އިންޑިޔާއާއި ޕާކިސްތާނުން ހަނޑޫ ބޭރުކުރާ މިންވަރު ކޮންޓުރޯލުކޮށް އަގު ހިފަހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލުމާއެކު ހަނޑުލުގެ އެކި ބާވަތްތަކުގެ އަގު ބައިނަލްއަގުވާމީ ބާޒާރުގައި ހެޔޮވެފައިވެ އެވެ.
ޕާކިސްތާނާއި އިންޑިޔާއިން ހަނޑޫ ބޭރުކުރުން ހިފަހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލުމާއެކު ދުނިޔޭގެ ބާޒާރުގައި ހަނޑުލުގެ އެކި ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ.
ބާސްމަތީ ހަނޑޫ ފިޔަވައި އެހެނިހެން ހަނޑޫ ބޭރުކުރުން ހުއްޓުވާފައި އޮތުމަށްފަހު، އިންޑިޔާއިން ހަނޑޫ ބޭރުކުރަން ހޮނިހިރު ދުވަހު ހުއްދަ ދީފައިވެ އެވެ. އެއީ އިންޑިޔާގެ ސަރުކާރުން ދައުލަތުގެ ބޭނުމަށް ބަލަހައްޓާ ހަނޑުލުގެ ރިޒާވްތައް އަންދާޒާކުރި މިންވަރަށްވުރެ އިތުރުވުމާ ގުޅިގެން އެޅި ފިޔަވަޅެކެވެ.
އޭގެ އެއް ދުވަސް ކުރިން ޕާކިސްތާނުންވަނީ ހަނޑޫ ބޭރުކުރެވޭނެ އެންމެ ކުޑަ އަގުގެ ގޮތުގައި 2023 ވަނަ އަހަރުން ފެށިގެން ކަނޑައަޅާފައި އޮތް އަގު އުވައިލާފަ އެވެ. އެއިރު ކަނޑައަޅާފައި އޮތް އަގަކީ ބާސްމަތީ ހަނޑުލުގެ މެޓްރިކް ޓަނެއް 1،300 ޑޮލަރަށް އަދި ބާސްމަތީ ފިޔަވައި އެހެނިހެން ބާވަތްތަކުގެ ހަނޑުލުގެ މެޓްރިކް ޓަނެއް 550 ޑޮލަރަށް ބޭރުކުރެވޭ ގޮތަށް ކަނޑައަޅާފައިވެ އެވެ.
ޕާކިސްތާނުން މިފިޔަވަޅު އެޅީ ސެޕްޓެންބަރު މަހުގެ ތެރޭގައި ބާސްމަތީ ހަނޑޫ ބޭރުކުރެވޭނެ އެންމެ ކުޑަ އަގުގެ ގޮތުގައި ކަނޑައަޅާފައިވާ 950 ޑޮލަރުގެ އަގު އުވައިލަން ނިންމުމާ ގުޅިގެންނެވެ. ބާސްމަތީ ހަނޑޫ އުފައްދާ ހަމައެކަނި ދެ ގައުމަކީ އިންޑިޔާއާއި ޕާކިސްތާނެވެ.
ޕާކިސްތާނުގެ ކޮމާސް މިނިސްޓަރު ޖަމާލް ކަމާލް ޚާން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ ހަނޑޫ އެކްސްޕޯޓުކުރުމުގެ އެންމެ ކުޑަ އަގު އުވައިލައްވަން ނިންމެވީ ރައިސް އެކްސްޕޯޓާސް އެސޯސިއޭޝަން އޮފް ޕާކިސްތާންގެ އެދުމުގެ މަތިން ކަމަށެވެ. އަދި ކުރިން އެ އަގު ކަނޑައެޅީ ބައިނަލްއަގުވާމީ ބާޒާރުގައި ހަނޑުލުގެ އަގު ބޮޑުވުމާއި އިންޑިޔާއިން ބާސްމަތީ ހަނޑޫ ބޭރުކުރެވޭނެ އެންމެ ކުޑަ އަގު ކަނޑައެޅުމުން ކަމަށެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ހަނޑުލުގެ އަގު ދަށްވެފައިވުމާއެކު، އިންޑިޔާއިން ހަނޑޫ ބޭރުކުރުން ކޮންޓުރޯލުކުރަން އަޅާފައިވާ ފިޔަވަޅުތައްވެސް އުވައިލުމުން، ހަނޑޫ ބޭރުކުރެވޭ އެންމެ ކުޑަ އަގަކީ ހަނޑުލުގެ އެކްސްޕޯޓަށް އޮތް ހުރަހަކަށްވެފައިވާތީ އެ ފިޔަވަޅު އުވައިލެއްވީކަމަށްވެސް ޚާން ވިދާޅުވި އެވެ.
