ނަތަންޔާހޫވަނީ އދގައި އިސްރާއީލާ ގުޅޭ ގޮތުން ގިނަ ލީޑަރުންތަކެއް އިތުރުފުޅު ހެއްދެވިކަމށް ތުހުމަތުކޮށް އިސްރާއީލުން ޣައްޒާއާއި ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓައިނުލާނެކަމަށް ވިދާޅުވެފަ އެވެ.
އިސްރާއީލުން ޣައްޒާއަށާއި ލުބުނާނަށް ދެމުންދާ ހަމަލާތައް ނަސްރު ލިބުމަށްދާންދެން ހުއްޓާނުލައި ކުރިއަށްގެންދާނެކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބަންޖަމިން ނަތަންޔާހޫ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ވިދާޅުވެއްޖެ އެވެ.
ނަތަންޔާހޫ ތަގުރީރުކުރެއްވުމަށް ޕޯޑިއަމަށް ވަޑައިގެންނެވި ވަގުތު އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި އެކި ގައުމުތަކުގެ ގިނަ ވަފުދުތަކެއް މާލަން ދޫކުރައްވައި ނުކުމެވަޑައިގެންފައިވެ އެވެ.
ނަތަންޔާހޫ ވިދާޅުވީ އޭނާ މިއަހަރު އދގެ އާންމު ބައްދަލުވުމަށް ވަޑައިގަތުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ. އެއީ މިވަގުތަކީ އޭނާގެ ގައުމު ދިރި އޮތުމަށް ހަނގުރާމަކުރާ ވަގުތަކަށްވާތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް މި ޕޯޑިއަމުގައި ވާހަކަދެއްކެވި ވަރަށް ގިނަ ބޭފުޅުން އަޅުގަނޑުގެ ގައުމާމެދު ދޮގު ހަދައި އަސްލެއް ނެތް އިލްޒާމުތައް އަޅުއްވައިފި. އެހެންވެސް އަޅުގަނޑު ގަސްތުކުރީ މިތަނަށް އައިސް ހަގީގަތް ބުނެދޭން،" ނަތަންޔާހޫ ވިދާޅުވި އެވެ.
އދގެ އާންމު މަޖިލީހާ މުހާތަބު ކުރައްވަމުން ނަތަންޔާހޫ ވިދާޅުވީ ހަނގުރާމައަށްފަހު ޣައްޒާ އަލުން އާރާސްތުކުރުމުގައި މިހާރު ޣައްޒާގައި ވެރިކަންކުރާ ހަމާސްގެ އެއްވެސް ދައުރެއް ބައިވެރިވުމެއް އޮވެގެންނުވާނެ ކަމަށެވެ.
"ހަމާސްއަށް ޣައްޒާގައި އެއްވެސް ބާރެއް އޮވެއްޖެނަމަ އަލުން އެއްވެސް ތަކުރާރުކޮށް އިސްރާއީލަށް ހަމަލާދެމުންދާނެ. އެހެންވީމާ ހަމާސް އޮވެގެންނުވާނެ،" ހުކުރުދުވަހު އދގެ އާންމު މަޖިލީހުގައި ދެއްވި ތަގުރީރުގައި އޭނާ ވިދާޅުވި އެވެ.
ހަނގުރާމައަށް މިހާރުވެސް ނިމުމެއް ގެނެވިދާނެ ގޮތެއް އެބައޮތް ކަމަށާއި، އެއީ ހަމާސްއިން ހަތިޔާރު ބަހައްޓައި އަމާންދީ ހުރިހާ ރަހީނުން މިނިވަންކުރުންކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.
"އެމީހުން [ހަމާސް] އަމާންނުދޭނަމަ ފުރިހަމަ ނަސްރެެއް ލިބެންދެން އަޅުގަނޑުމެން ހަނގުރާމަ ކުރާނަން. އެނޫންވެސް އެއްވެސް ހިޔާރެއް ނެތް،" ކަމުގައި ވިދާޅުވެ ނަތަންޔާހޫ ފާހަގަކުރެއްވީ ހަމާސްގެ ރޮކެޓުތަކުގެ 90 އިންސައްތަ ނައްތާލައި، އެ ޖަމާއަތުގެ އަސްކަރީ ބާރުގެ ދެބައިކުޅަ އެއްބައި އިސްރާއީލުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އޭގެ އިތުރަށް ލުބުނާނުގެ ހިޒްބުﷲއާ ދެކޮޅަށް ދެމުންދާ ހަމަލާތައް ހުއްޓައިނުލައްވާނެ ކަމަށާއި އިސްރާއީލާއި ލުބުނާން އެއްވާ ބޯޑަރުގައި އިސްރާއީލުން ހާސިލުކުރަން ބޭނުންވާ އިސްތިރާޖީ އަމާޒުތައް ހާސިލުވަންދެން ހަމަލާތައް ކުރިއަށްގެންދާނެ ކަމުގައި ނަތަންޔާހޫ ވިދާޅުވި އެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 40،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު ލުބުނާނަށް ދޭން ފެށި ހަމަލާތަކުގައި 1،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާކަމަށް ބެލެވެ އެވެ.