ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރުމުގެ އިސްލާހު | ޓޫރިޒަމް ޖަމިއްޔާތަކާ މަަޝްވަރާކުރި

މަޝްވަރާތަކުގައި ޓޫރިޒަމް އޯނަރުގެ ޖަމިއްޔާ މަޓީ އިން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ.

ޓޫރިޒަމް އޯނަރުންގެ ޖަމިއްޔާގެ ދެ ފައުންޑަރު ކަމަަށްވާ އެމްޔޫ މަނިކް އަދި ޗަމްޕާ އަފީފް

ރާއްޖޭގެ ބޭންކިން ސިސްޓަމަށް ޑޮލަރު މާރު ކުރުން ލާޒިމްކޮށް މަރުކަޒީ ބޭންކުން ގަވައިދު އިސްލާހުކޮށް އިއުލާނު ކުރުމުގެ ކުރިން ޓޫރިޒަމް ސިނާއަތާ މަޝްވަރާކުރި ކަމަށާ ކުރިކަން އެނގިއްޖެ އެވެ، 

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިއްޔެ ނެރުނު ބޭރު ފައިސާއާ ބެހޭ ގަވާއިދު އާއި މަނީ ޗޭންޖާ ކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާއިދުގައި ހުރި ބައެއް ފާހަގަ ކުރެއްވޭ ނުކުތާތަކުގެ މައްޗަށް މީޑިއާ ތަކަށް އިއްޔެ މައުލޫމާތު ދީފަ އެވެ. 

ދަ މިރާ އަށް އެނގިފައިވާ ގޮތުގައި މި އިސްލާހުތައް ގެނައުމުގެ ކުރީގައި ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ޓޫރިޒަމްގެ ގިނަ ޖަމިއްޔާތަކާ މަރުކަޒީ ބޭންކުން ވަނީ މަޝްވަރާކޮށްފަ އެވެ.

މަޝްވަރާކުރި ޖަމިއްޔާތައް

  • ރިސޯޓް އޯނަރުންގެ ޖަމިއްޔާ މަޓީ
  • ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ
  • ގެސްޓްހައުސް އަދި ހޮޓާތައް ތަމްސީލް ކުރާ ޖަމިއްޔާ އެންއެޗްގޭމްގެ
  • ބޯޓިން ޖަމިއްޔާ

ނަމަވެސް، ޓޫރިޒަމް ސިނާއަތުގެ ގިނަ ފަރާތްތަކުން މިކަމަށް އެހާ ޝައުގުވެރިކަމެއް ނެތް ކަމަށް "މިރާ" އަށް އެނގިފައިވެ އެވެ. މީގެ ސަބަބެއްގެ ގޮތުގައި އެނގިފައިވަނީ މިހާރު ފައިސާ މާރުކުރާ ގޮތަށް ބްލެކް މާކެޓަށް ނެރުމުން ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތް ތަކަށް ބޮޑު މަންފާއެއް ލިބުމެވެ. މިގޮތުން ރިސޯޓް އޯނަރުންގެ ޖަމިއްޔާ މަޓީ އިން ވަނީ މި އިސްލާހަށް ނުރުހުން ފާޅުކޮށްފަ އެވެ. 

ގޭމްގެ ރައީސް ކާނި އަބްދުﷲ

މީގެ އިތުރުން މި ގަވައިދު ހެދުމުގެ ކުރީގައި ޑޮލަރު މާރުކުރެވޭ އަދަދުދަކާ މެދު ވެސް ވަނީ މަޝްވަރާކޮށްފަ އެވެ. މިހާރުގެ ގަވައިދުގައިވާ ގޮތުން ޓޫރިޒަމް ވިޔަފާރިތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރުން ލާޒިމުކޮށްފައިވެ އެވެ. ޓޫރިޒަމްގެ ބޮޑެތި ވިޔަފާރިތަކުން އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު އަދި ކުދި ވިޔަފާރިތަކުން އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން މާރުކުރަންޖެހޭނެ އެވެ. 

