މަރުގެ ހުކުމުން އޭނާ ސަލާމަތްވުމާއެކު ޖަޕާނުގެ ކޯޓުތަކުގެ ލަސްކަމާއި ޝަރުއީ ދާއިރާގެ ހަރުކަށިކަން ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވެ އެވެ.
މަރުގެ ހުކުމެއްގައި ޖަލުގައި އެންމެ ގިނަ ދުވަސް ހޭދަކުރަމުން އައީ ގައިދީގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ޖަޕާނުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
އިވާއޯ ހަކަމަޑާގެ މައްޗަށް މަރުގެ ހުކުމެއް އިއްވީ 1966 ވަނަ އަހަރު ހަތަރު މީހަކު މަރައިލިކަން އޭނާގެ މައްޗަށް ސާބިތުވާކަމަށް ކނޑައަޅަ އެވެ. މަރުގެ ހުކުމް ތަންފީޒުކުރުމުގެ އިންތިޒާމުގައި އޭނާވަނީ ޖަލުގައި 45 އަހަރު ހޭދަކޮށްފަ އެވެ.
ޝިޒޯކާ ޑިސްޓްރިކްޓުގެ ކޯޓަކުން އޭނާގެ މައްޗަށް އިއްވި ހުކުމް ބާތިލުކުރިއިރު އުމުރުން 88 އަހަރުވެފައިވެ އެވެ. ޖަޕާނަކީ ޖީ-7ގެ ގައުމުތަކުގެ ތެރެއިން މަރުގެ ހުކުމް ތަންފީޒުކުރާ ދެ ގައުމުން ކުރެ އެއް ގައުމެވެ. ދެން މަރުގެ ހުކުމް ތަންފީޒުކުރާ ގައުމަކީ އެމެރިކާ އެވެ.
މަރުގެ ހުކުމުން އޭނާ ސަލާމަތްވުމާއެކު ޖަޕާނުގެ ކޯޓުތަކުގެ ލަސްކަމާއި ޝަރުއީ ދާއިރާގެ ހަރުކަށިކަން ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވެ އެވެ. ޖަޕާނުގެ ޖިނާއީ އަދުލުގެ ނިޒާަމުގައި ކުށް ސާބިތުވާ ރޭޓު އުޅެނީ 99 އިންސައްތައަށްވުރެ މަތީގަ އެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އެ ގައުމުގައި މަރުގެ ހުކުމެއް ބަދަލުކޮށްފައިވަނީ އެންމެ ފަސް ފަހަރެވެ.
ހަކަމަޑާގެ ވަކީލުން ބުނީ ކޯޓުން އޭނާގެ ހުކުމް ބާތިލުކުރަން ނިންމީ އެ މައްސަލާގައި މުހިއްމު ހެކިތަކެއް ފުލުހުން އުފައްދާފައިވާކަން ސާބިތުވާތީ ކަމަށެވެ. އަދި ކޯޓުގެ ނިންމުން އިސްތިއުނާފުނުކުރުމަށް ޕްރޮސެކިއުޓަރުންނަށް ކޯޓުން އިލްތިމާސްކުރި ކަމަށެވެ.
1966 ވަނަ އަހަރު އެ މައްސަލައިގެ ތަހުގީގުގައި އިއުތިރާފުވި ނަމަވެސް އަސްލު ޝަރީއަތުގެ މަރުހަލާގައި އޭނާވަނީ އެ އިއުތިރާފު އަނބުރާ ގެނެސް އެއީ މަޖުބޫރުން ކުރުވި އިއުތިރާފެއް ކަމަށް ބުނެފަ އެވެ. އެ ދުވަހުން ފެށިގެން އޭނާ ބުނަމުންދަނީ އޭނާއަކީ މައުސޫމު މީހެއް ކަމަށެވެ.
އެއިރު އޭނާގެ މައްޗަށް ދައުވާކުރީ 1966 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ދެ ކުޑަކުދިން ހިމެނޭހެން ހަތަރު މީހުންގެ އާއިލާއެއް ގަތުލުކުރިކަމަށް ތުހުމަތުކޮށެވެ. 1980 ވަނަ އަހަރު އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައެޅި އެވެ.
އަދި 1981 ވަނަ އަހަރުން ފެށިގެން އައު ޝަރީއަތެއްގެ ހައްގު ހޯދުމަށް އެކި ކޯޓުތަކުގައި އޭނާ ކުރި މަސައްކަތުން އަލުން އެ މައްސަލަަ ބަލަން ނިމުނީ 2018 ވަނަ އަހަރު އެވެ.
ފާއިތުވި ދަހަރުތަކުގައި ޖަޕާނުގައި 100 އަށްވުރެ ގިނަ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވެ އެވެ.