެންވީމާ މީގެ އެންމެ މުހިއްމު ބޭނުމަކީ [ޖަމާކުރާ މިންވަރު] 70 ޕަސެންޓު 80 ޕަސެންޓަށް އިތުރުކުރުން. އެއިރުން ނުހެދި ހުރި ރިސޯޓުތައް ހަދަންވެސް ބޭންކުތަކުން ލޯނު ދޫކުރެވޭނީ،" މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު އިތުރަށް ފާހަގަކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ބޭރު ފައިސާއިން މިންވަރެއް ބޭންކުތަކަށް މާރުކުރަން ލާޒިމުކުރީ އެ ބޭންކުތަކަށް ބޭރު ފައިސާ ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ. ބޭންކުތަކަށް ބޭރު ފައިސާ ޖަމާކުރުމަކީ އަދި ބޭންކުތަކަށް ބޭރު ފައިސާ ލިބުން ނޫންކަން ފާހަގަކުރައްވަމުން މުނައްވަރު ވިދާޅުވީ މިހާރުވެސް ބީއެމްއެލްއަށް މަހެއްގެ މައްޗަށް 13 މިލިއަން ޑޮލަރާއި 18 މިލިއަން ޑޮލަރާ ދެމެދުގެ މިންވަރަކަށް ޑޮލަރު ބޭނުންވާ ކަމަށެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން އެމްއެމްއޭއަށް ލިބޭ 60 އިންސައްތަ މަރުކަޒީ ބޭންކުން ބޭނުންކުރާނީ ދިވެހިންނަށް ބޭނުންވާ ޑޮލަރު ބޭންކުތައް މެދުވެރިކޮށް ދޫކުރުމަށެވެ. މިހާރުވެސް އެމްއެމްއޭއިން ބީއެމްއެލް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފުރާ ކޮންމެ މީހަކަށް 500 ޑޮލަރު ދެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
މިހާރު ބޭންކުތަކަށް ރައްޔިތުންނަށް ދޫކުރުމަށް އެމްއެމްއޭއިން ދޫކުރެވެނީ 300 ނުވަތަ 400 މިލިއަނެއްހައި ޑޮލަރުކަން ފާހަގަކުރައްވައި ގަވަނަރު ވިދާޅުވީ ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށުމުން އެ އަދަދު ދެގުނަކުރެވޭނެ ކަމަށެވެ.