މަޝްވަރާ އަށް ފަހު ނެރުނު ބޭރު ފައިސާއާ ބެހޭ ގަވާއިދުގައިވާ ގޮތުން މި ގަވާއިދުގައި ބުނެފައިވަނީ ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ކުރަންވަނީ ދިވެހި ރުފިޔާ އިން ކަމަށެވެ. ނަމަވެސް އެ އުސޫލުން އިސްތިސްނާވާ ކަންތައްތަކެއް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން އަންނަނިވި ކަންކަމުގައި ބޭރު ފައިސާ ބޭނުންކުރެވިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. މި ގަވައިދުގައި އިސްތިސްނާތަކެއްވެސް ގެނެފައިވެ އެވެ، 

މި ގަވައިދުގައި ދީފައިވާ އިސްތިސްނާތައް

  • ގަވާއިދެއް/ ގާނޫނެއްގެ ދަށުން ބޭރު ފައިސާއިން ސަރުކާރަށް/ދައުލަތަށް ދައްކަންޖެހޭ ފައިސާ
  • ބޭބާންކުތަކާއި ފައިނޭންސް ކުންފުނިތައް/ ރެމިޓެންސް ހިދުމަތްދޭ ކުންފުނިތަކުގެ ހިދުމަތްތަކާ ގުޅިގެން ކަސްޓަމަރުންނާ ކުރާ މުއާމަލާތްތައް
  • ޓޫރިޒަމް ވިޔަފާރިތަކަށް އިންޝުއަރޭންސް ހިދުމަތްދޭ ކުންފުނިތަކުން ކަސްޓަމަރުންނަށް ގިއްކާ ޕޮލިސީތަކާ ގުޅިގެން ކަސްޓަމަރުންނާއި އިންޝުއަރެންސް އިންޓަމީޑިއަރީތަކާއި ކުރެވޭ މުއާމަލާތްތައް
  • ބައިނަލްއަގުވާމީ މުއާމަލާތްތައް
  • ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު
  • އެކްސްޕޯޓު ކުރާ މުދަލާއި ހިދުމަތުގެ އަގު
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން މުދަލާ ހިދުމަތަށް ބޭރު ފައިސާއިން އަގު ދެއްކުން
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއް ޑިވިޑެންޑު ދިނުމާއި ހިއްސާދާރުންގެ މެދުގައި ކުރާ މުއާމަލާތްތަކާއި ގުޅުންހުރި އެހެން ފަރާތްތަކާ ކުރާ މުއާމަލާތްތައް
  • ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއްގެ ހިއްސާ ގަނެ ވިއްކުން
  • ބޭރު ފައިސާއިން އާމްދަނީ ވިޔަފާރިއަކުން ބޭނުންނަމަ މުސާރައާއި އިނާޔަތްތައް ދިނުން
  • ޑިއުޓީ ފިހާރަތަކުން ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު

އެ ގަވާއިދުގެ ދަށުން މީރާގައި ރަޖިސްޓްރީވެފައިވާ ޓޫރިޒަމް ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީކުރުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އަދި އަލަށް މީރާގައި ރަޖިސްޓްރީވާ ޓޫރިޒަމް ވިޔަފާރިތަކަށްވެސް މީރާގައި ރަޖިސްޓްރީކުރާތާ 30 ދުވަހުގެ ތެރޭގައި އެމްއެމްއޭގައި ރަޖިސްޓްރީ ކުރަންޖެހޭނެ އެވެ. ރަޖިސްޓްރީކުރާ މަހާ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ޓޫރިޒަމް ދާއިރާގެ ހިދުމަތްތަކާއި ވިއްކާ މުދަލުގެ ތަފުސީލު އެމްއެމްއޭއާ ހިއްސާކުރަންޖެހެ އެވެ. އަދި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ބޭންކެއްގައި ހުންނަ އެ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރަންވާނެ އެވެ. އަދި ބޭންކަށް ފައިސާ ޖަމާކުރުމަށްފަހު، ޖަމާކުރިކަން ބޭންކަށް ހުށަހަޅަންޖެހޭނެ އެވެ.  

