"ފާއިތުވި ދުވަސްތަކު ގައި ގޭންގު ކުށްތައް ހުއްޓުވުމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތް ތަކެއް ވަނީ ކުރެވިފައި،"
މާލެ އާއި ހުޅުމާލޭ ގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކު ގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަން ފަށައިފި އެވެ.
މާލެ ސަރަހައްދުގެ އަމާންކަމާއި ރައްކާތެރިކަމަށްޓަކާ ފުލުުހުން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފަ އެވެ. އެ މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 ގައި ކަނޑައެޅިފައިވާ ގޭންގް ކުށްތަށް ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށް ތަފާތު މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން އޮނިގަނޑަށް މި ފަހުން ގެނެވުނު ބަދަލާއެކު ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ވަކީ ހާއްސަ ވިންގެއް ގާއިމް ކޮށްފައިވާ ކަން ކޮމިޝަނަރު ވިދާޅުވި އެވެ. އެ ގޮތުން މިހާރު ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭ ގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ފާއިތުވި ދުވަސްތަކު ގައި ގޭންގު ކުށްތައް ހުއްޓުވުމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތް ތަކެއް ވަނީ ކުރެވިފައި،"
އެ މަސައްކަތްތަކުގެ ތަފްސީލީ ތަފާސްހިސާބުތައް ހިއްސާ ކުރައްވާ ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ ގޭންގު ކުށްތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް އެފަދަ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރާ ބަހާ އާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބަހާގެ އިސް ފުލުހަކު ކޮމިއުނިކޭޝަން ސެންޓަރުގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި މާލެއާއި ހުޅުމާލޭގެ އާންމު ހާލަތުވެސް ސީދާ މި ބަހާތަކުން ވެސް މޮނިޓާ ކޮށް ދިމާވާ އެކި ކަންކަމަށް ރިއާޔަތް ކޮށް ނިންމަންޖެހޭ ނިންމުންތައް ވަގުތުން ވަގުތައް ނިންމުމުގައި މިހާރު އަވަސްވާނެ ކަމަށެވެ.
މީގެ އެންމެ ބޮޑު ބޭނުމަކީ ހުއްޓުމެއްނެތި ރައްޔިތުން އެދޭފަދަ ހިދުމަތެއް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުން ކަމަށާ އިންސާނީ ވަސީލަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން ކަމަށެވެ. އަދި ފުލުހުން ޕްރެޒެންސް އިތުރުކޮށް ރައްޔިތުންނަށް ރައްކާތެރިކަމުގެ އިހުސާސް ކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހުރިހާ ވަސީލަތެއް މި ބޭނުންކުރަނީ މި މަގަށް މިކަން ހާސިލު ކުރުމަށް. ސަރުކާރުގެ ވެސް އެދުމެއް އެއީ، މުޅީ ރާއްޖެއަކީވެސް އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުންގެ ދައުރު ފުޅާކޮށް ކުރާ މަސައްކަތްތައް ހަރުދަނާކުރުން. މިކަމަށްޓަކައި ސަރުކާރުން ދަނީ ފުލުހުންގެ ހިދުމަށް ގިނަ ވަސީލަތްތަކެއް ފޯރުކޮށްދެއްވަމުން. އަޅުގަނޑު ބޭނުންވަނީ މި ކުރާ މަސައްކަތުގެ ނަތީޖާ ދުވަސްކޮޅެއްގެ ތެރޭގައި އާންމު ރައްޔިތުންނާ ހަމައަށް ފޯރުން. އަމާންކަމާއި ރައްކާތެރިކަމުގެ އިހުސާސް ކުރެވުން،" ސީޕީ ވިދާޅުވި އެވެ.