ކޮރަޕްޝަންގެ މައްސަލަަތައް ތަހުގީގު ކުރުމުގެ އިހްތިސާސް އޮންނަނީ އޭސީސީ ގައި ކަމަށް ވުން އެ މައްސަލަ ފުލުހުން، އޭސީސީއަށް ފޮނުވާފައިވާ ކަމަށް ވެސް ބުންޏެވެ.
ދައުލަތުގެ މީޑިއާ -- ޕަބްލިސް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ޑޮލަރު ގަތުމުގެ ނަމުގައި ހިންގި ހިޔާނާތުގެ މައްސަލަ އޭސީސީއަށް ފޮނުވައިފި އެވެ.
ޑޮލަރު ގަތުމުގެ ނަމުގައި ހިންގި ހިޔާނާތުގެ ތެރެއިން ޖުމްލަ ނުވަ މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ. ފުލުހުން މިއަދު ބުނީ ޕީއެސްއެމްއާ ގުޅޭ ހިޔާނާތުގެ މައްސަލައެއް ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް ކޮރަޕްޝަންގެ މައްސަލަަތައް ތަހުގީގު ކުރުމުގެ އިހްތިސާސް އޮންނަނީ އޭސީސީ ގައި ކަމަށް ވުން އެ މައްސަލަ ފުލުހުން، އޭސީސީއަށް ފޮނުވާފައިވާ ކަމަށް ވެސް ބުންޏެވެ.
ޕީއެސްއެމްއަށް ޑޮލަރު ގަތުމަށް ނެގި ފައިސާއާއި ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާއާ ގުޅޭ ހާއްސަ އޮޑިޓެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދިޔައީ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޒީނާ ޒާހިރު މަގާމުގައި ހުންނަވަނިކޮށް މި ހިޔާނާތުގެ މައްސަލަ އޭނާގެ ސަމާލުކަމަށް އައުމުން އޮޑިޓުކުރުމަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ.
އެ އޮޑިޓު ނިންމަައި އޮޑިޓު ރިޕޯޓު އޮޑިޓު އޮފީހުން އާންމުކޮށްފައިވާއިރު އެ ރިޕޯޓުގައި ބުނެފައިވަނީ އެ ކުންފުންޏަށް ޑޮލަރު ގަތުމަށް ކަމުގައި ބުނެ ނެގި ފައިސާގެ ތެރެއިން ބޮޑު އަދަދެއް އަދި އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއިން ބޮޑު އަދަދެއް ގެއްލިފައިވާ ކަމަށެވެ.
ޑޮލަރު ގަތުމަށް ކަމުގައި ބުނެ ޕީއެސްއެމް އެކައުންޓުން 5.79 މިލިއަން ރުފިޔާ ނަގާފައިވެ އެވެ. އެއީ 373،988 ޑޮލަރު ގަތުމަށް ކަމުގައި ބުނެ ނެގި ފައިސާ އެވެ. ކުންފުންޏަށް ލިބުނީ އެންމެ 76،731 ޑޮލަރެވެ. އެއީ 1.2 މިލިއަން ރުފިޔާއަށްވާ ޑޮލަރެވެ. ބާކީ 4.5 މިލިއަން ރުފިޔާއަށްވާ 297،257 ޑޮލަރު އެ ކުންފުންޏަށް ލިބިފައިނުވެ އެވެ.
