ބީއެމްއެލްގެ ޔަގީންކަން: މުވައްޒިފެއްގެ އިހުމާލުން ކަސްޓަމަރުންނަށް މާލީއެއްވެސް ގެއްލުމެއް ނުވާނެ

މުވައްޒަފެއްގެ އިހުމާލުން ނުވަތަ ގަވާއިދާ ހިލާފަށް ކުރާ އަމަލަކުން ކަސްޓަމަރުންނަށް އެއްވެސް މާލީ ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަމެވެ،"

ގައުމީ ބޭންކް ބީއެމްއެލް

މުވައްޒަފެއްގެ އިހުމާލުން ނުވަތަ ގަވާއިދާ ހިލާފަށް ކުރާ އަމަލަކުން ކަސްޓަމަރުންނަށް އެއްވެސް މާލީ ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން ގައުމީ ބެންކު -- ބީއެމްއެލް އިން ދީފި އެވެ.

ބީއެމްއެލް އިން އެ ޔަގީންކަން ދިނަި ކަސްޓަމަރުންގެ އެކައުންޓުން މުވައްޒަފަކު ފައިސާ ނަގައި ހިޔާނާތްތެރިވި މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމެއް ކުރުމާއި ގުޅިގެންނެވެ.

ބެންކުން ބުނީ 2021 ވަނަ އަހަރު ހިނގާދިޔަ މި މައްސަލަ ބޭންކަށް ފާހަގަވުމާއެކު ވަގުތުން އެ މުވައްޒަފު ވަޒީފާއިން އެކަހެރި ކުރި ކަމަަށާ ބޭންކުން މި މައްސަލަ ބެލިއިރު ބޭންކުގެ މުވައްޒަފު ވަނީ އޭނާ އަދާކުރާ ވަޒީފާގެ ގޮތުން ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނަގައި، އަމިއްލައަށް ބޭނުންކޮށްފައި ކަމަށެވެ.

މި މައްސަލަ ބެލުމަށް ފަހު ބޭންކުން ވަނީ މި އަމަލު ހިންގި މުވައްޒަފު ވަޒީފާއިން ވަކިކޮށް އޭނާގެ މައްސަލަ ޑިސެންބަރު 7، 2021 ވަނަ ދުވަހު ފުލުހަށް ހުށަހަޅާ ކަސްޓަމަރުން އަތުން ގެއްލުނު ފައިސާ ކަސްޓަމަރުންގެ އެކައުންޓަށް ޖަމާކޮށްދީފައި ކަމަަށެވެ.

ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ބޭންކުގެ ގަވައިދުތަކާއި އުސޫލުތައް ހަރުދަނާކޮށް، އިންޓާނަލް ކޮންޓްރޯލްތައް ބޭންކުގައި ގާއިމު ކޮށްފައިވާ ކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ އެއްވެސް މުވައްޒަފަކު ގަވައިދާ ހިލާފު ކަމެއް ކޮށްފި ނަމަ އެކަމެއް ތަހުގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަބަދުވެސް އަޅާނެ ކަމަށެވެ.

"... އަދި މުވައްޒަފެއްގެ އިހުމާލުން ނުވަތަ ގަވާއިދާ ހިލާފަށް ކުރާ އަމަލަކުން ކަސްޓަމަރުންނަށް އެއްވެސް މާލީ ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަމެވެ،" މީޑިއާތަކަށް ބެންކުން ފޮނުވި މެސެޖުގައިވެ އެވެ.

ކްރިމިނަލް ކޯޓްގެ ހުކުމް

ބީއެމްއެލްގެ ކަސްޓަމަރުންގެ ފައިސާއަށް ހިޔާނާތްތެރިވި މުވައްޒަފަކުގެ މައްޗަށް 56،200 ރުފިޔާއިން ޖޫރިމަނާކޮށް 40 ގަޑިއިރުގެ މުއްދަތަކަށް މުޖުތަމައަށް ހިދުމަތް ހުކުމް ކުރީ އިއްޔެ އެވެ.

ދައުލަތުން ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ހުށަހަޅާފައިވަނީ ބ.އޭދަފުށީ ހިޔާވަހި، އަލީ މާޒިނުގެ މައްޗަށެވެ. އެ މައްސަލާގައި ދައުލަތުން އޭނާއަށް ތުހުމަތުކުރަނީ ބީއެމްއެލްގެ ކަސްޓަމަރުންގެ ފައިސާގެ ތެރެއިން 482،611 (ހަތަރުލައްކަ އަށްޑިހަ ދެހާސް ހަސަތޭކަ އެގާރަ) ރުފިޔާއަށް ހިޔާނަތްތެރިވެފައިވާ ކަމަށެވެ.
ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުން ދައުލަތުން އޭނާގެ މައްޗަށް ތުހުމަތުކުރަނީ ބޭންކުގެ 13 ކަސްޓަމަރެއްގެ އެކައުންޓުގައި ހުރި ގިނަ އަދަދެއްގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރުމާއި، ކްރެޑިޓް ކާޑަށް ޖަމާކުރުމާއި، އެ ފައިސާ ބޭނުންކޮށްގެން ފޮރެކްސް ޓްރޭޑު ކުރި ކަމަށެވެ.

އެ މައްސަލާގައި މާޒިންވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފަ އެވެ. އެ އެއްބަސްވުމާ އެއްގޮތަށް އޭނާވަނީ އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިއުތިރާފުވެފަ އެވެ.

އޭނާ ޕީޖީ އޮފީހާއެކު ހެދި އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އަންނަ 9 މަހާއ 18 ދުވަހުގެ ޖަލު ހުކުމް 40 ގަޑިއިރު މުޖުތަމައަށް ހިދުމަތްކުރުމަށާއި، 56،200 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކުރުމަށްވަނީ ކަނޑައަޅާފަ އެވެ. އޭގެ އިތުރަށް ބީއެމްއެލްއާއި މާޒިންގެ މެދުގައި ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ބޭންކަށް ފައިސާ ދެއްކުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވެ އެވެ.  

ގާޒީ އާމިނަތު އަޒްލިފާ އިއްވެވި ހުކުމުގައި 42 ގަޑިއިރު އިޖުތިމާއީ ހިދުމަތްކުރުމުގެ އިތުރަށް 29 ސެޕްޓެންބަރުން ފެށިގެން ތިން ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދެއްކުމަށް މާޒިނުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.