އެ ނިންމުމާއެކު ޕާކިސްތާނުން ހަނޑޫ ބޭރުކުރާ މިންވަރު އިތުރުވެ، ފަސް ބިލިއަން އެމެރިކާ ޑޮލަރަށް ހަނޑޫ އެކްސްޕޯޓުގެ އާމްދަނީ އަރާނެކަމަށް ޕާކިސްތާނު ސަރުކާރުން ލަފާކުރި ނަމަވެސް އިންޑިޔާ ހަނޑުލާއި ޕާކިސްތާނު ހަނޑުލުގެ ވާދަވެރިކަން ބާޒާރުގައި ބޮޑުވާނެކަމަށް ބެލެވޭތީ އެ އަމާޒަށް ވާސިލުވުން ފަސޭހަނުވާނެ ކަމަށް މާހިރުން ވިދާޅުވެ އެވެ.
އިންޑިޔާއަކީ ދުނިޔޭގައި އެންމެ ގިނައިން ހަނޑޫ އެކްސްޕޯޓުކުރާ ގައުމެވެ. ބައިނަލްއަގުވާމީ ހަނޑުލުގެ ބާޒާރުގެ %40 ކޮންޓުރޯލުކުރަނީ އިންޑިޔާއިންނެވެ. ބާސްމަތީ ހަނޑުލުގެ ބާޒަރުގެ %65 އިންސައްތަ ހިއްސާ އޮތީ އިންޑިޔާގެ އަތްމަތީ އެވެ. ޕާކިސްތާނަކީ ތައިލެންޑާއި ވިއެޓްނާމު ނަގާފައި ތިންވަނައަށް އެންމެ ގިނައިން ހަނޑޫ ބޭރުކުރާ ގައުމެވެ. ބާސްމަތީ ހަނޑުލުގެ ބާޒާރުގެ 35 އިންސައްތަ ހިއްސާ އޮތީ އެގައުމުގެ އަތްމަތީ އެވެ.
ހަނޑޫ ވިއްކައިގެން އިންޑިޔާއަށް 2022-2023 މާލީ އަހަރު 11 ބިލިއަން ޑޮލަރު ލިބުނެވެ. އަދި 4.5 މިލިއަން މެޓްރިކް ޓަނުގެ ބާސްމަތީ ހަނޑޫ ވިއްކައިގެން އެ ގައުމަށް 4.7 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.
ނަމަވެސް އިންފްލޭޝަން މަތިވުމާއި، ހަނޑޫ އުފެއްދޭ މިންވަރު ދަށްވުމުގެ ސަބަބުން އިންޑިޔާއިން ޖުލައި 2023 ގައި ބާސްމަތީ ފިޔަވައި އެހެނިހެން ބާވަތްތަކުގެ ހަނޑޫ ބޭރުކުރުން މަނާކުރި އެވެ. އިންޑިޔާގައި އާންމުންނަށް ހަނޑޫ ފޯރުކޮށްދޭ ނިޒާމުގައި ބޭނުންކުރަނީ މި ބާވަތްތަކުގެ ހަނޑުލެވެ. އޭގެ މަސްދުވަސް ފަހުން ބާސްމަތީ ހަނޑޫ ބޭރުކުރާ މިންވަރު މަދުކުރުމަށް އެ ގައުމުން ފިޔަވަޅު އެޅި އެވެ.