މި ފައިސާގެ ތެރެއިން 4.5 މިލިއަން ރުފިޔާ ނަގާފައިވަނީ ޗެކު މެދުވެރިކޮށެވެ. ބާކީ 1.2 މިލިއަން ރުފިޔާ ނަގާފައިވަނީ އޮންލައިން ޓްރާންސްފާ މެދުވެރިކޮށްކަން އޮޑިޓު އޮފީހުން ފާހަގަކުރި އެވެ. ޗެކުތައް މެދުވެރިކޮށް ގިނަ ފައިސާ ނަގާފައިވަނީ ކުންފުނީގެ މެސެންޖަރެއްގެ ވަޒީފާގައި ހުރި މުވައްޒަފެއް މެދުވެރިކޮށެވެ. ނަމަވެސް ފައިނޭންސް ޑިރެކްޓަރު އަމިއްލައަށް 532،240 ރުފިޔާ ޗެކު މެދުވެރިކޮށް ނަގާފައިވެ އެވެ. އިތުރު ދެ މުވައްޒަފަކު މެދުވެރިކޮށްވެސް ޗެކުން ފައިސާ ނެގި އެވެ.
ކުންފުނީގެ އެންމެ މުވައްޒަަފެއް މެދުވެރިކޮށް، 3.5 މިލިއަން ރުފިޔާ ޗެކުން ނަގާފައިވާއިރު އެ ފައިސާ ނުލިބިގެން ކުންފުނީގެ ފައިނޭންސް ޔުނިޓުން ފިޔަވަޅެއް އަޅާފައި ނެތެވެ. އެހެންކަމުން އެ މުވައްޒަފު އެ ފައިސާ ދިނީ ކުންފުނީގެ ފައިނޭންސް ޑިރެކްޓަރު އަތަށް ކަމަށް ބެލެވޭ ކަމުގައި އޮޑިޓު އޮފީހުން ބުނެފައިވެ އެވެ،
އޮޑިޓު އޮފީހަށް މައުލޫމާތު ދެމުން ފައިސާ ނެގި މުވައްޒަފުވެސް ބުނެފައިވަނީ ފައިސާ ހަވާލުކުރަނީ ފިނޭންސް ޑިރެކްޓަރާ ކަމަށެވެ. އަދި ބައެއް ފަހަރު ތިޖޫރީ ބަލަހައްޓާ މުވައްޒަފުންނާވެސް ފައިސާ ހަވާލުކުރި ކަމަށް އޭނާ ބުނެފައިވެ އެވެ. އިތުރަށް އޭނާ ކިޔައިދިން ގޮތުން ފައިސާ ހަވާލުކުރުމުން ފައިސާ ހަވާލުކުރިކަން އެނގޭ ލިޔުމެއްގައި އޭނާ ލައްވައި ސޮއިކުރުވާފައި ނުވެ އެވެ.
އޮންލައިން ޓްރާންސްފާތަކުގެ ޒަރީއާއިން 1.2 މިލިއަން ރުފިޔާ ނަގާފައިވާއިރު އޭގެ 91 އިންސައްތަ ފައިސާ ޖަމާކޮށްފައިވަނީ ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ ނަމުގައި ބީއެމްއެލްގައި ހުޅުވަފައިވާ އެކައުންޓަކަށްކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އޭނާއަށް 1.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ޑޮލަރު ގަތުމުގެ ނަމުގައި ހިންގި ހިޔާނާތުގެ އިތުރަށް ޕީއެސްއެމްއަށް 2017 ވަނަ އަހަރުން ފެށިގެން އޭޕްރީލް 2024 އާ ދެމެދުގައި އާމްދަނީގެ ގޮތުގައި ނަގުދު ފައިސާއިން ލިބުނު 4.2 މިލިއަން ރުފިޔާ ގެއްލިފައިވެ އެވެ.
އޮޑިޓު އޮފީހުން ބުނެފައިވަނީ އާމްދަނީގެ ގޮތުގައި ނަގުދު ފައިސާއިން ލިބުނު 4.2 މިލިއަން ރުފިޔާ ގެއްލިފައިވާއިރު އެ ފައިސާގެ ތެރެއިން 4.1 މިލިއަން ރުފިޔާއާ ކުންފުނީގެ ކުރީގެ ފައިނޭންސް ޑައިރެކްޓާ ހަވާލުވެފައިވާކަން އެނގެން އޮތް ކަމަށެވެ.