އަނިޔާ ލިބުނު ކުއްޖާގެ މަންމަ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ކުއްޖާ ގޭގައި ނިދާފައި އޮތް ކޮޓަރިއަށް ކުޑަދޮރުން ވަދެ، ބޭރަށް ނުގޮސްފިނަމަ މަރާލާނެ ކަމުގެ ބިރު ދައްކައިގެން އެކުއްޖާ ގެއިން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ.
ލ. ގަމުގައި ކުއްޖަކަށް ބުލީކޮށް، އަނިޔާކޮށް އަދި ބިރު ދެއްކި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއެކު ބަލަން ފަށައިފި އެވެ.
ސްކޫލުގައި ކިޔަވަމުންދާ ފިރިހެން ކުއްޖަކަށް އަނިޔާކޮށްފައި ވަނީ ހަމަ އެ ސްކޫލުގައި ކިޔަވާ ދަރިވަރުންތަކެކެވެ. އެއީ ގަމުގައި ހުންނަ ހަމަދް ބިން އަލް ހަލީފާ އަލް ތާނީ ސްކޫލުގެ ދަރިވަރުންތަކެކެވެ.
އަނިޔާ ލިބުނު ކުއްޖާގެ މަންމަ ރޭ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ކުއްޖާ ގޭގައި ނިދާފައި އޮތް ކޮޓަރިއަށް ކުޑަދޮރުން ވަދެ، ބޭރަށް ނުގޮސްފިނަމަ މަރާލާނެ ކަމުގެ ބިރު ދައްކައިގެން އެކުއްޖާ ގެއިން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ.
"ބޭރަށް ދިއުމުން ރުށް ގަނޑެއްގެ ތެރެއަށް ވައްދާ އޮރިޔާންކޮށް، ދަނޑިބުރިއަކުން ތަޅައި، ވީޑިއޯ ކުރުމަށްފަހު ރުފިޔާ ނުދީފިނަމަ ވީޑިއޯ ލީކު ކުރާނެ ކަމަށް ބުނެ ބްލެކްމެއިލް ކޮށް، އެފުރާގެ އެހެން ކުދިން ތިބި އިންސްޓަގްރާމް ގުރޫޕަކަށް އެ ވީޑިއޯ ލައި، ދަރިފުޅަށް މަރުގެ އިންޒާރު ދިން،" ކުއްޖާގެ މަންމަ ކިޔައިދިނެވެ.
މިއީ އެ ސްކޫލުގެ ގުރޭޑް ނުވައެއްގައި ކިޔަވަމުންދާ ދަރިވަރަކު އިސްވެހުރެ ގުރޫޕަކުން ހިންގި އަމަލެއް ކަމަށް ކުއްޖާގެ މަންމަ ތުހުމަތުކޮށްފައިވެ އެވެ.
ކުއްޖާގެ މަންމަ ވަނީ ވައިބާއިން އެކުއްޖާއަށް ދީފައިވާ އިންޒާރުތަކުގެ ބައެއް ސްކްރީންޝޮޓްތައް ވެސް ހިއްސާކޮށްފަ އެވެ. އެ މެސެޖުތަކުގައި ކުއްޖާ މަރާލާނެ ކަމަށާއި، ފައިސާއަށް ޑިމާންޑް ކޮށްފައިވެ އެވެ. އެއް މެސެޖުގައި 500 ރުފިޔާ ދިނުމަށް އެދިފައިވާއިރު ނުދީފިނަމަ ބޭރަށް ނުކުންނައިރަށް މަރާލާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ. އަދި މިވަގުތު އެގެއަށް ގޮސް ކުއްޖާގެ މަންމައަށް ވީޑިއޯ ދައްކާނެ ކަމުގެ އިންޒާރުތަކާއި އަދި ވަރަށް ހަޑިތުރު އެއްޗެއްހި ވެސް ކިޔާފައި ހުއްޓެވެ.
މި މައްސަލައާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުން ބުނެފައި ވަނީ ފުލުހުންގެ ސަމާލުކަމަށް މައްސަލަ އައިސްފައި ވަނީ ސޯޝަލް މީޑިއާއިން ކަމަށެވެ.
"ސޯޝަލް މީޑިއާއިން މިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މިކަމާ ގުޅޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން،" ފުލުހުން ބުނެފައިވެ އެވެ.
މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ވެސް ކުއްޖަކަށް އަނިޔާކުރި ވީޑިއޯއެއް އާންމުވެ، މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. އެކުއްޖާއަށް އަނިޔާކުރީ ތަރާވީސް ނަމާދަށް މިސްކިތަށް ގޮސް ހުއްޓައި އެ އުމުރުފުރާގެ ދެ ފިރިހެން ކުދިންނެވެ. އެކަން ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުވުމުންނެވެ.