ކޮމިޝަނަރު ވިދާޅުވީ މަގުތަކުގެ ބާރު ބޮޑުވާ ޕީކް ގަޑިތަކުގައި މާލެއަށް ބެލި ކަމުގައި ވިޔަސް 21 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުން ދިޔުމާ އެކު ފުލުހުންގެ ހިދުމަތުގެ އާ ޕޮލިސީއެއް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ހާމަ ކުރައްވައިފި އެވެ.
ކޮމިޝަނަރު އެ މައުލޫމާތު ހާމަ ކުރެއްވީ މާލެ ސަރަހައްދު ގައި ފުލުހުން ކުރަން ފަށާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ދެއްވި ހާއްސަ ބަސްދީގަތުމެއްގަ އެވެ. ސީޕީ ވިދާޅުވި ގޮތުގައި މި މަސައްކަތްތަކުގެ މައިގަނޑު މަގުސަދަކީ ސީނިއާ ފުލުހުން ހިމެނޭ ގޮތަށް މުޅި ރާއްޖޭގަ ވެސް ފްރަންޓްލައިން ގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކޮށް ފުލުހުންގެ ޕްރެޒެންސް އިތުރުކުރުމެވެ.
މިއީ ފުލުހުންގެ ސީނިއާ މެނޭޖްމަންޓުން ނިންމާފައިވާ ނިންމުމެއް ކަން ފާހަގަ ކުރައްވާ ސީޕީ ވިދާޅުވީ ސްކޫލްތައް ކައިރީ ސީނިއާ ފުލުހުން ހަރަކާތްތެރިވާ ގޮތަށް ފެށި މަސައްކަތް މިހާރު ވެސް ކުރިއަށް ދާނެ ކަމަށެވެ. އަދި މާލޭގެ ޓްރެފިކް ބާރުބޮޑުވާ ގަޑިތަކުގައި ވަކި ހާއްސަ ސަރަހައްދުތަކެއް ފާހަގަކޮށް ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބެލެހެއްޓުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށެވެ.
މިހާރު ވެސް 360 އެއްހާ ރެކްރޫޓް ފުލުހުން ތަމްރީން ފުރިހަމަ ކުރުމުން ގެންދާކަން ފާހަގަ ކުރައްވާ ސީޕީ ވިދާޅުވީ އެ ފުލުހުން ތަމްރީނުކޮށް ހިދުމަތަށް ނެރުމަށް ގެންދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
ގިނަ އަދަދެއްގެ ފުލުހުން ތަމްރީން ފުރިހަމަ ކުރުމަށް ހިދުމަތް ފޯރުކޮށްދިނުމާ ދުރުގަ ތިބުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކޮށް ފްރޮންޓްލައިނަށް ބޭނުންވާ ފުލުހުން އެޑްމިނިސްޓްރޭޓިވް އަދި ސަޕޯޓް ބަހާތަކުން ނަގައިގެން ރައްޔިތުން އެދޭ ފަދަ ހިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
"މި މަސައްކަތަކީ ވަކި ދުވަސްވަރަކަށް ކުރިއަށް ގެންގޮސް ހުއްޓާލާނެ މަސައްކަތެއް ނޫން. ފުލުހުންގެ ހިދުމަތް ދިނުމުގައި މިއީ މޮޑެލްއެއްގެ ގޮތުގައި ބަލައިގެން ކުރިއަށް އޮތް ތަނުގައި ހިދުމަތް ދެމުން ގެންދާނެ،" ސީޕީ ވިދާޅުވި އެވެ.
އަދި ވިދާޅުވީ މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުން ދިޔުމާއެކު ފުލުހުންގެ ހިދުމަތުގެ ޕޮލިސީއެއްގެ ގޮތުގައި ކަނޑައަޅާފަ މިހާރު ވާނީ ރައްޔިތު މީހާ މަގުމައްޗަށް ނުކުމެ ދަތުރު ކުރަން ފަށާތާ ފަސް މިނިޓް ހޭދަވެގެން ދާއިރު ފުލުހަކު ފެންނަން ޖެހޭނެ ގޮތަށް ކަމަށެވެ. އެކަން ހާސިލުކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެެވެ.
"އެގޮތުން މިހާރު ޓްރޭނިން ހަދަމުން ގެންދާ ފުލުހުން ޓްރޭނިންއަށް ފަހު އައުމުން މި މަގްސަދު ހާސިލް ކުރުމަށް އެ ފުލުހުން ފްރަންޓްލައިން ގައި ހިދުމަތް ދޭން ފަށާނެ. މިކަން ދުވާލުގެ ބޮޑުބައެއްގަ ހާސިލް ވެގެންދާނެ،"
ކޮމިޝަނަރު ވިދާޅުވީ މަގުތަކުގެ ބާރު ބޮޑުވާ ޕީކް ގަޑިތަކުގައި މާލެއަށް ބެލި ކަމުގައި ވިޔަސް 21 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.
އަދި މި މަސައްކަތްތައް މޮނިޓާ ކޮށް ވިލަރެސް ކުރުމަށް ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރެއް މާލެ އާއި ހުޅުމާލޭ ގައި ގާއިމް ކޮށްފައިވާ ކަމަށެވެ. ސީނިއާ ފުލުހަކު މި ސެންޓަރުގަ 24 ގަޑިއިރު ޑިއުޓީ ކުރަމުން ގެންދާނެ ކަމަށާ މުޅި މާލޭގެ ސީސީޓީވީ ނިޒާމް ސެންޓްރަލްކޮށް އެ ތަނުން ކޮންޓްރޯލްކޮށް މޮނިޓާ ކުރަމުން ވެސް ގެންދާނެ ކަމަށެވެ.
އަދި ފުލުހުން ހަރަކާތެރިވަމުންދާ ސީދާ ސަރަހައްދު އެ ސެންޓަރުން ވަގުތުން ބަލައިލެވޭއިރު އެ ފުލުހުންގެ މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތު ޓެކްނޮލޮޖީގެ އެހީގައި ސެންޓަރު ގައި ވަގުތުން އެއްކުރެވި އެނަލައިޒް ކުރެވެމުން ދާނެ ކަމަށެވެ.