ވާހަކަ

ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 64

"ކީއްވެ އެއްޗެކޭ ނުބުނީ؟ އަހަރެން ދެކެ ލޯބި ނުވަނީތަ؟ ކޮން ކަމަކާ ތި ވިސްނަނީ؟"

- އެޕިސޯޑް 64 –

"އަޔާޒް.."

ސުހާގެ އަޑަށް އަޔާޒް ސިހުނެވެ. ސުހާ ކުރި ސުވާލަށް ދޭނެ ޖަވާބެއް ނޭނގި އަޔާޒް ހުއްޓުން އަރާފައި އިނދެވުނީއެވެ. އެއާ އެކުގައި އަޔާޒްގެ ސިކުނޑި ފަތަހަ ކޮށްލީ ޝަރާގެ ހަނދާންތަކުންނެވެ. އެ ޚިޔާލު ތަކާއި ފިކުރު ތަކުންނެވެ.

"ކީއްވެ އެއްޗެކޭ ނުބުނީ؟ އަހަރެން ދެކެ ލޯބި ނުވަނީތަ؟ ކޮން ކަމަކާ ތި ވިސްނަނީ؟"

ސުހާ އޭނާގެ ސުވާލު އަނެއްކާ ވެސް ތަކުރާރު ކޮށްލިއެވެ. އަޔާޒް ބަލައިލީ ސުހާގެ ދެލޮލަށެވެ. ސުހާގެ ސުވާލަށް ޖަވާބެއްގެ ގޮތުގައި ބުނަންވީ ކީކޭ ކަމެއް އަޔާޒަކަށް ނޭނގުނެވެ. ވަގުތު ކޮޅަކު ސުހާގެ މޫނަށް ބަލަން ހުރެފައި އަޔާޒް ހިން ދިރުވާލިއެވެ. އަދި ދޫ ހަރަކާތް ކޮށްލަން މަސައްކަތް ކުރެވޭތޯ ބަލާލިއެވެ.

"އަހަރެން ލޯބިވޭ!"

އަޔާޒް ބުނެލިއެވެ. ސުހާ އޭނާގެ ކަޅި ލޮލުގެ ތެރޭގައި އަނބުރާލިއެވެ. އަޔާޒްގެ ޖަވާބުން ހިތްހަމަ ނުޖެހިގެން ކަހަލަ ގޮތަކަށެވެ.

"ކާކު ދެކެ؟"

ސުހާ ވަރަށް ސީރިއަސްކޮށް އަހައިލިއެވެ. އަޔާޒަށް އަނެއްކާ ވެސް ހައިރާން ވެގެން ބަލައިލެވުނީ ސުހާއަށެވެ. އެއީ ކުރީގެ ސުހާއެއް ނޫނެވެ. އެ މަޑުމައިތިރި ކަމާއި، ބަސް މަދު ކަމެއް މިހާރު ސުހާގެ ފަރާތުން ނުފެނެއެވެ.

"ސުހާ ދެކެ!"

އަޔާޒް ދޮގު ހެދިއެވެ. އެއީ ދެމަފިރިންގެ ދެމެދުގެ މަސްލަހަތަށް ހެދޭ ދޮގުން، ފާފަ ނުލިބޭނެކަން އަޔާޒަށް އެނގިފައި އޮތުމާ އެކުގައެވެ.

"އަސްލުތަ؟"

ސުހާ އަނެއްކާ ވެސް ކޮށްލީ ސުވާލެކެވެ.

"ހާދަ ވަރަކަށް ތި ސުވާލު ކުރަނީ؟ ކިހިނެއް ވީ؟ ކަމެއް ވެގެން ތަ ތި އުޅެނީ؟"

އަޔާޒަށް އެންމެ ފަހުން ނުހުރެވިގެން އަހައިލެވުނެވެ. ސުހާ ހިތްހަމަ ނުޖެހުނެވެ.

"އަހަރެން މި ބަލަނީ ކަންކަން އިސްލާހު ކުރޭވޭތޯ.. މި ގުޅުން ކުރިއަށް ގެންދެވޭތޯ.. އަހަރެންގެ ހިތި މާޒީން އަރައިިގަނެވޭތޯ... އެކަމު އަޔާޒް ތި ހުންނަނީ ޖެހި ބުދެއްހެން... އެއްވެސް ސަޕޯރޓެއް އަހަރެންނަށް ނުދީ.. ދަރިއަކު ލިބެއްޖިއްޔާ، މި ވަރުން ކިހިނެއް ދިރިއުޅުން ކުރިއަށް ގެންދާނީ... އަޔާޒް އަހަރެން ދެކެ ލޯބިވާ ނަމަ، އެހާ އިރެއް ނުނަގާނެ ޖަވާބު ދޭކަށް.. ތީ ހުސް ދޮގު.. އަޔާޒް އަދިވެސް.. އަޔާޒްގެ ކުރީގެ ޙަޔާތް ކުޑަ، ލަދު ކުޑަ، ބޮޑު ބަޑި އަންހެނުން، ޝަރާ ދެކެ ލޯބި ވަނީ.. އެއީ ޙަޤީޤަތަކީ..."

