ފައްޔާޒު ދެއްކެވީ ނަމޫނާއެއް؛ ވާދަވެރިކަމުގައި ހަގީގަތް އޮޅުވައިލަންނުޖެހޭ

ފައްޔާޒު ދެއްކެވީ ވާދަވެރިކަމުގައި ހަގީގަތް އޮޅުވައިލާ ނަފްރަތުގެ ތެރެއިން ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ބިރުވެރިކަން އުފެއްދުން ނޫން މަގެއް ސިޔާސީ ކަންކަމުގައި އިހުތިޔާރުކުރެވޭނެ ކަމުގެ ހެއްކެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް

ދިވެހި ސިޔާސީ ވާދަވެރިކަމުގެ ތަބީއަތަކީ ވާދަވެރިން ކުރާ ރަނގަޅު އެއްވެސް ކަމެއް ނުފެނި، ކުރާ ކޮންމެ ކަމެއްމެ ނުރަނގަޅު ގެއްލުން ހުރި ކަމެއްގެ ގޮތުގައި ދައްކައިގެން ކުރި ހޯދުމެވެ. މިއީ ދިވެހިރާއްޖޭގައި ސިޔާސީ ވާދަވެރިކަން ފެށުނީއްސުރެ މިކަން އޮތް ގޮތެވެ. 

މިސާލަކަށް ބަލަނީނަމަ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓެކުސް ނިޒާމު ތައާރަފުކޮށް ޖީއެސްޓީއައި ޓީޖީއެސްޓީ ނަގަން ފަށަން އުޅުމުން އެއިރުގެ އިދިކޮޅު ފަރާތްތަކުން ކަންކުރި ގޮތަށް ބަލައިލުން ރަނގަޅެވެ. އެއިރު އިދިކޮޅުގައި އޮތީ ޑީއާރްޕީ އެވެ. އެ ޕާޓީގެ މުޅި އަމާޒު ހިފީ އެ ނިންމުމުގެ ނުބައިކަމާއި ކުރާނެ ނުރަނގަޅު އަސަރުތައް ބަޔާންކުރުމަށެވެ. 

އެގޮތުން އެއިރު ޓެކުސް ނެގުމަކީ ދީނުގައި ހަރާމްކަމެއްކަމަށްވެސް ބުނެފައިވެ އެވެ. އަދި ޓެކްސް ނަގަން ފެށުމުން ދިވެހިންގެ އަތްމަތި ދަަތިވެ، އިގުތިސާދީ ހަރަކާތްތައް ހުއްޓި، ޓޫރިޒަމް ފުނޑި އިންވެސްޓަރުން ރާއްޖެ ދޫކޮށް ހިނގައިދާނެކަމަށް ކިއެވެ. ނަމަވެސް ދައުލަތުގެ އެ ބަދަލާއެކު ދައުލަތުގެ އާމްދަނީ އިތުރުވެ، ސަރުކާރުން ރައްޔިތުންނަށް ދެމުންއައި ހިދުމަތްތައް ފުޅާކުރެވި، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރެވި ހިންގާ މަޝްރޫއުތައް ގިނަވި އެވެ. 

އޭގެ ފަހުގެ މިސާލަކަށް ބަލާނަމަ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ބައެއް ސަބްސިޑީތައް ކަނޑައިލަން ނިންމި އެވެ. ސަބްސިޑީ ނިޒާމު އިސްލާހުކުރުމަށް ސަރުކާރުން މަސައްކަތްތައް ފެށުމާއެކު އެއިރު އިދިކޮޅުގައި އޮތް އެމްޑީޕީން މަސައްކަތް ފެށީ އެއީ ސަރުކާރުން ރައްޔިތުން ބިކަކޮށްލައި ނިކަމެތި ކުރަން އެޅި ފިޔަވަޅެއްގެ ގޮތުގައި ކިޔައިދޭށެވެ. ދައުލަތުގެ މާލިއްޔަތަށް ސަބްސިޑީ ނިޒާމުން ކުރަމުންދިޔަ ނުރަނގަޅު އަސަރުތަކާއި، އެ ނިޒާމު އޮތް ގޮތަށް ދެމެހެއްޓުމަކީ ދެމެހެއްޓޭނެ ކަމެއް ނޫންކަން ސިޔާސީ ހުރިހާ ލީޑަރުންނާއި ޕާޓީތަކަށްވެސް ސާފުވާނެ އެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އެކަން ދިޔައީ ފާހަގަކުރަމުންނެވެ. 