ޓޫރިޒަމް ވިޔަފާރި ދެ ކެޓަގަރީއަކަށް ބަހާލާފަ

ޓޫރިޒަމް ވިޔަފާރިތަކުން ލިބޭ އާމްދަނީގެ މިންވަރެއް ބޭންކުތަކަށް މާރުކުރުން ވެސް ގަވާއިދުން ލާޒިމުކޮށްފައިވެ އެވެ. އެގޮތުން ޓޫރިޒަމް ވިޔަފާރިތައް ދެ ކެޓަގަރީއަކަށް ގަވާއިދުގައި ބަހާލާފައިވެ އެވެ. 

  • އޭ ކެޓަގަރީ -- ޓޫރިސްޓު ރިސޯޓާއި، އިންޓަގްރޭޓެޑް ރިސޯޓާއި، ފަތުރުވެރިކަމުގެ އުޅަނދުފަހަރާއި، ރިސޯޓު ހޮޓަލާއި ހޮޓާތައް ފަދަ ތަންތަން
  • ބީ ކެޓަގަރީ -- ޓޫރިސްޓު ގެސްޓު ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ 50 ކޮޓަރި/ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަން

ގަވާއިދުގައި ބުނެފައިވަނީ އޭ ކެޓަގަރީގައި ހިމެނޭ ތަންތަނުން ކޮންމެ މަހަކު އެތަނަށް އައި ފަތުރުވެރިންގެ އަދަދަށް ބަލައި ބޮލަކަށް 500 ޑޮލަރު އެ މަސް ނިމޭތާ ތިންވަނައަށްވާ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަކަށް މާރުކުރަން ޖެހޭނެ ކަމަށެވެ. އަދި ބީ ކެޓަގަރީގެ ވިޔަފާރިތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށެވެ. މިގޮތަށް މާރުކުރާ ފައިސާގެ ތެރެއިން 40 އިންސައްތަ ބޭންކުތަކުގައި ބެހެއްޓުމަށްފަހު ބާކީ 60 އިންސައްތަ ޖެހިގެން އަންނަ ހަފުތާގެ ބުދަދުވަހުގެ ކުރިން އެމްއެމްއޭ އަށް ވިއްކަން ޖެހޭނެ ކަމުގައި އުސޫލުގައި ބުނެފައިވެ އެވެ.

ނަމަވެސް އެ ގަވާއިދުގެ ދަށުން ވަކި ހާލަތްތަކެއްގައި ވިޔަފާރިތަކުން މާރުކުރަންޖެހޭ އަދަދު މަދުކޮށްދިނުމުގެ އިހުތިޔާރު އެމްއެމްއޭއަށް ލިބިގެންވެ އެވެ. އެގޮތުން ބޭރު ފައިސާއިން ޓެކުސް ދެއްކުމާއި، މާލީ އިދާރާއަކަށް ބޭރު ފައިސާއިން ދަރަންޏެއް އަދާކުރަންޖެހިފައި އޮތުމާއި، ކޯޓު ހުކުމަކުން ކަނޑައަޅާފައިވާ ބޭރު ފައިސާގެ މާލީ އިލްތިޒާމެއް އޮތުމާއި، އޮތީރިޓީން ހުއްދަދޭ އެހެންވެސް ބޭރު ފައިސާގެ އިލްތިޒާމެއް އޮންނަ ހާލަތުގައި މާރުކުރަންޖެހޭ ރޭޓު ބަދަލުކޮށްދިނުމުގެ އިހުތިޔާރު އެމްއެމްއޭއަށް އޮންނާނެ އެވެ.

މި ގަވާއިދުގައިވާ ގޮތުން ބޭންކުތަކަށް ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ އަދަދު އެމްއެމްއޭއަށް ރިޕޯޓުކުރަންޖެހެ އެވެ. އަދި ޓޫރިސްޓު އެސްޓަބްލިޝަމެންޓުތަކުން ބޭންކަށް މާރުކުރާ ފައިސާގެ އަދަދު މަސް ނިމޭތާ ދިހަ ދުވަހުގެ ތެރޭގައި އެމްއެމްއޭއަށް ހުށަހަޅަންޖެހެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.