ވީޑިއޯ ކުރުމަށް ފަހު އެ މީހުންނަށް ފައިސާ ނުދީފިނަމަ ވީޑިއޯތައް ލީކުކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް ވެސް ކުއްޖާގެ މަންމަ ބުންޏެވެ.
ލާމު އަތޮޅުގައި ގައި ސުކޫލު ދަރިވަރަކު ރަހީނުކޮށްގެން ގެންގޮސް ބަރަހަނާކޮށް ބްލެކްމެއިލް ކުރި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
އެ މައްސަލަ ފެންމަތިވީ އަނިޔާ ލިބުނު ކުއްޖާގެ މަންމަ އެކަން ހާމަކުރުމުންނެވެ. ކުއްޖާގެ މަންމަ ބުނީ އެ ކުއްޖާ ރަހީނުކޮށްފައި ވަނީ ކޮޓަރީ ގައި ނިދަން އޮއްވާ ގުރޫޕަކުން ވަދެ ކަމަށެވެ. އެ މީހުން ކޮޓަރިއަށް ވަނީ ކުޑަދޮރުންނެވެ. އަދި އެ މީހުންނާ އެކު ދިއުމަށް އަންގާ ނުގޮސްފިނަމަ މަރާލާނެ ކަމަށް އިންޒާރު ދީ ބިރު ދައްކާފައިވާ ކަމަށެވެ.
އެ އިންޒާރުތަކާއި ގުޅިގެން ކުއްޖާ ގެއިން ބޭރަށް ނިކުތުމުން ގަދަ ކަމުން ރުއްގަނޑެއްގެ ތެރެއަށް ގެންގޮސް ކުއްޖާ ބަރަހަނާކޮށް ވީޑިއޯ ކޮށްފައިވާ ކަމަށެވެ. އަދި ވީޑިއޯ ކުރުމަށް ފަހު އެ މީހުންނަށް ފައިސާ ނުދީފިނަމަ ވީޑިއޯތައް ލީކުކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް ވެސް ކުއްޖާގެ މަންމަ ބުންޏެވެ.
ކުއްޖާގެ މަންމަ ބުނީ އެ ކުއްޖާގެ އެއް އުމުރުފުރާގެ ގިނަ ކުދީންތަކެއް ތިބޭ ގުރޫޕަކަށް އެ ވީޑިއޯތައް އަޅާ ކުއްޖާއަށް މަރުގެ އިންޒާރު ވެސް ދިން ކަމަށެވެ. މިއީ ސުކޫލު ދަރިވަރަކު އިސްވެ ހިންގި ކަމެއް ކަމަށް ވެސް ކުއްޖާގެ މަންމަ ތުހުމަތު ކުރެ އެވެ. އެ ކުއްޖާ އަކީ ގުރޭޑް ނުވައެއްގައި ކިޔަވާ ކުއްޖެއް ކަމަށާ އޭނާ އެކަން ކުރުވީ ގުރޫޕެއް ލައްވާ ކަމަށެވެ.
އެ މީހާ ވަނީ އޭނާގެ ދަރިފުޅަށް އިންސާފު ހޯދާނީ ކިހިނެތްތޯ ސުވާލު ކޮށްފަ އެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުންނާއި ސުވާލު ކުރުމުން އަދި އެއްވެސް ޖަވާބެއް ނުދެ އެވެ.
ރާއްޖޭގައި ކުށުގެ ވެށި ފުޅާވެ ކުށްކުރުން ވަނީ ބިރުވެރި މަރުހަލާއަށް ގޮސްފަ އެވެ. ކުށްކުރާ މީހުންގެ ތެރޭގައި ވަރަށް ހަގު އުމުރުގެ ކުދީން ވެސް ހިމެނެ އެވެ. މީހުން ބްލެކް މެއިލް ކުރުމާއި އަނިޔާ ކުރުމާއި އެ ނޫން ވެސް އެފަދަ އެތަކެއް ކަމެއް ހިންގަމުންދެ އެވެ.