ދުނިޔޭގެ ތަސައްރުފު ފުދިފައިވާ ޑިމޮކްރަސީތަކުގައި މިކަން ހިނގަނީ މިހެންނެއް ނޫނެވެ. ޒިންމާދާރު ސިޔާސީ ލީޑަރުން މަސައްކަތްކުރައްވަނީވެސް މިހެނެއް ނޫނެވެ. ރަނގަޅު ކަންކަމުގައި ބައި-ޕާޓިސަން ނިންމުންތައް ނިންމަ އެވެ. އެ ކަންކަމުގައި ހުރިހާ ޕާޓީއެއް އެއްގަލަށް އަރައިގެން އެކުގައި މަސައްކަތްކުރެ އެވެ. 

ޑިމޮކްރަސީއެއް ރަނގަޅަށް ހިނގުމަށް އެންމެ މުހިއްމު އެއްކަމަކީ ވާދަވެރިކަމުގައިވެސް އިންސާފުވެރިވުމެވެ. ސަރުކާރަކުން ކުރާ ރަނގަޅުކަންކަމަށް އެންމެންވެސް ހިތްވަރުދީ އެއްބާރުލުން ދިނުމެވެ. އިނގިރޭސިން ބުނާނަމަ ޑީމަނައިޒްކޮށް ކޮންމެ ކަމަކީ ޝައިތާނީ އަސްލެއް އޮތް ނުބައި ނިޔަތެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމުގައި ދައްކައި، ރުޅިވެރިކަމާއި ނަފުރަތުގެ ހުޅުގަނޑު ރޯކޮށްގެން ސިޔާސީ މަންފާ ހޯދުމަށްވުރެ، އެގޮތަށް މަސައްކަތްކުރުމުން ގައުމަށް ލިބޭ ފައިދާ ބޮޑެވެ. 

އެމްއެމްއޭއިން އިއްޔެ ނިންމި ބޮޑު ނިންމުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓުތަކަށް ބަލައިލުމުން ދެ ބޭފުޅުންގެ ސިޔާސީ ވިސްނުންފުޅާއި، ސިޔާސީ ކަންކަން ހިންގެވުމުގައި ގެންގުޅުއްވާ އިސްތިރާޖިއްޔާގެ ތަފާތު ފެނެ އެވެ. 

ޝާހިދުގެ ޓުވީޓު ފެއްޓެވީވެސް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ވިދާޅުވީ އިއްޔެ ގެނައި ބަދަލުތައް ގެނައީ މަޝްވަރާނުކޮށް ކަމަށެވެ. އަދި ޓޫރިޒަަމް ސިނާއަތުގެ ކަންބޮޑުވުންތަކަށް އެ ނިންމުމުގައި ސަރުކާރާއި އެމްއެމްއޭއިން ރިއާޔަތްނުކުރާކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. 

ފައްޔާޒުގެ ވާހަކަފުޅު ފެއްޓެވީ މުޅިން ތަފާތުކޮށެވެ. ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި ޓޫރިޒަމްގެ އާމްދަނީ ބޭންކުތަކަށް ޖަމާކޮށް، ވަކި މިންވަރެއް މާރުކުރަންޖެހުމަކި މި ސަރުކާރުން ބޭރު ފައިސާގެ ކާރިސާ ހައްލުކުރުމަށް އެޅި އެންމެ ހަރުދަނާ ފިޔަވަޅެވެ. އަދި އެއީ އެކަމަށް މަރުހަބާ ކިޔަންޖެހޭ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ބޭރު ފައިސާއަށް އޮތް ޕްރެޝަރު ކުޑަވާނެ ކަމުގައި ވިދާޅުވި އެވެ. 

ސަރުކާރުން ހާސިލުކުރަން އުޅޭ މަގުސަދަކީ ރަނގަޅު މަގުސަދެއްކަމަށާއި، ތަންފީޒުކުރަން ފެށި ސިޔާސަތަކީ އޭގެ އަސްލުގައި ރަނގަޅު ސިޔާސަތެއްކަމަށް ފައްޔާޒު ވިދާޅުވުމުން ޝާހިދު މިކަމުގައި ނެންގެވި ސްޓޭންޑާއި ފައްޔާޒުގެ ސްޓޭންޑުގެ ތަފާތު ފެނުނެވެ. 

ދެވަނަކަމަކަށް ފައްޔާޒު ފާހަގަކުރެއްވީ އޭނާއަށް ގަބޫލުކުރެވޭ ގޮތުން ސިޔާސަތުގައި އޮތް މައްސަލަ އެވެ. މުޅި ސިޔާސަތު ގޯސްކުރެެއްވުމުގެ ބަދަލުގައި ފައްޔާޒު ވިދާޅުވެދެއްވީ އޭނާއަށް ފެނިވަޑައިގަންނަވާ ގޮތުގައި ބަދަލުކުރަންޖެހޭ ކަމެވެ. އެއީ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ވަކި އަދަދެއްގެ ޑޮލަރު މާރުކުރުމުގެ ބަދަލުގައި ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީން ވަކި އިންސައްތައެއް މާރުކުރުން ލާޒިމުކުރަަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވި ވިދާޅުވުމެވެ. 

މިއީ ބަހުސްކުރެވިދާނެ ނުކުތާއެކެވެ. ދެބަސްވުމަށް ޖާގަ އޮތް މައްސަލައެކެވެ. އެއީ ތަންފީޒުކުރަން ފެށުމުން އެ ބަދަލު ގެންނަންޖެހޭނަމަ ގެނެވިދާނެ ބަދަލެކެވެ. އެއީ އަސްލު މަގުސަދާއި ޖުމްލަ ސިޔާސަތަށް ވިދާޅުވި ފާޑުވިދާޅުވުމަކަށްވުރެ ބޮޑަށް ސިޔާސަތު ތަންފީޒުކުރާ ގޮތަށް ވިދާޅުވި ފާޑުވިދާޅުވުމެކެވެ. ރުޅިވެރިކަމެއް ނަފުރަތެއް އުފެއްދެވުމެއް ނެތި ދޫކޮށްލެއްވި ބިނާކުރަނިވި ހިޔާލެކެވެ. 

މިއީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަދުން ނޫނީ ފެނިފައި ނެތް ބާވަތުގެ ފާޑުކިޔުމެކެވެ. ބިނާކުރަނިވި ފާޑުކިޔުމަކީ ކަންކަން އިސްލާހުކުރުމުގެ ތަޅުދަނޑި އެވެ. ނިޒާމެއް ބަދަލުކުރުމުގެ މަރުހަލާ ފަހަނައަޅައި ނިޒާމެއް ހަރުދަނާކުރުމުގެ މަރުހަލާއަށް ރާއްޖެ ވަންނައިރު ދިވެހި ސިޔާސީ ލީޑަރުން ކިނބައިން ގައުމަށް ބޭނުންވަނީ މިފަދަ ފާޑުވިދާޅުވުމާއި، ވާހަކަފުޅެވެ. 

ފައްޔާޒުގެ ހިޔާލުފުޅަށް ތާއީދުނުކުރި ނަމަވެސް އެ ހިޔާލު ފާޅުކުރެއްވި ގޮތަށާއި، އެކަމުގައި ގައުމީ މަސްލަހަތު އިސްކުރައްވައި ސަރުކާރަށް ހިތްވަރުދެއްވީތީ ޝުކުރުވެރިވާންޖެހެ އެވެ. އަޅުގަނޑަށް ފެންނަ ފެނުމުގައި ފައްޔާޒު އެ ހުޅުވައިދެއްވީ ދިވެހި ސިިޔާސީ މަސްރަހަށް އާ ބާބެކެވެ. އެއީ ނަފްރަތުގެ އަލިފާނުގެ ދިލައިގެ ހޫނުން މަގު ސާފުކުރުމުގެ ބަދަލުގައި ރިވެތި މަޝްވަރާއާއި އޮއްޓަރުހުރި ބަހުސްގެ ތެރެއިން ގައުމު ބިނާކުރުމުގެ ރާސްތާ ކޮށުމުގެ ބާބެވެ. އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް އެގޮތުގައި ފައްޔާޒު ދެމިހުންނެވުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.