ބީއެމްއެލް ބަޣާވާތާ ގުޅޭ ތަހުގީގު: މިހާތަނަށް އަޕްޑޭޓެއް ނެތް

މި މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއެކު ތަހުގީގު މަރުހަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.

ދިވެހި ފުލުހުންގެ އިދާރާ -- ދަ މިރާ

ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލު ކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ދިވެހި ފުލުުހުންގެ ހިދުމަތުން ފަށާފައިވާ ތަހުގީގާ ގުޅޭ އެއްވެސް އަޕްޑޭޓެއް ނެތް ކަމަށް އެ ހިދުމަތުން ބުނެފި އެވެ.

ފުލުހުން އެފަދަ މައްސަލައެއް ބަލަން ފަށާފައި ވަނީ ބޭންކް އޮފް މޯލްޑިވްސް ކާޑުން ރާއްޖޭން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް ކުއްލި ގޮތަކަށް ބަދަލުކުރުމާ ގުޅިގެން އިދިކޮޅު ސިޔާސީ ފަރާތްތަކުން އޭގެ ނާޖައިޒު ފައިދާ ނަގަން އުޅުނު ކަމަށް ބުނެ އެވެ.

ފުލުހުން މީގެ މަސް ދުވަސް ކުރިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބީއެމްއެލް އިން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުންތަކެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާއި ބެހޭ ގޮތުން ނޫސްވެެރީންގެ ބައްދަލްވުމެއް ބާއްވައި، ހަމަ އެވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި، އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލައި، މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއެކު ތަހުގީގު މަރުހަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާތާ މަހެއް ވެފައިވާއިރު، އެއްވެސް ފަރާތަކާ ސުވާލު ކޮށްފައިވޭތޯ އާއި، ވަކިން ހާއްސަކޮށް ބީއެމްއެލްގެ އެއްވެސް ބޯޑު މެންބަރަކާ ސުވާލުކޮށްފައިވޭތޯ މިއަދު މި ނޫހުން ސުވާލު ކުރުމުން ފުލުހުން ވަކި ޖަވާބެއް ނުވެ އެވެ. ވަރަށް ކުރުކޮށް ފުލުހުން ބުނީ "މިވަގުތު އެއްވެސް އަޕްޑޭޓެއް ނެތް" ކަމަށެވެ.

މި ކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަރަށް ސާފުކޮށް ވިދާޅުވީ ހިންގަން އުޅުނީ ސީދާ ބަޣާވާތެއް ކަމަށެވެ. އަދި އެކަމުގައި ބަޔަކު ބައިވެރިވާ ކަމަށް ސިފަކުރައްވާ އެ މީހުން ކުށްވެރިވުމުން ހުކުމް ތަންފީޒު ކުރުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވެސް ވަނީ އެ ބަޣާވާތުގެ އަޑީގައި އޮތީ އެމްޑީޕީ ކަމަށް ސިފަކޮށް ވާހަކަ ދައްކަވާފަ އެވެ.

މި ތުހުމަތު ފެންމަތި ކުރުމުގެ ކުރީން ސަރުކާރުގެ ވެރީންނާއި މަޖިލީސް މެންބަރުން ވަނީ އެ ނިންމުމަކީ އެ ނޫން ގޮތެއް ނެތިގެން ނިންމި "މަޖުބޫރީ" ނިންމުމެއް ކަމަށް ސިފަކޮށް އެ ނިންމުން ދިފާއު ކުރަން ވެސް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.