"އަހަރެން އެބަ އަންނަން.." ކާސިމް ހިނގައިގަތީ ބަދިގެ އިން ނުކުންނާށެވެ.
- އެޕިސޯޑް 16 –
ކާސިމް ހިނގާފައި ގޮސް ހުއްޓުނީ މީކާލްއާ ދާދި ގާތުގައެވެ. އެވަގުތު މީކާލް ހުރީ ލައިލާގެ ކޮޓަރީގެ ދޮރު ކުރިމަތީގައެވެ.
"ދަރިފުޅާ! މީިކާލް.. ލައިލާ ހޯދަނީތަ؟"
ކާސިމް ބަލައިލީ މީކާލްގެ މޫނަށެވެ.
"އާނ! ބައްޕާ.. ލައިލާ ނިދާ ނުހޭލަނީތަ؟ އަހަރެން އެއް ފަހަރު ދޮރުގަ ވެސް ހިފާލައިފިން.. ތަޅުލާފަ ހުރީ... މޫދަށްދާ ވާހަކަ ބުނެފަ އޮތީ.. 8ގަ ބަލާ އަންނާށޭ ކިޔާފަ.."
މީކާލްގެ ވާހަކަތަކަށް ކާސިމް ވަރަށް ހައިރާންވެފައިވާކަން އޭނާގެ މޫނުމަތިން ދައްކާލިއެވެ.
"ކީކޭ ދަރިފުޅާ!"
ކާސިމްގެ ދެލޯ ވަނީ ބޮޑު ވެފައެވެ. ކާސިމްގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއަށް ހާސް ކަމާއި، ހައިރާން ކަމެކެވެ.
"ކިހިނެއްވީ؟"
މީކާލްއަށް ބަލަން ހުރެވުނީ ކާސިމްގެ މޫނަށެވެ.
"ލައިލާ ހިނގައްޖެ! މޫދަށް.. ބުނީ މީކާލްއާ އެކު މިދަނީ މޫދަށްށޭ! ކިޔާފަ ނުކުތީ ވެސް.."
ކާސިމް ހިފައިލީ ކޮޓަރީގެ ދޮރުގައެވެ. ހަމައެއާ އެކުގައި ކޮޓަރީގެ ދޮރު ހުޅުވެއްޖެއެވެ. ކާސިމް ބަލައިލީ ކޮޓަރި ތެރެއަށެވެ. މީކާލް ވެސް ކާސިމްގެ ފަހަތުގައި ހުރެ ކޮޓަރި ތެރެއަށް ކަޅިއެއް ހިންގާލިއެވެ.
"ދެންމެ އެކަމު... ކޮޓަރި ތަޅުލާފަ.." މީކާލް ބުނެލިއެވެ.
"ނޫން.. ތި ވާނީ އެގަޑީ ތަޅު ތާށިވެފަ ކަމަށް.. ދޮރު މީނީ ހުޅުވާފައެއްނު! އެކަމު ލައިލާ ދިޔަ ކަމެއް ދަރިފުޅަކަށް ނޭނގޭތަ؟"
ކާސިމްގެ ސުވާލަށް މީކާލް ބޯ ޖަހައިލިއެވެ.
"ކީއްވެބާ ދޯ ނުބުނެ އެ ދިޔައީ؟ އަހަރެން މިދަނީ އެހެންވީމަ އަތިރިއާ ދިމާލަށް.."
މީކާލް އެގެއިން ނުކުންނަން ހިނގައިގަތެވެ.
"ބައްޕައަށް ޚަބަރެއް ވައްޗޭ!"
ކާސިމް އެހެން ބުނުމުން، އާނއެކޭ ބުނެ މީކާލް ހިނގައިގަތީ އަތިރިއާ ދިމާލަށެވެ. ގުންފައި ޖަހާފައެވެ.
މީކާލް އެގެއިން ނުކުތުމާ އެކުގައި، ކާސިމް ވަނީ ބަދިގެއަށެވެ. އަދި ކަންތައް ވެގެން ދިޔަ ގޮތް މުނީރާއަށް ހިއްސާ ކުރިއެވެ.
"އެގަޑީ ލައިލާ ކޮބާ؟"
މުނީރާއަށް އެންމެ ފުރަތަމަ ވެސް އަހައިލެވުނީ އެ ސުވާލެވެ.
"ނެތް... ކޮޓަރިި ތެރެއިން އަހަންނަށް ވެސް ނުފެނޭ..."
ކާސިމް އެހެން ބުނެލި އިރަށް، އޭނާގެ ކަންފަތުގައި ޖެހުނީ މީކާލްގެ ހަޅޭކުގެ އަޑެވެ. އަޑު އަންނަމުން ދިޔައީ ވަރަށް ދުރުންނެވެ.
