ހަނގުރާމައިގެ ހޫނު ގަދަވުން | އިސްރާއީލުގެ ކްރެޑިޓް ރޭޓިން ދަށްކޮށްފި

އިސްރާއީލުން ލުބުނާނުގެ ހިޒްބުﷲއާ ކުރަމުންދާ ހަނގުރާމައިގެ ހޫނު ގަދަވެ އީރާނާއި އިސްރާއީލުގެ މެދުގައި ހަނގުރާމަ ފެށިދާނެކަމަށް ބެލެވިފައިވަނިކޮށް، އިސްރާއީލުގެ ކްރެޑިޓް ރޭޓިން ދަށްކޮށްފި އެވެ.

އެސްއެންޕީގެ އިތުރަށް މޫޑީސްއިންވެސް އިސްރާއީލުގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވޭ، ފޮޓޯ: އަނާޟޯލް

ބައިނަލްއަގުވާމީ ކްރެޑިޓު ރޭޓިން އެޖެންސީ ސްޓެންޑަޑް އެންޑް ޕުއާސް (އެސްއެންޕީ)އިން އިސްރާއީލުގެ ކްރެޑިޓް ރޭޓިން "އޭ-ޕްލަސް"އިން އޭއަށް ދަށްކުރުމަށް އަންގާރަދުވަހު ނިންމައިފި އެވެ. 

ކްރެޑިޓް ރޭޓިން ދަށްކުރި ސަބަބެއްކަމަށް އެ އެޖެންސީން ބުނީ އިސްރާއީލުން ހިޒްބުﷲއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާއި، އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ އެކަމުގެ ސަބަބުން އިސްރާއީލުގެ އިގުތިސާދށާއި މާލިއްޔަތަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބެލެވޭތީ ކަމަށެވެ. 

"ޣައްޒާގައި އިސްރާއީލުން ކުރާ ހަނގުރާމައާއި، އެއްގަމު މަގުން އަރައިގަނެ ހިންގާ އޮޕަރޭޝަންތައް ހިމެނޭހެން އިސްރާއީލުގެ އުތުރު ބޯޑަރު ހުރަސްކޮށް ލުބުނާނަށް ދެމުންދާ ހަމަލާތައް 2025 ވަނަ އަހަރުގެ ތެރެއަށް ދިގުލައިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން އިސްރާއީލަށް ހަމަލާތައް އަމާޒުވުމުގެ އިހުތިމާލު އޮތްކަމަށް ފެނޭ،" އެސްއެންޕީގެ ރިޕޯޓުގައި ބުނެފައިވ އެވެ. 

ފުރަތަމަ އެ އެޖެންސީން ނިންމާފައި އޮތީ ނޮވެންބަރު އަށްވަނަ ދުވަހު އިސްރާއީލުގެ ކްރެޑިޓް ރޭޓިން ދަށްކުރުމަށެވެ. ނަމަވެސް ހިޒްބުﷲއާ ދެކޮޅަށް އިސްރާއީލުން ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރޭޓިން ދަށްކުރުން އަވަސްކުރީ އެވެ. 

"ތާވަލުގެ ބޭރުން މި ނިންމުން އިއުލާނުކުރަންޖެހުނީ އިސްރާއީލަށް އޮތް ޖިއޯޕޮލިޓިކަލް އަދި ސަލާމަތީ ހިރާސްތައް ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން،" އެ އެޖެންސީން ބުނެފައިވެ އެވެ. 

އެސްއެންޕީން ކްރެޑިޓް އިސްރާއީލުގެ ކްރެޑިޓް ރޭޓިން ދަށްކުރުމުގެ ދުވަސްކޮޅެއް ކުރިން މޫޑީސްއިންވެސް އެ ގައުމުގެ ކްރެޑިޓް ރޭޓިން ދަށްކުރި އެވެ. މޫޑީސްއިން ނިންމާފައިވަނީ ދެ ދަރަޖަ ދަށްކޮށް "އޭ2" ދަރަޖައިން "ބީއޭއޭ1" ދަރަޖައަށް ކްރެޑިޓް ރޭޓިން ދަށްކުރުމަށެވެ. 

މޫޑީސްގެ ނިންމުން ނިންމާފައިވަނީ އީރާނުން އިސްރާއީލަށް ހަމަލާ ދިނުމުގެ ކުރިންނެވެ. އެ ހަމަލާއާއެކު އެ ދެ ގައުމުގެ މެދުގައި ހަނގުރާމައެއް ފެށުމުގެ ފުރުސަތު ބޮޑުވެފައިވެ އެވެ. 

އީރާނުން ބުނި ގޮތުގައި އިސްރާއީލަށް ބެލިސްޓިކް މިސައިލު އޮއްސައިލީ ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއީލް ހަނީޔާ އަވަހާރަކޮށްލުމާއި، ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ހަސަން ނަސްރުﷲ އަދި އީރާނުގެ ރިވޮލޫޝަނަރީ ގާޑުގެ ކޮމާންޑަރު އައްބާސް ނިލްފޮރޮޝަން އަވަހާރަކޮށްލުމުގެ ރައްދުގަ އެވެ. 

ޖުލައި މަހު ތެހެރާނުގައި ދިން ހަމަލާއެއްގައި ހަނީޔާ އަވަހާރަކޮށްލިއިރު ނަސްރުﷲއާއި ނިލްފޮރޮޝަން އަވަހާރަކޮށްލީ ފާއިތުވި ހަފުތާގައި ބެއިރޫތަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.