ނިމުނު އަހަރަށްވުރެ މި އަހަރުގެ ފުރަތަމަ އަށް މަހު މިސްކިރުވި މިންވަރު 42 އިންސައްތަ ދަށްވެފައިވާއިރު، ޖުލައި އަދި އޯގަސްޓުގައި މަސް ކިރުވީ ނިމުނު އަހަރަށްވުރެ %81 މަދުންނެވެ.
ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު ރާއްޖޭގެ މަސްވެރިކަން ދަށްކަން މިފްކޯގެ ހިސާބުތަކުން ދައްކައިފި އެވެ.
މިފްކޯއިން "މިރާ"އާ ހިއްސާކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ޖަނަވަރީން ފެށިގެން އޯގަސްޓުގެ ނިޔަލަށް މަސްކިރުވި މިންވަރު ނިމުނު އަހަރަށްވުރެ ވަރަށް ބޮޑަށް ދަށްވެފައިވެ އެވެ. އެގޮތުން ފާއިތުވި އަހަރުގެ އޯގަސްޓު މަަހުގެ ނިޔަލަށް 45،698 މެޓްރިކްޓަނުގެ މަސް ކިރުވި ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ކިރުވާފައިވަނީ 26،102 މެޓްރިކް ޓަނުގެ މަހެވެ.
އެ ހިސާބުތަކަށް ބަލާއިރު މި އަހަަރުގެ އެ މުއްދަތުގައި މިފްކޯއަށް މަސްކިރުވާފައިވަނީ ނިމުނު އަހަރަށްވުރެ 19،596 މެޓްރިކް ޓަން މަދުންނެވެ. އެހެންކަމުން ނިމުނު އަހަރަށްވުރެ މިފްކޯއަށް މަަސްކިރުވި މިންވަރުވަނީ ގާތްގަނޑަކަށް 42 ޕަސެންޓު ދަށްވެފަ އެވެ.
މި އަހަރުގެ ވަކި މަސްތަކަށް ބަލާއިރު އެންމެ ބޮޑަށް މަސްކިރުވި މިންވަރު ދަށްވީ ފާއިތުވި ޖުލައި އަދި އޯގަސްޓު މަހު އެވެ. ޖުލައި މަހު ކިރުވާފައިވަނީ އެންމެ 247 މެޓްރިކްޓަނުގެ މަހެވެ. ނިމުނު އަހަރުގެ ޖުލައި މަހު 1،831 މެޓްރިކްޓަނުގެ މަސް ކިރުވި އެވެ. އަދި ފާއިތުވި އޯގަސްޓު މަހު 672 މެޓްރިކްޓަނުގެ މަސް ކިރުވިއިރު ނިމުނު އަހަރުގެ އޯގަސްޓުގައި 3،204 މެޓްރިކްޓަނުގެ މަސް ކިރުވި އެވެ.
އެހެންކަމުން ނިމުނު އަހަރުގެ އޯގަސްޓު މަހާއި ޖުލައި މަހު މަސްކިރުވި އަދަދާ އަޅާބަލާއިރު މި އަހަރު އެ ދެމަހުގައި މަސްކިރުވާފައިވާ އަދަދު 81.7 އިންސައްތަ މަދެވެ.
ފާއިތުވި އަހަރާ އަޅާބަލާއިރު ކިރުވި މަހުގެ އަދަދު އެންމެ ބޮޑަށް މަދުވީ މޭ މަހު އެވެ. މޭ މަހު ކިރުވާފައިވަނީ 3،666 މެޓްރިކްޓަނުގެ މަހެވެ. 2023 ވަނަ އަހަރުގެ މޭގައި 8،535 މެޓްރިކްޓަނުގެ މަސް ކިރުވާފައިވެ އެވެ. އެހެންކަމުން މި އަހަރުގެ މޭ މަހު މަސްކިރުވާފައިވަނީ ނިމުނު އަހަރަށްވުރެ 57 އިންސައްތަ މަދުންނެވެ.
ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު މަސްވެރިކަން ދަށްވެފައިވާއިރު މަހުގެ ބާވަތްތައް އެކްސްޕޯޓުކުރާ މިންވަރުވެސް ފާއިތުވި އަހަރަށްވުރެ ވަރަށް ބޮޑަށް ދަށްވެފައިވެ އެވެ. ނަތީޖާއެއްގެ ގޮތުން ނިމުނު އަހަރަށްވުރެ ރާއްޖޭގެ ޓްރޭޑް ޑެފިސިޓު ނުވަތަ އެކްސްޕޯޓުކުރާ މިންވަރާއި އިމްޕޯޓުކުރާ މިންވަރުގެ ފަރަގު ބޮޑުވެފައިވެ އެވެ.