ގޮވާލެއްވީ އިޒްރޭލާ ދެކޮޅަށް އިސްލާމީ ހުރިހާ ގައުމުތަކެއް ތެދުވުމަށެވެ. އެކަމަށް ދުނިޔޭގެ ސުލްހައަށް އެދޭ ހުރިހާ ގައުމުތަކަކުން ބައިވެރިވުމަށް ވެސް އެދިވަޑައިގަތެވެ.
ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އަަވަހާރަކޮށްލުން ކުށްވެރި ކުރައްވާ އިޒްރޭލަށް ހައްގު އަދަބު ދިނުމަށް އިސްލާމީ ގައުމުތަކުގެ ލީޑަރުން އެއްބައިވެ ތެދުވާން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ގޮވާލައްވައިފި އެވެ.
ފައްޔާޒް މިކަމަށް ގޮވާލެއްވީ މިރޭ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އިޒްރޭލުން ގެންދަނީ ލުބުނާނު ހިޒުބުﷲއާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ އިއްޔެ ދިން ވައިގެ ހަމަލާތަކުގައި ނަސްރުﷲ އަވަހާރަކޮށްލާފައިވާ ކަމަށެވެ. ނަސްރުﷲ އަވަހާރަކޮށްލީ ސީދާ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާތަކެއް ގައި ކަމަށް ވެސް ބުންޏެވެ.
އިޒްރޭލުގެ ޖާސޫސޫން، ނަސްރުﷲ ހުންނެވި އިމާރާތް ދެނެގަނެ އެ ތަނަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީ އަވަހާރަކޮށްލީ ކަމަށް ވެސް ބުންޏެވެ. ހިޒްބުﷲ އިން ވެސް ވަނީ ނަސްރުﷲ އަވަހާރަވެފައިވާކަން ކަށަވަރު ކޮށްދެއްވާފަ އެވެ.
ފައްޔާޒު ވަނީ އިޒްރޭލްގެ އެ އަނިޔާވެރި އަމަލު ކުރައްވާފަ އެވެ. ނަސްރުﷲގެ އިތުުރުން ލުބުނާގެ އެތައް ސަތޭކަ ބަޔަކު މަރާލާފައިވާ ކަމަށާ އިޒްރޭލްގެ އެ އަނިޔާވެރި ކަމަށް އެއްވެސް އަދަބެއް ނުދެވި ދުނިޔެ ހިމޭނުން އޮތުމަކީ ކަންބޮޑުވުމެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އިޒްރޭލް ފަލަސްތީނުގެ ބިންވެރި މުސްލިމުންނާއި ދެކޮޅަށް ހިންގާ ގަތުލު އާންމު ދެމި އޮތްހާ ދުވަހަކު އެ ސަރަހައްދަށް ހަމަޖެހުން ނާންނާނެ ކަން ފާހަގަ ކުރައްވާ ފައްޔާޒު ވިދާޅުވީ ހިޒްބުﷲއާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށެވެ. އަދި ގޮވާލެއްވީ އިޒްރޭލާ ދެކޮޅަށް އިސްލާމީ ހުރިހާ ގައުމުތަކެއް ތެދުވުމަށެވެ. އެކަމަށް ދުނިޔޭގެ ސުލްހައަށް އެދޭ ހުރިހާ ގައުމުތަކަކުން ބައިވެރިވުމަށް ވެސް އެދިވަޑައިގަތެވެ.