"ލައިލާ"
ގޮވަމުންދާ އަޑެވެ. ކާސިމް ވަރަށް އަވަސްކޮށް ގެއާ އިންވެގެން ހުރި މަގަށް ނުކުތެވެ. ކާސިމްއާ އެކުގައި މުނީރާ ވެސް ނުކުތެވެ.
ރޮމުން ހޭރެމުން މީކާލް ދުވެފައި އައީ ލައިލާ ގެ ނަން އަޑުގެ ނެތްކޮޅަށް ގޮވަމުންނެވެ. މީކާލްގެ ފަހަތުން މީހުންތައް ވެސް ވާނުވާ ބަލަން އާދެއެވެ.
މީކާލް ގޮސް ހުއްޓުނީ މުނީރާ އާއި ކާސިމްގެ ކުރިމަތީގައެވެ.
"ކިހިނެއްތަވީ؟ ކިހިނެއްތަ ވީ އަހަރެންގެ ލައިލާއަށް؟"
މުނީރާ އަޑުގެ ނެތްކޮޅަށް ރޯން ފެށިއެވެ. ކޮންމެވެސް ކަމެއް ލައިލާއަށް ވެއްޖެއޭ ގޮވަމުންނެވެ. އެވަގުތު އެތަނަށް ޕޮލިހުން ވެސް އަތުވެއްޖެއެވެ.
"އަހަރެން އެއްވެސް ކަމެއް ނުކުރަން... މޫދަށް ދާ ހިތުން އުޅުނީ ވެސް ލައިލާ... އެހެންވެ އަހަރެން ނިންމީ ލައިިލާ ހިތްހަމަ ޖައްސާލަން މިއަދު މޫދަށް ދާން.. އަހަރެން ބުނިން ލައިލާއަށް ގުޅާނަމޭ... ބަލާ އަންނަމުން... އަހަރެން ގުޅިން.. އެކަމު ލައިލާގެ ފޯނު އޮތީ ނިއްވާލާފަ.. ދެން އަހަރެން ދިޔައީ ލައިލާ ގެއަށް.. ގޮސް އޭނާ ކޮޓަރީގަ ޓަކި ޖެހިން... އަހަރެން ތަޅުގަ ހިފި އިރު އޭރު ދޮރު ނުހުޅުވުން... އެހެންވެ އަހަރެން ހީކުރީ ތަޅުލާފަ ކަމަށް.. އަހަރެން ގޮވިން ލައިލާއަށް.. ދެން ލައިލާގެ ބައްޕަ އައިސް ދޮރު ހުޅުވީ.. ބުނީ ލައިލާ ގޮސްފިއޭ... ދެން އަހަރެން ދިޔައީ މޫދާ ވީ ދިމާލަށް.. އަހަންނަށް ފެނުނީ މި ހެދުން.. ތެމިފަ އޮއްވާ.. ލައްގާފަ އޮތީ.. މީ ލައިލާ މިއަދު ލާނެ ހެދުން..."
މީކާލްގެ ވާހަކަ އެހިސާބަށް ދިޔަ އިރަށް މުނީރާ އޭނާގެ ބޯ މަތީގައި އަތް އަޅާލަމުން ބިންމައްޗަށް ވެއްޓިގަތެވެ.
ކާސިމް ވަރަށް އަވަސްކޮށް މުނީރާ ނަގަން ތިރިވެލިއެވެ. މުނީރާގެ ބޯ ކާސިމްގެ އުނގުމަތީގައި ބާއްވަމުން ކާސިމް އިށީންނީ ބިންމަތީގައެވެ. ފުލުހުން އަވަސްވެ ގަތީ އެމްބިޔުލާންސަށް ގުޅާށެވެ.
"މީ ކަލޭގެ ރޭވުން... ކަލެއަށް އެނގޭނެ އަހަރެންގެ ދަރިފުޅަށް ވީ ގޮތް... އަހަރެން ކައިވެންޏަށް ޤަބޫލު ވީމަ، އަހަރެންގެ ދަރިއާ ކައިވެނި ކުރަން ޖެހިދާނެތީ އަހަރެންގެ ދަރިއަށް ކީއްތަ ކުރީ؟ ކަލޭ ނުވާނެ ސަލާމަތެއް.."
ކާސިމްގެ އަޑުގައި ވަނީ އިންތިޙާއަށް ރުޅިވެރިކަމެވެ.
އެމްބިޔުލާންސަށް މުނީރާ އަރުވައިގެން މުނީރާ އެކުގައި ކާސިމް ވެސް ހޮސްޕިޓަލަށް ދިޔައެވެ.
ފުލުހުން ލަސްނުކޮށް މީކާލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އަދި މައްސަލަ ބަލަން ފެށިއެވެ. (ނުނިމޭ)