ޝަކުވާ ވަރަށް ގިނަ، ޝަކުވާއަށް 20 ދުވަސް ދީފި

އައްބާސް ވިދާޅުވީ އަމިއްލައަށް އިސްނަގައިގެން ރައީސް ޔާމީންގެ މައްސަލަތައް ރިވިއުކޮށް ބެލުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ.

އައްބާސް ޝަރީފް

މަގާމާއި ހަވާޅުވެވަޑައިގެންނެވި ފަހުން އެކި ގޮތްގޮތުން ވަރަށް ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޖީގެ މަގާމާއި ހަވާލުވެ ވަޑައިގެން ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ވިދާޅުވީ ކުރީގެ ޕީޖީ ހުސައިން ޝަމީމް ވަކި ކުރި މައްސަލަ އާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ވަރަށް ގިނަ ޝަކުވާތައް އެކި ގޮތްގޮތުން ލިބެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ރަސްމީ 20 ދުވަސް ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވާ ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ މަޖިލީހުން ނިންމާފައިވާ ކަންކަން އަމިއްލައަށް އިސްނަގައިގެން، ބަދަލު ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވެބްސައިޓް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސާފަ. އެގޮތަށް ޝަކުވާ ހުށަހަޅާއިރު މައްސަލައިގެ ތަފްސީލު އެނގޭގޮތަށް ހުށަހަޅައިދިނުމަށް އަޅުގަނޑު އެދެން. އަދި އެއްވެސް މައްސަލައަކާއި ގުޅިގެން ކުރިން ޕީޖީން ނިންމާފައިވާ ނިންމުމެއް ބަދަލުކުރާނަމަ އެ ބަދަލު ގެންނަން ނިންމި ސަބަބު ރައްޔިތުންނަށް ހާމަކުރާނަން،" އޭނާ ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ އެއްވެސް ފަރާތަކަށް ނުފޫޒު ފޯރުވައި ބިރެއް ނުދެއްކޭނެ ކަމަށެވެ. އަދި ޕީޖީ ނިންމަވާ ނިންމެވުމަށް ބަދަލުކުރަން މަޖުބޫރު ކުރާ ހިސާބުން ޕީޖީގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އަފި ވިދާޅުވީ ޕްރޮސެކިއުޝަންގެ މައްސަލަތަކުގައި ކަންތައްތައް ވަރަށް ތަރުތީބުން ހިނގާނެ ގޮތަކަށް ސިސްޓަމެއް އެ އޮފީހުގައި ގާއިމުވެފައިވާ ކަމަށާއި އެކަމަކު އިތުރަށްވެސް ހަރުދަނާ ކުރަންޖެހޭ ކަމެއް އޮތް ނަމަ އެކަން ބަލައި ރަނގަޅު ކުރާނެ ކަމަށެވެ.

ރައީސް ޔާމީނުގެ ވަކީލަކަށް އައްބާސް މީގެ ކުރިން ހުންނެވި ކަމަށް ބުނެ، އެކަމާ ގުޅިގެން މި ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އައްބާސް ވިދާޅުވީ ރައިސް ޔާމީންގެ ވަކީލެއްގެ ގޮތުގައި ހުރި ހަނދާނެއް އެމަނިކުފާނުގެ ނެތް ކަމަށެވެ. ނަމަވެސް އެކަން ބެއްލެވުމަށްފަހު ރައީސް ޔާމީންގެ މައްސަލައާ ގުޅިގެން ތަނާޒުލުވާންޖެހޭ ކަންކަމުން ތަނާޒުލުވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އައްބާސް ވިދާޅުވީ އަމިއްލައަށް އިސްނަގައިގެން ރައީސް ޔާމީންގެ މައްސަލަތައް ރިވިއުކޮށް ބެލުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ.

ބޮޑެތި ތުހުމަތުތަކާއެކު ކުރީގެ ޕީޖީ ހުސައިން ޝަމީމް މަގާމުން ވަކި ކުރުމަށް މަޖިލީހުން ނިންމީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު އެވެ. ޕީޖީގެ މަގާމަށް އައްބާސް އައްޔަންކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.