ސުހާ ފެށީ އަޔާޒްގެ ކުރިމަތީގައި ޒުވާބު ކުރާށެވެ. އަޔާޒަށް ލިބެމުން ދިޔަ ހައިރާންކަން ދިޔައީ އިހުނަށް ވުރެ ބޮޑު ވަމުންނެވެ. އަޔާޒްގެ ކުރިމަތިން ފެންނަނީ މުޅިން އެހެން ސުހާ އެކެވެ. އެންމެ ފަހުން ޒުވާބު ކުރަން ވެސް ފެށީއެވެ. ޝަރާއާ ބެހޭ ގޮތުން ސުހާ ދެއްކި ހަޑި ވާހަކަތަކުން އަޔާޒަށް ވަރަށް އުނދަގޫ ވިއެވެ. އެއީ ޙަޤީޤަތަށް ވިޔަސް، އެހެން މީހެއްގެ ދުލުން އެ ބީދައިން އެ ވާހަކަ އަޑު އަހާކަށް އަޔާޒް ބޭނުމެއް ނުވެއެވެ. އެކަހަލަ ވާހަކަ އަޔާޒަށް އަޑު އަހަން ވެސް ފަސޭހަ އެއް ނޫނެވެ.

"ހުއްޓާލާ! ދެން ޝަރާ އޭ ކިޔާފަ އެއްވެސް އެއްޗެއް.. އެއްވެސް އެއްޗެއް ބުނެގެން ނުވާނެ.. ޝަރާ އަކީ ކޮންމެ ފާޑަކަށް އުޅޭ މީހަކަސް، އެއީ ސުހާއަކާ ބެހޭ ކަމެއް ނޫން.. ތި މޭރުމުން ދެން ސުހާ ވާހަކަދައްކައިފިއްޔާ.."

އަޔާޒް ކުއްލިއަކަށް އޭނާގެ ދޫ ބަންދު ކޮށްލިއެެވެ.

"ދައްކައިފިއްޔާ؟ ބުނެބަލަ! ކީއްކުރެވޭނީ؟ ވަރި ކުރާނަމޭ ތަ ތިބުނީ؟ އޭނ؟ ބުނެބަލަ! ފާޑު ފާޑަށް އިންޒާރު ނުދީ ވަރިކޮށްބަލަ!"

ސުހާ އަޑުގެ ނެތްކޮޅަށް ހަޅޭލަވައިގަތެވެ. އަޔާޒް އަވަސްވެ ގަތީ އިތުރަށް އެއްވެސް އެއްޗެއް ނުބުނެ އެތަނުން ދާށެވެ. އަޔާޒް ގެއިން ނުކުތުމާއެކުގައި ސުހާ ހިނިތުންވެލިއެވެ. އެއީ ވިހަގަދަ ހިނިތުންވުމެކެވެ. ސުހާގެ މައުސޫމްކަން މުޅިން ފިލައިގެން ގޮސްފިއެވެ. ސުހާ އެދިއެދި ހޯދަމުން ދިޔަ އޭނާގެ ޙަޤީޤީ ލޯބިވެރިޔާ، ވާރިޝް ފެނުމާ އެކުގައި ސުހާ މުޅިން ބަދަލުވެއްޖެއެވެ.

ލަސްތަކެއް ނުކޮށް ސުހާ ނެގީ އޭނާގެ ފޯނެވެ. އަދި ވާރިޝްއަށް ގުޅާލިއެވެ.

"ހަލޯ!" 

އެކޮޅުން ފޯނު ނެގީ އީމާ އެވެ.

"ހަލޯ.. އީމާ.. ކިހިނެއް؟" 

ސުހާ ވަރަށް އަވަސްކޮށް އަހާލިއެވެ.

"ރަނގަޅު! އެބައިން ސަޕްރައިޒެއް.. ސުހާ ވަރަށް އުފާވާނެ ޚަބަރެއް އެއީ.." 

އީމާގެ ވާހަކައިގެ މިސްރާބު ވަގުތުން ބަދަލު ވެގެން ދިޔައެވެ. ސުހާ ކޮންމެވެސް ވަރަކަށް ހައިރާން ވިއެވެ. ނަމަވެސް ސުހާގެ އެއްވެސް ޝައުޤެއް އީމާ އަކާ ވާހަކަދައްކާކަށް ނެތެވެ. އެކަމު އިތުރު ގޮތެއް ނެތީމަ، ކޯލްގައި މަޑުކޮށްލައިގެން ސުހާ އިނީއެވެ.

"ކޮން ޚަބަރެއް އަނެއްކާ؟" 

ސުހާ އަހައިލިއެވެ.

"މަޑުކޮށްބަލަ! ކީއްކުރަން ތިގުޅީ އަސްލު؟ ކަމަކުތަ؟ ވާރިޝް ފާޚާނާގަ.. ސުހާ ތި ގުޅި ކަމެއް ބަލާފަ ދޯ އަހަރެން ވާހަކަދައްކަން ވާނީ.." 

އީމާ ބުނެލިއެވެ.

"ނޫން ނޫން.. އީމާ ތި ޚަބަރު ދީ.. އަހަރެން މާ ބޮޑު ކަމަކު ނޫން މި ގުޅީ.. ވާރިޝް ގާތު އެއްޗެއް މިކޮޅަށް ފޮނުވޭނެތޯ ބަލަން.." 

ސުހާ ޖަވާބުގައި ބުނެލިއެވެ. އެ ވަގުތަކީ ވާރިޝް ފާޚާނާއިން ނުކުތް ވަގުތެވެ.

"ވާރިޝް.. ބޭބް.. ސުުހާ ފަހަރީ ގުޅާފަ.. އާދެބަލަ! ސަޕްރައިޒް ދޭން.." 

އީމާގެ ވާހަކަތަކުން ވާރިޝް ޖެހިލުން ވިއެވެ. އެއްވެސް ޙާލެއްގައި އީމާ ބަލިވެ އިން ޚަބަރު ސުހާއަށް ދޭކަށް ވާރިޝް އަދި ބޭނުމެއް ނުވެއެވެ. އެއީ ސުހާއަށް އެއްވެސް ވަރަކަށް އަޑު އަަހަން ފަސޭހަ ވާނެ ވާހަކައަކަށް ނުވާނެތީއެވެ. އަދި ވާރިޝް ދެކެ ސުހާ ރުޅި އަންނާނެ ވާހަކައަކަށް ވާނެ ތީއެވެ.

"އާދެ ބަލަ ވާރިޝް.." 

ވާރިޝް އެއްވެސް އެއްޗެއް ނުބުނެ ހުއްޓާ އީމާ އޭނާގެ އަތުގައި ހިފައިގެން އީމާގެ ގާތަށް ގެނައެވެ. ވާރިޝް ހުރީ ބަސް ހުއްޓި ގަނޑު ވެފައެވެ.

"ސުހާއަށް އެނގޭތަ؟" 

އީމާގެ މޫނުމަތިން ފެންނަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާ ތަނެވެ. ދޭތެރެ ދޭތެރެއިން ވާރިޝް ގެންދިޔައީ އީމާގެ މޫނަށް ބަލައިލަމުންނެވެ.

"އަހަރެން ބަނޑު ބޮޑު.. އަހަރެން މަންމަ އަކަށް ވަނީ.. ވާރިޝް ބައްޕަ އަކަށް ވަނީ.. އަޅެ ދޮންބެ އަށް ވެސް މި ނިއުސް ދެއްޗޭ!" އީމާ އުފަލުން ފޮޅެފައި ހުރެ ދެއްކި ވާހަކައިން ސުހާއަށް ހާރޓު އެޓޭކެއް ނުޖެހުނީ ހަމަ ކިރިޔާއެވެ. އެއްވެސް އެއްޗެއް ބުނާނެ ހިތްވަރެއް ސުހާ އަކަށް ނުލިބުނެވެ. އީމާ ހުރެގެން ސުހާއަށް ގޮވާ، ހަލޯ ކިޔަމުން ދިޔައެވެ. ނަމަވެސް ސުހާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ވާރިޝްއަށް ވެސް ނޭވާ ހިފަހައްޓާލައިގެން ހުރެވުނީއެވެ. ސުހާއަށް ލިބޭނެ ހިތްދަތިކަން ވާރިޝްއަށް އަންދާޒާކޮށްލަން ވެސް ދައްޗެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.