އިންޑިޔާގެ އެ ނިންމުމުގެ މަންފާކުރީ ޕާކިސްތާނަށެވެ. އެގޮތުން 2023 ޖުލައިއިން މި އަހަރުގެ ޖުލައި އާ ދެމެދު ޕާކިސްތާނުން ހަނޑޫ ބޭރުކުރި މިންވަރު 60 އިންސައްތަ އިތުރުވި އެވެ. އަދި ބޭރުކުރި ހަނޑުލުގެ އަގު 78 އިންސައްތަ އިތުރުވެ، 3.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހަނޑުލުގެ އެކްސްޕޯޓުން ހޯދި އެވެ.
ނަމަވެސް އިންޑިޔާ ހަނޑޫ އަލުން ބާޒާރަށް ނުކުންނަން ފެށުމާއެކު، ކަނޑައަޅާފައި އޮތް އެންމެ ކުޑަ އަގާއެކު ބައިނަލްއަގުވާމީ ބާޒާރުގައި ވާދަކުރުމަށް ގޮންޖެހުންތަކެއް ޕާކިސްތާނަށް ކުރިމަތިވާނެ އެވެ. މި ސަބަބަށްޓަކައި ހަނޑޫ ބޭރުކުރާ ޕާކިސްތާނުގެ ވިޔަފާރިތަކުން އެގައުމުގެ ސަރުކާރުގެ ނިންމުމަށް ތާއީދުކޮށްފައިވެ އެވެ.
އިންޑިޔާއާ ހިލާފަށް ޕާކިސްތާނުގައި މައިގަނޑު ގޮތެއްގައި ކެއުމަށް ބޭނުންކުރަނީ ގޮދަނެވެ. އެވެރެޖުކޮށް މީހަކު އަހަރެއްގެ މައްޗަށް 120 ކިލޯގެ ގޮދަން ކެއުމުގައި ބޭނުންކުރާއިރު، އަހަރެއްގެ މައްޗަށް އެވެރެޖުކޮށް މީހަކު ކެއުމަށް ބޭނުންކުރަނީ 20 ކިލޯ ހަނޑުލެވެ.
ސަރުކާރުގެ މި ނިންމުމަށް ހަނޑޫ އެކްސްޕޯޓުކުރާ ވިޔަފާރިތަކުން ތާއީދުކުރި ނަމަވެސް ހަނޑޫ އިންދާ ދަނޑުވެރިންގެ ވިސްނުން ތަފާތެވެ. އެމީހުން ބުނާ ގޮތުގައި ހަނޑޫ އެކްސްޕޯޓުކުރެވޭ އެންމެ ކުޑަ އަގު އުވައިލުމަކީ ހަނޑޫ ވިއްކޭ އަގު ދަށްވާނެ ސަބަބެކެވެ.
ދަނޑުވެރިން ގަބޫލުކުރާ ގޮތުގައި ހަނޑޫ އެކްސްޕޯޓުކުރާ އަދަދުގެ ގޮތުން ޕާކިސްތާނަށް އިންޑިޔާއާ ވާދަކުރެވެން ނެތުމުން އެންމެ ރަނގަޅު ގޮތަކީ ހަނޑޫ ބޭރުކުރެވޭނެ އެންމެ ކުޑަ އަގެއް ކަނޑައަޅާފައި އޮތުމެވެ. މިހާރު ނިންމި ނިންމުމުގެ ސަބަބުން ހަނޑޫ ވިއްކާ އަގު ބޭނުން ގޮތަކަށް ކަނޑައެޅުމާއެކު ބޭރުކުރާ ހަނޑޫ އިތުރުވިޔަސް، ހަނޑުލުގެ އަގު ދަށްވާނެ ކަމުގައި ދަނޑުވެރިން ދެކެ އެވެ.
ބައެއް ދަނޑުވެރިން ދެކޭ ގޮތުގައި ހަނޑޫ ބޭރުކުރެވޭނެ އެންމެ ކުޑަ އަގު އުވައިލުމުގެ އާހިރު ނަތީޖާއަކށްވަނީ ހަނޑޫ ބޭރުކުރާ އަދަދުވެސް ދަށްވެ ބޭރުކުރާ ހަނޑުލުން ލިބޭ އާމްދަނީވެސް މަދުވުމެވެ.